ފުލުހުންގެ ނިއުސް ބްރީފިންއެއް ލައިވް ޓީވީގައި ކުރިއަށް ދަނިކޮށް މިނިސްޓަރ އަމީން ކުރީގެ ސީޕީ ސުޖާއު އަށް ގުޅުން ބަލައިނުގަނެވޭ ކަމަށް ކޮމިޝަނުން ބުނެފިއެވެ.
ކޮމިޝަނުން ބުނީ، މާލޭގެ އިމާރާތަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގު ކުރިއަށް ދަނިކޮށް އަދި ފުލުހުންގެ ނިއުސް ބްރީފިންއެއް ލައިވް ޓީވީގައި ކުރިއަށް ދަނިކޮށް މައްސަލަ އާއި ގުޅޭގޮތުން ހެޔޮނިޔަތުގައި ނަމަވެސް ފުލުހުންގެ އެއްވެސް އޮފިސަރަކަށް މިނިސްޓަރ އަމީން ގުޅުއްވާ މައްސަލައާއި ގުޅޭގޮތުން އެއްވެސް ވާހަކައެއް ދެއްކުމަކީ އާންމު މީހެއްގެ ވިސްނުމުން ބެލިނަމަވެސް ބަލައިގަންނަން ދަތިކަމެއް ކަމަށެވެ.
މީގެ އިތުރުން އެ ރިޕޯޓުގައި ބުނީ، މިނިސްޓަރ އަމީން ކުރީގެ ސީޕީ ސުޖާ އަށް ގުޅިނަމަވެސް އެ ފޯނު ކޯލުގެ ސަބަބުން އެކަމާ ގުޅިގެން މިމައްސަލައިގެ ތަހްގީގަށް އެއްވެސް އަސަރެއް ކޮށްފައިވާކަމަށް އެ ކޮމިޝަނަށް ނުފެންނަކަމަށެވެ.
މިދިޔަ އޭޕްރިލް މަހު 18 ވަނަ ދުވަހު ޔުމްނު ހ. މިޓާޒް ގޭގެ ފުރާޅު މަތިން ޔުމްނު ފެނުމުގެ ކުރިން، އޭނާގެ ހަރަކާތްތައް ތަހުގީގު ބަލައިފައިވާއިރު، ޔުމްނުއާއި އޭނާއާ އެކު އުޅުނު މީހުން ފުރަތަމަ ދިޔައީ މއ. މާންދޫގެދެކުނުގެއަށްކަން ވަނީ ހާމަވެފައެވެ. އަދި އެ ގެއަކީ މިނިސްޓަރު އަމީންގެ އާއިލީ ގެކޮޅުކަންވެސް ހާމަވެފައިވެއެވެ. އެ މައްސަލައިގައި ޖަވާބުދާރީވާން މަޖިލީހަށް ވަޑައިގެން މިނިސްޓަރ އަމީން ވަނީ 24 އޭޕްރިލްގައި ޝުޖާއު އިސްކޮށް ހުންނަވައިގެން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އޭނާއަށް ގުޅުއްވި ކަމަށް އެއްބަސްވެފައެވެ.
އެހެން ނަމަވެސް ކޮމިޝަނަރަށް ގުޅުއްވީ އޭނާ ދިރިއުޅުއްވާ ގެކޮޅަށް ފުލުހުން އަންނަން ކޯޓު އަމުރެއް ބޭނުންނުވާނެ ވާހަކަ ދަންނަވަން ކަމަށާއި މި މައްސަލައާ ގުޅިގެން ނުފޫޒު ފޯރުވާ ކަމަށް ބުނެ ކުރަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްކަމަށް އަމީން ވިދާޅުވިއެވެ.
އޭގެ އިތުރުން އަމީން ވިދާޅުވީ އެ މައްސަލައިގައި ފުލުހުން މާންދޫގެދެކުނުގެއަށް ދިޔައިރު ކޯޓު އަމުރެއް ނެތް ކަމަށާއި، ބައެއް ފަހަރު ކޯޓު އަމުރު ހޯދުމަށް ވަގުތު ނަގާ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންވެ، އެ ގޭގެ އެހެން ވެރިންނާ ވާހަކަދައްކަވައި، އެ ގެއަށް ވަންނަން ކޯޓު އަމުރެއް ބޭނުންނުވާނެ ކަމަށް ބަޔާންކޮށް، ފުލުހުންގެ ތަހުގީގަށް ފަސޭހަކޮށް ދިނުމަށް ޝުޖާއަށް ގުޅުއްވީ ކަމަށް އަމީން ވިދާޅުވިއެވެ.
ނަމަވެސް މައްސަލަ ކުރިއަށް ދަނިކޮށް ޝުޖާއުވަނީ ސީޕީ މަގާމުން އިސްތިއުފާ ދީފައެވެ.