ކ. މާލެ
|
18 ޖޫން 2024 | އަންގާރަ 15:28
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުޙައްމަދު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުޙައްމަދު
މިހާރު
ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު
އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރުވެސް ތަރުޖަމާނުވެސް ފޯނު ނުނަންގަވާ

ޗުއްޓީ ހޭދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، ވެލާ ރިސޯޓަށް ވަޑައިގެންނެވުމާ ގުޅޭ ގޮތުން ސަރުކާރާއި، ވެލާ ރިސޯޓުން އެއްޗެއް ބުނުމަށް ދެކޮޅު ހަދައިފި އެވެ.

ޚަބަރުތައް ފެތުރިފައިވާ ގޮތުން ރައީސް މުޢިއްޒު ވެލާ ރިސޯޓަށް ވަޑައިގެންނެވީ އެމަނިކުފާނުގެ އާއިލާއާ ވެސް އެކުގަ އެވެ. އެގޮތުން އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން، ދަރިކަނބަލުން އަދި ދެ ދަރިކަލުން ވެސް ވަޑައިގެންނެވި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ބައެއް ހޯދުމަށް "ރާއްޖެ އެމްވީ" އިން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކޮމިއުނިކޭޝަން ވަޒީރު އިބްރާހީމް ޚަލީލް އަދި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އަށް ގުޅުއްވުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. އެހެންވެ މިކަމުގެ ސާފު މައުލޫމާތެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

Advertisement

އޭގެ އިތުރުން، މިކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދާލުމަށް މި ނޫހުގެ ފަރާތުން ވެލާ ރިސޯޓަށް ގުޅާލުމުން ބުނީ، އެފަދަ މައުލޫމާތެއް އަދި ލިބިފައި ނެތް ކަމަށެވެ. ބައެއް މީޑިއާ ތަކުގައި ރައީސް މުޢިއްޒު އެ ރިސޯޓަށް ވަޑައިގެންނެވި ވާހަކަ ރިޕޯޓުކޮށްފައިވާ ކަމަށް ބުނުމުން އެ ރިސޯޓުން ބުނީ، އެކަމާ ގުޅޭ ގޮތުން އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ. އަދި ޕްރައިވެޓް ބުކިންގ ތަކުގެ މައުލޫމާތަކީ އާއްމު ކުރާ އެއްޗެއް ނޫން ކަމަށްވެސް އެ ރިސޯޓުން ބުންޏެވެ.

ދުނިޔޭގެ ބޮޑެތި މަހުޖަނުންނާއި މަޝްހޫރު ތަރިން ޗުއްޓީ އަށް އަންނަ ކަމަށް ފާހަގަ ކުރެވިފައިވާ ވެލާ ރިސޯޓަކީ ދުނިޔޭގެ މަޤުބޫލުކަން ހޯދާފައިވާ އެންމެ މަތީ ފެންވަރުގެ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ އަގު ބޮޑު ރިސޯޓެކެވެ.

ޑރ. މުއިއްޒު އާއި އާއިލާ އިން ވެލާ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރައްވާކަން ސަރުކާރުން ހާމަ ކޮށްފައި ނެތަސް، ދުނިޔޭގެ ޑިމޮކްރަޓިކް ނިޒާމު ހިނގާ ގައުމުތަކުގައި އެގައުމު ތަކުގެ ވެރިން ޗުއްޓީއަށް ވަޑައިގަންނަވާ މައުލޫމާތު ރައްޔިތުންނަށް ހާމަ ކުރުމަކީ އާއްމު ކަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް