ކ. މާލެ
|
18 ޖޫން 2025 | ބުދަ 13:09
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު
ރާއްޖެ އެމްވީ
މަގޭ ރިޕޯޓް
ޚަރަދު ކުޑަ ކުރަން ބުނެ ފުނޑާލަނީ ރައްޔިތުންގެ ބަސް އޮތް ލާމަރުކަޒީ ނިޒާމު!
ދައުލަތުގެ ޚަރަދު ކުޑަ ކުރުމުގެ ޝައުޤުވެރިކަން އެހާ ބޮޑަށް އޮތް ނަމަ، ކުރެވިދާނެ އެހެން ކަންކަން އެބަ ހުއްޓެވެ. ސަރުކާރު ހިންގުމަށް ކުރަމުން އަންނަ ބޮޑު ހޭދަ މަދުކޮށް، ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު ވެސް މަދުކޮށް، ރާއްޖެ އިން ބޭރަށް ކުރައްވަމުން އަންނަ ނަތީޖާ ނުނެރެވޭ ދަތުރުތައް މަދުކޮށް، ދެން ވެސް ކުރާ ބޭކާރު ޚަރަދުތައް މަދުކޮށްލުން ބުއްދިވެރި އެވެ.

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާޙު ގެނައުމަށް، ސަރުކާރަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅައި، މަޖިލީހުން އެ ޤަރާރު ފާސް ވެސް ކޮށްފި އެވެ. ޤަރާރުގައި ހިމަނާފައި އޮތީ ކައުންސިލްތަކަށް ދައުލަތުން ކުރަން ޖެހޭ ޚަރަދު އިންތިހާ އަށް ބޮޑު ވާހަކަ އެވެެ. ސިޓީތަކާއި، ރަށްތަކުގައި ތިބޭ ކައުންސިލަރުންގެ އަދަދު މަދު ކުރާ ވާހަކަ އެވެ. މިކަން ކުރަނީ ޚަރަދު ކުޑަ ކުރުމުގެ ގޮތުން ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް، ހަގީގަތުގައި ވިސްނާލައިފި ނަމަ މިއީ މުޅިން އެހެން މަޤުސަދެއްގައި ކުރާ ކަމެކެވެ. މިއީ މިހާރު ވެރިކަމުގައި އޮތް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ފިކުރުމުގެ ކޮންމެ ވެރިކަމެއްގައި ވެސް މިކަން ކުރަން ހިފާލާ މަގެވެ. މީގެ ކުރިން 2013 ވަނަ އަހަރުން، 2018 ވަނަ އަހަރަށް އޮތް އެ ފިކުރުގެ ވެރިކަމުގައި ވެސް ފެނުނީ ލާމަރުކަޒީ ނިޒާމު ފުނޑާލަން މަސައްކަތްކޮށް، އެ ނިޒާމު މުޅިން ހަލާކުކޮށްލި މަންޒަރެވެ.

މިފަހަރު ވެސް މި ހިފާލި އެކަމަށެވެ. ކޮންމެހެން ޚަރަދު ކުޑަ ކުރުމެއް ނޫނެވެ. ޚަރަދު ކުޑަ ކުރުން ނިވާފަތްގަނޑަކަށް ހަދައި، ބޭނުން ވަނީ ސީދާ ރައްޔިތުންގެ ބަސް ބުނުން އޮތް ލާމަރުކަޒީ ނިޒާމު އަނެއްކާ ވެސް ފުނޑާލާށެވެ. ކައުންސިލަރުންގެ އަދަދު މަދުކޮށް، ސަރުކާރުން ބޭނުންވާ ގޮތް ގޮތަށް ކަންކަން ކުރުމަށް ނިޒާމު އަނބުރާލުމެވެ.

ޚަރަދު ބޮޑު ވާހަކަ ދައްކާއިރު، ކައުންސިލްތަކަށް ދެނީ ދައުލަތުން ފާސް ކުރާ ބަޖެޓުގެ އެންމެ ފަސް އިންސައްތަ އެވެ. އެއީ ކައުންސިލްތަކުަގައި ތިބޭ މުވައްޒަފުންގެ މުސާރަ ދިނުމަށާއި، އިތުރު ގަޑީގެ ފައިސާ ދިނުމަށާއި، ކަރަންޓު ބިލުތައް ދެއްކުމާއި، ރަށްތަކުގެ މަގުތައް ބަލަހައްޓައި ސާފު ކުރުމުގެ އިތުރުން، ދެން ވެސް ރަށް ތަކުގައި ކުރަން ހުރި ކަންކަން ކުރުމަށް ދެވޭ ފަސް އިންސައްތަ އެވެ.

މިހާރު ހުށަހަޅާފައި އޮތް ޤަރާރުގައި ވާ ގޮތަށް ބަދަލުކޮށް، ކައުންސިލަރުންގެ އަދަދު މަދު ކުރި ކަމަށް ވީ ނަމަވެސް، އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ސަލާމަތްވާން އޮތީ އެންމެ 0.1 އިންސައްތަ އެވެ. އެކަން މި ޤަރާރުގެ ބަހުސްގައި ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑޮކްޓަރު އަޙުމަދު ޝަމްހީދު ވެސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެހެނެއް ކަމަކު، ޤަރާރު ހުށަހަޅައިގެން ޚަރަދު ކުޑަ ކުރާ ވާހަކަ ސަރުކާރަށް ނިސްބަތްވާ، އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވަފާތެރި މެމްބަރުން ދައްކަވާއިރު، އެހެން ކަމެއް ވެސް ހަނދާން ކޮށްލުން މުހިންމެވެ. ރައީސުލްޖުމްހޫރިއްޔާ އަށް ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ލިބިދޭ ބާރުގެ ދަށުން، އެތައް ހާސް ސިޔާސީ މަގާމުތަކަށް ޕާޓީގެ އެކްޓިވިސްޓުން ވަނީ އައްޔަން ކޮށްފަ އެވެ.

ސަރުކާރުގެ ވުޒާރާތަކާއި، ކުންފުނިތަކުން ވަޒީފާތައް ދޭ މީހުން ކުރާނެ މަސައްކަތެއް ނެތް ތަނުގައި، އެ އެންމެން އިށީންނާނެ ގޮނޑި އާއި މަސައްކަތް ކުރާނެ މޭޒު ވެސް ނެތް ކަމީ ހިތި ހަގީގަތެވެ. އެ މީހުންނަށް މުސާރަ ދިނުމަށް ދައުލަތުގެ ބަޖެޓުން ބިލިއަނުން އަންނަނީ ޚަރަދު ކުރަމުންނެވެ. މާލީ ވުޒާރާ އިން ނެރޭ ތަފާސް ހިސާބުތަކުން ވެސް ސާފުވާން އޮތް ކަމަކީ، ދައުލަތް ހިންގުމުގެ ޚަރަދާއި، މުސާރައިގެ ޚަރަދަށް ކުރާ މިންވަރު އިންތިހާ އަށް އިތުރުވެފައިވާ ކަމެވެ.

ކަންމިހެން އޮތްއިރު، ޤަރާރު ހުށަހަޅައިގެން ކައުންސިލްތަކަށް ކުރާ ޚަރަދު އިންތިހާ އަށް ބޮޑު ކަމަށާއި، މިއީ ޚަރަދު ބޮޑު އަދި ދައުލަތަށް ބުރަ ބޮޑު ނިޒާމެއް ކަމަށް ވިދާޅުވަމުން ގެންދެވި ނަމަވެސް، ސިޔާސީ މަގާމުތަކަށް މުސާރަ ދިނުމަށް ކުރާ ޚަރަދުން އެ ވާހަކަތައް ދެކޮޅު ޖައްސަން ނިކަން އުނދަގުލެވެ.

އަނެއް ކަމަކީ، މި އުޅެނީ ރަށްތަކަށް ލިބެން އޮތް އެއްޗަކާ މެދު ކަންބޮޑުވެ އެކަން ނިމުމަަކަށް ގެނައުމަށެވެ. ރަށް ރަށުގެ މަސައްކަތްތައް ކުރުމަށް ދައުލަތުން ދޭ ފަސް އިންސައްތަ ވެސް ބޮޑު ކަަމަސް ދައްކައި، އަނެއްކާ ވެސް އަތް އަޅުއްވަން މި އުޅެނީ ރަށްތަކުގެ ރައްޔިތުންނަށް ލިބެން އޮތް އެއްޗެއްގަ އެވެ.

ދައުލަތުގެ ޚަރަދު ކުޑަ ކުރުމުގެ ޝައުޤުވެރިކަން އެހާ ބޮޑަށް އޮތް ނަމަ، ކުރެވިދާނެ އެހެން ކަންކަން އެބަ ހުއްޓެވެ. ސަރުކާރު ހިންގުމަށް ކުރަމުން އަންނަ ބޮޑު ހޭދަ މަދުކޮށް، ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު ވެސް މަދުކޮށް، ރާއްޖެ އިން ބޭރަށް ކުރައްވަމުން އަންނަ ނަތީޖާ ނުނެރެވޭ ދަތުރުތައް މަދުކޮށް، ދެން ވެސް ކުރާ ބޭކާރު ޚަރަދުތައް މަދުކޮށްލުން ބުއްދިވެރި އެވެ.

ދުނިޔޭގެ ރޭޓިން އެޖެންސީތަކުން ވެސް ފާހަގަ ކުރަނީ އެކަމެވެ. ކޮންމެހެން ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ލާމަަރުކަޒީ ނިޒާމުގެ ހުޅު ކޮޅު ނިއްވާލުމުގެ ނިޔަތުގައި "ޖަރީމާ" ހިންގަން ނޫޅުއްވާށެވެ. ތިޔަ ފުނޑާލެވެނީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ، ރައްޔިތުންގެ ހަގީގީ ބައިވެރިވުމާއި، ބަސް ބުނުން އޮތް ލާމަރުކަޒީ ނިޒާމެވެ.

- ކޮމެންޓް