ސަރުކާރުން އިނގުރައިދޫ ތަރައްގީން ބާކީ ކޮށްފައިވާ ކަމަށް ބުނެ، އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފިއެވެ.
އަންގާރަ ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ މި މުޒާހަރާގައި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ބައިވެރިވެފައިވެއެވެ.
އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ކުރިއަށް ގެންދިޔަ މި މުޒާހަރާގައި ޕީއެންސީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހުގެ އިސްތިއުފާއަށް ވެސް ގޮވާލާފައިވެއެވެ.
މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެރަށުގެ ތަރައްގީއަށް ގިނަ ވައުދުފުޅުތަކެއް ވެވަޑައިގެންނެވި ކަމަށާއި، މިއަދާ ހަމައަށް ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިއަށް ގެންގޮސްފައިނުވާ ކަމަށެވެ. އަދި ކުރީ ސަރުކާރުގައި ފަށާފައިވާ މަޝްރޫއުތައް ވެސް ހުއްޓުވާފައިވާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ.
މީގެ އިތުރުން މުޒާހަރާގެ ބައިވެރިން ބުނީ، ސިއްހީ މަރުކަޒުގެ އާ އިމާރާތް، ސްކޫލުގެ އާ އިމާރާތް، ބަނދަރު ހެދުމުގެ މަޝްރޫއު ކުރިއަށް ނުދާ ކަމަށެވެ. އަދި ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް، ކައުންސިލު އިދާރާގެ އައު އިމާރާތް، ވޮލީ ކޯޓު، ބަށި ކޯޓު، ޒުވާނުންގެ މަރުކަޒު ގާއިމް ކުރުމުގެ އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށް ނުދާ ކަމަށެވެ. މީގެ އިތުރުން މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ނުދާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ.
މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ރަށުގެ ތަރައްގީއަށް ގިނަ ސުވާލުތަކެއް އުފެދިފައިވާ ކަމަށާއި، ސަރުކާރުން ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ކަމަށެވެ. މި ސަރުކާރަށް ދޮޅު އަހަރުވެގެންދާއިރު، ރައީސް ޑރ.މުހައްމަދު މުއިއްޒަކީ ވައުދު ފުއްދޭނެ ގާބިލުކަމެއް ނެތް ބޭފުޅެއްކަން ސާބިތުވެފައިވާ ކަމަށެވެ.
މި ސަރުކާރަށް ވަރަށް އުންމީދުކުރި ނަމަވެސް މިހާރު އެއްވެސް އުންމީދެއް ނެތް ކަަމަށް ވެސް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ. އަދި މި ސަރުކާރަށް އަޑު އިވޭނީ މަގުމައްޗަށް ނުކުމެ އަޑު އުފުލުމުން ކަމަށާއި، ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ސަރުކާރުން ޖަވާބުދާރީ ވަންދެން ސިލްސިލާ ގޮތެއްގައި މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ.