މާޅޮސްމަޑުލު ދެކުނުބުރީ ''މާމަޑުއްވަރީ'' އެ އަތޮޅު ހިތާދޫ އާ ޙަވާލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ، މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ހިތާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ބުދަ ދުވަހު އޮތް މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ''މާމަޑުއްވަރީ'' އަކީ ތާރިޚަށް ބަލާއިރު ހިތާދޫ ރައްޔިތުންގެ ވަރަށް ބޮޑު ހިއްސާއެއް އޮތް، އިޤްތިޞާދީ ގޮތުން ފައިދާތަކެއް ހޯދާފައިވާ ރަށެއްކަމަށާ، ނަމަވެސް މިހާރު ޓޫރިޒަމް އެގްރިމަންޓެއްގެ ދަށުން ބަޔަކާ ޙަވާލުކުރެވި ގިނަ ދުވަސް ވެފައިވާ ރަށެއްކަމަށެވެ. އެއީ އެގްރިމަންޓާއި އެއްގޮތަށް މަސައްކަތް ހިނގަމުންނުދާ ރަށެއްކަން ފާހަގަކުރައްވައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ ޤާނޫނާއި ޤަވާއިދުގެ ތެރެއިން އެގްރިމަންޓްގެ ކަންކަން ނިމުމަކަށް ގެނެސް އެރަށް ހިތާދޫއާ ޙަވާލުކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.
ހިތާދޫގައި މިއަދު ވަނީ، ރަށު ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި ހިތާދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މި އެއްބަސްވުމަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ދެ މަޝްރޫޢު ނިމިގެންދާއިރު ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، ސްކޫލް ހޯލް ނިމިގެންދާއިރު، ސްކޫލަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ފުރިހަމާވާގޮތަށް މި މަޝްރޫޢު ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ހިތާދޫއާ ގުޅޭ ރިޔާސީ ވަޢުދުތަކަށް އިޝާރާތްކުރައްވައި، އެވަޢުދުތަކާ ގުޅުންހުރި ގިނަ ދާއިރާތަކުން ކުރައްވާ މަސައްކަތްތަކާއި ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ ހަތަރު ވަޢުދެއް ފުއްދުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފައްޓަވާނެކަމަށެވެ.
ރައީސް ވިދާޅުވީ ހެލްތު ސެންޓަރު ހެދުމުގެ އެގްރިމަންޓްގައި ސޮއިކުރެވިފައިވާ ކަމަށާއި، އެމަސައްކަތް ނިމޭއިރު ވަސީލަތްތައް ފުރިހަމަކުރުމަށް ޖާގަ ތަނަވަސްވެ، ހެލްތު ސެންޓަރުގައި ލެބޯޓްރީގެ ޚިދުމަތާއި ޑަޔަލިސިސްގެ ޚިދުމަތްވެސް ލިބިގެންދާނެކަމަށެވެ.
ކުޅިވަރުގެ ދާއިރާ އިން ފުލް ސައިޒް ފުޓުބޯޅަ ދަނޑެއް ހެދުމާއި، ވޮލީ ކޯޓު އެޅުމާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ޤާއިމުކުރުމާއި، އައުޓްޑޯ ޖިމްގެ މަސައްކަތްތައް މި އަހަރު ފައްޓަވާނޭކަމަށް ވިދާޅުވިއެވެ. ރައީސްގެ މި ދަތުރުފުޅުގައި މިއަދު ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޚިދުމަތް ހިތާދޫގައި ރަސްމީގޮތުން ފައްޓަވައިދެއްވާފައެވެ.