އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތަކެއް ދިނުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވައިފާނެ ކަމަށް އޭނާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވެއްޖެ އެވެ.
ވޭންސް މިހެން ވިދާޅުވީ އޭނާގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި އޭނާ ވިދާޅުވެފައި ވަނީ، އީރާންގެ ޔުރޭނިއަމް ފައްކާ ކުރުމުގެ ޕްރޮގްރާމް ނިންމުމަށް އެމެރިކާ އިން ފިޔަވަޅު އަޅަން ރައީސް ޓްރަމްޕް ނިންމަވައިފާނެ ކަމަށެވެ.
މީގެ އިތުރުން ވޭންސް ވިދާޅުވީ އެމެރިކާގެ އަސްކަރިއްޔާގެ ސިިފައިން އަދި އެމެރިކާގެ ރައްޔިތުންގެ ސަލާމަތްތެރިކަމާއި، ޙިމާޔަތްތެރިކަމުގައި ޓްރަމްޕް ވަރަށް ކެތްތެރިކަން ދައްކުވާފައިވާ ކަމަށެވެ. ނަމަވެސް، އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ދެކޮޅަށް ހަަމަލާ ދިނުމަށް ޓްރަމްޕް އަމުރުކުރައްވަފާނެ ކަަމަށް ވިދާޅުވެ ވޭންސް ވަނީ އިންޒާރު ދެއްވައިފަ އެވެ.
މީގެ އިތުރުން ވޭންސް ވިދާޅުވީ، އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަކީ ޓްރަމްޕްގެ ސިޔާސަތުގެ އެންމެ މުހިންމު އެއް ބައި ކަަަމަށެވެ. އަދި އެކަން ޙާސިލު ކުރެވެން އޮތީ ދެ ގޮތުން ކުރެ ކޮންމެ ވެސް އެއް ގޮތަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ އެކަން ކުރަން އެންމެ ފަސޭހަ ގޮތް، ނުވަތަ "އެހެން" ގޮތަކުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އިތުރަށް ވޭންސް ވިދާޅުވެފައި ވަނީ މަދަަނީ ބޭނުންތަކަށް ނިއުކްލިއާ ހަކަތަ އީރާނަށް ބޭނުން ކުރެވިދާނެ ކަމަށާއި، ނަމަވެސް އެމެރިކާ އިން ހުށަހަޅާފައިވާ ހުށަހެޅުން އީރާނުން ބަލައިގެންފައި ނުވާ ކަމަށެވެ. އަދި އީރާނުން ގެންދަނީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ޤަވާއިދުތަކާ ޚިލާފަށް ޔުރޭނިއަމް ފައްކާ ކުރަމުން ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެެ.
އެ ޕޯސްޓުގައި އިތުރަށް ވޭންސް ވިދާޅުވީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މައްސަަަލައިގައި، އެމެރިކާ އިން އަޅާނެ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް ނިންމުމުގެ ފުރިހަަމަ ބާރު އޮތީ ރައީސް ޓްރަމްޕްގެ އަތް މަތީގައި ކަމަށެވެ. ވޭންސްގެ މި ޕޯސްޓާ ގުޅިގެން، މިއީ އެމެރިކާ އިން ދީފައިވާ އިންޒާރެއްގެ ގޮތުގައި އަންނަނީ ސިފަ ކުރަމުންނެވެ.
އީރާނާއި އެމެރިކާއާ ދެމެދު ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް ފަށާފައި ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން މިހާތަނަށް ވަނީ ފަސް ބުރެއްގެ މަތިން ބައްދަލު ކޮށްފަ އެވެ. މި މަޝްވަރާތުގައި ޚިޔާލު ތަފާތުވުންތައް އުފެދިފައި ވަނީ ޔުރޭނިއަމް ފައްކާ ކުރުމުގެ ކަންތަކާ މެދު އެވެ. އެމެރިކާ އިން ބުނަނީ އީރާނަށް އެއްވެސް މިންވަރަކަށް ޔުރޭނިއަމް ފައްކާ ކުރެވިގެން ނުވާނެ ކަމަށެވެ.
ނަމަވެސް އީރާނުން ބުނަމުން އަންނަނީ އެއީ އެ ޤައުމަށް ލިބިގެންވާ ހައްގެއް ކަމަށާއި، އެ ހައްގު ދޫކޮށް ނުލާނެ ކަމަށެވެ. އަދި އެ ހައްގު ގެއްލޭ ގޮތަށް ހުށަހަޅާ ކޮންމެ ހުށަހެޅުމަކާ އެ ޤައުމުން ދެކޮޅު ހަދާނެ ކަަމަށް ވެސް ބުނެފައިވެ އެވެ.
ދެ ޤައުމުގެ ދެ މެދުގައި ހަ ވަަނަ ބުރުގެ މަޝްވަރާ ބައްދަލުވުމެއް ބާއްވަން ތާވަލުކޮށްފައި އޮތީ މިދިޔަ އާދީއްތަ ދުވަހަށެވެ. ނަމަވެސް، އިސްރާއީލާއި އީރާާނާ ދެމެދު މިހާރު ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުންް، އޮމާންގައި ބާއްވަން ހަމަޖެހިފައި އޮތް ހަ ވަނަ ބުރުގެ މަޝްވަރާ ބައްދަލުވުން ވަނީ ކެންސަލްކޮށްފަ އެވެ.