ކ. މާލެ
|
18 ޖޫން 2025 | ބުދަ 10:10
އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ރޮއިޓަރސް
އިސްރާއީލް-އީރާން ހަނގުރާމަ
ޚާމަނާއީ އުޅުއްވާ ތަނެއް އިނގޭ ކަމަށާއި، ނަމަވެސް އަވަހާރަކޮށްލަން ބޭނުން ނުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ޓްރަމްޕް ވިދާޅުވެފައި ވަނީ އެމެރިކާ އިން ޚާމަނާއީ އަވަހާރަކޮށްލަން ބޭނުން ނުވާ ކަމަށް. އަދި އަމުދުން މިވަގުތު އެކަން ކުރަން ބޭނުން ނުވާ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ފިއްލަވައިގެން އުޅުއްވާ ތަނެއް އިނގޭ ކަމަށާއި، ނަމަވެސް އޭނާ އަވަހާރަކޮށްލަން ބޭނުން ނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އީރާންގެ ރޫހާނީ ލީޑަރު ޚާމަނާއީ "ފިއްލަވައިގެން" އުޅުއްވާ ތަން އެމެރިކާާ އަށް އިނގޭ ކަމަށެވެ. އަދި ޚާމަނާއީ އަކީ ވަރަށް ފަސޭހަ ޓާގެޓެއް ކަމަށާއި، ނަމަވެެސް ޚާމަނާއީ ހުންނެވި ތަނެއްގައި ރައްކާތެރިކަން އޮންނާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. 

މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ އެމެރިކާ އިން ޚާމަނާއީ އަވަހާރަކޮށްލަން ބޭނުން ނުވާ ކަމަށެވެ. އަދި އަމުދުން މިވަގުތު އެކަން ކުރަން ބޭނުން ނުވާ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

އިތުރަށް ޓްރަމްޕް ވިދާޅުވެފައި ވަނީ އެމެރިކާގެ އެއްވެސް ރައްޔިތަކަށް ނުވަތަ އެމެރިކާގެ ރައްޔިތުންނަށް އަދި އެމެރިކާގެ އަސްކަރިއްޔާ އަށް އަމާުޒުކޮށް މިސައިލް ހަމަލާއެއް އަންނަން ބޭނުން ނުވާ ކަމަށެވެ. 

އިސްރާއީލާއި އީރާނާ ދެމެދު މިހާރު ހިނގަމުން އަންނަ ހަނގުރާމައިގައި އީރާނުން އަންނަނީ އިސްރާއީލަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަދި އިސްރާއީލަށް ވާގިވެރިވާ ކޮންމެ ޤައުމަކީ ވެސް، އީރާންގެ ޓާގެޓަކަށް ވާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ. އެމެރިކާ އަކީ އިސްރާއީލަށް އެންމެ ބޮޑަށް އެހީތެރިވަމުން އަންނަ ޤައުމެވެ. 

މި ހަނގުރާމައިގެ ނުތަނަވަސްކަން އުފެދިފައި ވަނިކޮށް، ޓްރަމްޕް ވަނީ ޖީ7 ސަމިޓުގައި ބައިވެރިވުމަށް ކުރެއްވި ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު އެނބުރި ޤައުމަށް ވެސް ވަޑައިގެންފަ އެވެ. އެ ދަތުރުގެ ކުރިން އޭނާ ވަނީ އީރާންގެ ވެރި ރަށް ތެހެރާން އިން މީހުން ނިކުުތުމަށް އަންގައި އިންޒާރު ވެސް ދީފަ އެވެ. 

މި ހަނގުރާމައާ ގުޅިގެން ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ އެ ހަނގުރާމައާ އެމެރިކާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށާއި، އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ވެސް ނޯންނާނެ ކަމަށެވެ. ނަމަވެސް، އެ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަންނަން ޖެހިދާނެ ކަމަށް ދާދި ފަހުން ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

އީރާންގެ ރޫހާނީ ލީޑަރު ޚާމަނާއީ "ފިއްލަވައިގެން" އުޅުއްވާ ތަނެއް އިނގޭ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު، ޚާމަނާއީ އަކީ އީރާންގެ އެންމެ ފަހު ބަސް ބުމުގެ ހައްގު އޮންނަ ލީޑަރެވެ. އަދި ޚާމަނައީގެ ޙަރަކާތްތަކާއި، ޚާމަނާއީ އުޅުއްވާ ތަންތަން އޮންނަނީ، ސަލާމަތީ ސަބަބުތަކަށް ޓަކައި ވަރަށް ބޮޑަށް ސިއްރު ކުރެވިފަ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޚާމަނާއީގެ ޙަރަކާތްތަކާއި، ޚާމަނާއީ އުޅުއްވާ ތަންތަން ބަލަން ބޭނުންވި ނަމަވެސް، އިސްރާއީލް އަދި އެމެރިކާގެ ޖާސޫސީ އިދާރާތަކަށް ވެސް މިހާތަނަށް އެކަން ކުރެވިފައި ނުވާ ކަމަށެވެ. 

- ކޮމެންޓް