އިސްރާއީލުގެ އިންޓެލިޖެންސް އޭޖެންސީ، މޮސާޑަށް ޖާސޫސް ކުރުމުގެ ތުހުމަތުގައި އަދި އީރާނުގެ އެތެރޭގައި ހަމަލާތައް ރޭވުމުގެ ތުހުމަތުގައި އެތައް ބަޔަކު ހައްޔަރު ކޮށްފި ކަމަށް އީރާނުގެ ލޯކަލް މީޑިއާއިން ރިޕޯޓު ކޮށްފިއެވެ.
ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓުކުރާ ގޮތުގައި، ދެކުނުގެ ބަނދަރު ސިޓީ ބުޝެހުރު ގައި "ސެންސިޓިވް ނިއުކްލިއަރ އޭރިއާ" އެއްގެ ފޮޓޯ ނަގަމުން ދަނިކޮށް ބޭރު ޤައުމެއްގެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އަދި އެ މީހާ އަކީ އިސްރާއީލުގެ މޮސާޑް ޖާސޫސީ އޭޖެންސީ އަށް މަސައްކަތް ކުރާ މީހެއް ކަމަށް ވަނީ ބެލެވިފައެވެ.
މި ނިއުސް ސައިޓުން އިތުރަށް ރިޕޯޓުކުރާ ގޮތުގައި، ތެހެރާންގެ ބޭރު ސަރަހައްދުގައި އޮންނަ ބަހަރެސްތާން ކައުންޓީގައި ވެހިކަލްއެއް ޗެކްކުރުމުގެ ތެރޭގައި މޮސާޑާ ގުޅުން ހުރި "ޓެރަރިސްޓް ޓީމެއް" ވަނީ އަތުލައިގަނެފައެވެ. އަދި އެ ވެހިކަލްއިން މައިކްރޯ ޑްރޯންތަކާއި، ގޮވާ ތަކެއްޗާއި، މުވާސަލާތީ އާލާތްތަކާއި، ޓާގެޓް ކުރުމުގެ ސިސްޓަމްތައް ވަނީ ފެނިފައެވެ.
އެ ސަރަހައްދުގެ އެކްޓިންގ ގަވަރނަރ މުރާދު މުރާދީ ވިދާޅުވި ގޮތުގައި، ޝައްކުކުރެވޭ މީހުން "މި އާލާތްތައް ބޭނުންކޮށްގެން މީހުން ގިނަ ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ގަސްތުގައި ނުަރައްކާތެރި އޮޕަރޭޝަންތައް ހިންގުމަށް ރާވާފައިވެއެވެ. އަދި ބިރުވެރިކަމާއި ހާސްކަން އުފައްދައި، އެތެރޭގެ ސަލާމަތައް ނުރައްކާ ކުރުމަށް ރާވާފައިވެއެވެ."
⚡️Iran: Mossad agent suicide attempt before arrest by the Revolutionary Guards pic.twitter.com/qxlWiDeiW6
— Middle East Observer (@ME_Observer_) June 17, 2025
އީރާނުގެ އެހެން ނިއުސް ވެބްސައިޓަކުން އިތުރަށް ރިޕޯޓުކުރި ގޮތުގައި، އިސްފަހާން ސިޓީގައި ހުރި ވަރކްޝޮޕަކުން "ޑްރޯންތަކާއި މައިކްރޯ އެއަރކްރާފްޓް" އުފެއްދުމަށް ބޭނުންކުރާ ތަކެތި ފެނުމާ ގުޅިގެން، އިސްރާއީލަށް "މަރސެނަރީން" ގެ ގޮތުގައި މަސައްކަތްކުރާ ކަމަށް ޝައްކުކުރެވޭ 4 މީހަކު ހައްޔަރުކުރެވުނެވެ.
އިސްފަހާން ސިޓީއަކީ އެ ޤައުމުގެ އިސްފަހާން ނިއުކްލިއަރ ފެސިލިޓީތަކާ ކައިރީގައި އޮންނަ ސިޓީއެކެވެ.