ކ. މާލެ
|
17 ޖޫން 2025 | އަންގާރަ 11:53
އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ
އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ
ރޮއިޓަރސް
އިސްރާއީލް-އީރާން ހަނގުރާމަ
އެމެރިކާގެ އެންމެ ފޯނު ކޯލަކުން ވެސް އިސްރާއީލްގެ ހަމަލާތައް ހުއްޓުވޭނެ: އަރާގްޗީ
އިސްރާއީލް އިން ދެމުން އަންނަ އަސްކަރީ ހަމަލާތައް މުޅިން ހުއްޓާ ނުލާހާ ހިނދަކު، އީރާނުން ރައްދުގައި ހަމަލާތައް ދިނުން ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައި

އެމެރިކާގެ އެންމެ ފޯނު ކޯލަކުން ވެސް، އިސްރާއީލް އިން އީރާނަށް ދެމުން އަންނަ ހަަމަލާތައް ހުއްޓުވޭނެ ކަމަށް، އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ. 

އަރާގްޗީ މިހެން ވިދާޅުވެފައި ވަނީ އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގަ އެވެ.  އޭނާ ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަކީ ހަގީގަތުގައި ވެސް ޑިޕްލޮމަސީ އަށް އެދިވަޑައިގަންނަވާ ބޭފުޅެއް ނަމަ، އަދި މިހާރު ހިނގަމުން އަންނަ ހަނގުރާމަ ހުއްޓުވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅެއް ނަމަ، ދެން އަޅަން ޖެހޭ ފިޔަވަޅުތަކުން ނަތީޖާ ނެރެވެން ޖެހޭނެ ކަމަށެވެ. 

މީގެ އިތުރުން އަރާގްޗީ ވިދާޅުވީ، އިސްރާއީލް އިން އީރާނަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އިސްރާއީލް އިން ދެމުން އަންނަ އަސްކަރީ ހަމަލާތައް މުޅިން ހުއްޓާ ނުލާހާ ހިނދަކު، އީރާނުން ރައްދުގައި ހަމަލާތައް ދިނުން ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އަރާގްޗީގެ ޕޯސްޓުގައި އިތުރަށް އޭނާ ވިދާޅުވެފައި ވަނީ، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން އަންނަ ކުށްވެރިއެއް ކަމަށެވެ. އަދި ނަތަންޔާހޫ ފަދަ މީހަކު ހުއްޓުވުމަށް އެމެރިކާ އިން ކުރަން ޖެހޭނީ އެންމެ ފޯނު ކޯލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެއީ ސުލްޙަވެރިކަމާއި، ހަމަޖެހުމަށް އަނބުރައި ދިޔުމުގެ މަގހު ފަހިކޮށްދޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. 

އިސްރާއީލަށް އަމާޒުކޮށް އީރާނުން ދެމުން އަންނަ ހަމަލާތަކަށް އިޝާރާތް ކުރަމުން އަރާގްޗީ ވިދާޅުވެފައި ވަނީ، އިސްރާއީލްގެ ވެރި ރަށް ތެލް އަވީވްގައި ތިބި ހަނގުރާމައިގެ ކުށްވެރިންނަށް އަދަބު ލިބޭނެ ކަމަށެވެ. އަދި އީރާންގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލް އިން ދެމުން އަންނަ ހަމާލަތައް ހުއްޓާލަން ދެން، އިސްރާއީލަށް ދެމުން އަންނަ ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށް ވެސް އަރާގްޗީ ވަނީ ވިދާޅުވެފަ އެވެ. 

އީރާންގެ ނިއުކްލިއާ ފެސިލިޓީ އަށް އަމާޒުކޮށް އިސްރާއީލް އިން ދިން ހަމަލާތަކާ ގުޅިގެން، އީރާނުން އަންނަނީ އޭގެ ރައްދުގައި އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިސްރާއީލްގެ ތެލް އަވީވް އަދި ހައިފާ ސިޓީ އަށް އަމާޒުކޮށް އީރާން އިން ދެމުން އަންނަ ހަމަލާތަކުގައި އިސްރާއީލަށް އަންނަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.

- ކޮމެންޓް