ކ. މާލެ
|
17 ޖޫން 2025 | އަންގާރަ 11:54
އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ
އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ
ރޮއިޓަރސް
ޖީ-7 ސަމިޓް
ޖީ7 ސަމިޓް ދޫކުރައްވައި ޓްރަމްޕް ވަޑައިގެންފި
ކެނޭޑިއަން ރޮކީސްގައި އޮންނަ ޖީ7 ސަމިޓުގެ ބައްދަލުވުން ބާއްވާ ތަން ދޫކުރައްވައި ވަޑައިގެންނެވުމުގެ ކުރިން، ޓްރަމްޕް ވަނީ އީރާންގެ ރައްޔިތުންނަށް އިންޒާރެއް ވެސް ދެއްވާފައެވެ.

ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ7 ސަމިޓު ފެށުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެނބުރި އެމެރިކާ އަށް ވަޑައިގެންފި އެވެ. 

ޖީ7 ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ޓްރަމްޕް ވަނީ ކެނެޑާ އަށް ވަޑައިގެންފަ އެވެ. ނަަމަވެސް، މިވަގުތު އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި، ޓްރަމްޕް ވަނީ އެނބުރި ޤައުމަށް ވަޑައިގެންފަ އެވެ. 

ހުކުރު ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކަށް މިހާރު ވަނީ ފަސް ދުވަސް ވެފަ އެވެ. ކެނޭޑިއަން ރޮކީސްގައި އޮންނަ ޖީ7 ސަމިޓުގެ ބައްދަލުވުން ބާއްވާ ތަން ދޫކުރައްވައި ވަޑައިގެންނެވުމުގެ ކުރިން، ޓްރަމްޕް ވަނީ އީރާންގެ ރައްޔިތުންނަށް އިންޒާރެއް ވެސް ދެއްވައިފަ އެވެ.

އެގޮތުން ޓްރަމްޕް އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ ފަރާތުން ސޮއި ކުރުމަށް ހުށަހަޅާފައިވާ އެއްބަސްވުމުގައި އީރާން އިން ސޮއި ކުރަން ޖެހޭ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ އެ އެއްބަސްވުމުގައި އީރާން އިން ސޮއި ނުކުރުމަކީ އިންތިހާާ އަށް ލަދުވެތި ކަމެއް ކަމަށެވެ. 

މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ އީރާނަށް ނިއުކްލިއާ ހަތިޔާރު ނުގެންގުޅެވޭނެ ކަމަށެވެ. އަދި އެއީ މިހާތަނަށް އައިއިރު އޭނާ ތަކުރާރުކޮށް ހާމަ ކުރަމުން އައި ވާހަކައެއް ކަމަށާއި، އީރާންގެ ވެރި ރަށް ތެހެރާންގައި ތިބި އެންމެން ވީ އެންމެ އަވަހަކަށް އެ ސަރަހައްދު ދޫކޮށް ދާން ޖެހޭ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ޖީ7 އޮންނަ ސަމިޓުން ޓްރަމްޕް ވަނީ އެމެރިކާގެ ރައީސް ހެލިކޮޕްޓަރުގައި ވަޑައިގެންފަ އެވެ. އެއީ އެއާ ފޯސް ވަން އަށް ވަޑައިގަތުމަށްޓަކައި ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ. 

މެދު އިރުމަތީ ގައި އޮތް ހަނގުރާމައިގެ ޙާލަތާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކަންބޮޑުވުން އިތުރު ވަމުންދާ ދަނޑިވަޅެއްގައި  ޓްރަމްޕް ސަމިޓް ދޫކޮށްލެއްވި ނަމަވެސް، ޖީ7 ގެ އެހެން މެންބަރު ޤައުމުތަކުގެ ލީޑަރުން މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ.

މި ޙާލަތުގައި ކުރިއަށް އޮތް ދުވަސް ތަކުގައި ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވި، ސަރަޙައްދީ ހަމަޖެހުމަށް މަގުފަހިވާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

- ކޮމެންޓް