ޔުނިވަރސަލް ރިސޯޓްތަކުން ސާރވިސް ޗާޖް ޑޮލަރުން ދިނުން ހުއްޓާލަން ނިންމިކަން ހާމަކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ސޮއިކުރައްވާ ފޮނުއްވި ސަރކިއުލާ އެއްގައި ބުނެފައި ވަނީ ބަލަން ޖެހޭ މުހިންމު ކަންކަން ބަލާ މަޝްވަރާކުރުމަށް ފަހު ޖުލައި މަހުން ފެށިގެން ސަރވިސް ޗާރޖް ދިވެހި ރުފިޔާ އިން ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އަދި މި ބަދަލު ގެނައީ ސަރުކާރުން ބޭރު ފައިސާގެ ޤާނޫނަށް ގެނައި ބަދަލަށް އަމަލުކުރަން ފެށުމާ ގުޅިގެން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެ ކުންފުނިން މިފަދަ ބަދަލެއް ގެނައީ އޮމާންކަމާއި އެކު ކުންފުނި ހިންގުމަށް މި ވަގުތަށް އެހެން ގޮތެއް ނުފެނުމުން ކަމަށް ވެސް ޔުނިވަރސަލް އިން ބުނެފައިވެއެވެ. ޔުނިވަރސަލް އިން އިތުރަށް ބުނެފައި ވަނީ ސަރުކާރުން މި ޑޮލަރ ގެ ޕޮލިސީ އަށް އެއްވެސް ލުޔެއް ގެނެސްފިނަމަ އެ ގެންނަ ބަދަލަކާ ގުޅިގެން މުވައްޒަފުން ނަށަށް ޑޮލަރުން ސާރވިސް ޗާރޖް ދެވޭނެ ހާލަތަކަށް އާދެވޭނެކަމަށް ވާނެކަމާއި އަންނަ އެފަދަ ބަދަލަކަށް ވަރަށް ކައިރިން ބަލަމުންދާނެ ކަމަށެވެ.
ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ލާޒިމު ކުރި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ އާއި ސާރވިސް ޗާޖު ދިވެހި ރުފިޔާ އިން ދޭން ފެށުމުން މުވައްޒަފުންގެ އާމްދަނީ ދަށަށް ދާކަން އެ ދާއިރާގެ މަސައްކަތްތެރިން ފާޙަގަކުރެއެވެ. އެގޮތުން ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ފާހަގަ ކުރި ގޮތުގައި، ޑޮލަރުން މުސާރަ ލިބެމުން އައި މުވައްޒަފުންނަށް ރުފިޔާ އިން މުސާރަ ދޭން ފެށުމުން 3،000 ރުފިޔާ އިން ފެށިގެން 5،000 ރުފިޔާއާ ހަމައަށް މަހަކަށް ޖެހޭ އާމްދަނީ މަދުވެގެންދާނެއެވެ.
މި ހިނގާ ޖަނަވަރީ މަހުން ފެށިގެން ޢަމަލުކުރަން ފަށާފައިވާ ގާނޫނަށް ގެނައި ބަދަލުތަކުގެ ދަށުން، ރިސޯޓުތައް ހިމެނޭ ގޮތަށް ބޭރު ފައިސާ ލިބޭ ވިޔަފާރިތަކުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތަ ދިވެހި ރުފިޔާއަށް މާރު ކުރަން ޖެހެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ބައެއް ރިސޯޓުތަކުން ވަނީ މުސާރަ އާއި ސާރވިސް ޗާޖު އެމެރިކާ ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާ އިން ދޭން ފަށާފައެވެ.
މި ބަދަލުތަކުގެ ސަބަބުން މުވައްޒަފުންނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ހަވާލާދީ ސަރުކާރުން މިކަމަށް އަވަސް ފިޔަވަޅު އަޅައިދިނުމަށް ޓީމް އިން ގޮވާލާފައިވެއެވެ. މުސާރައާއި ސާރވިސް ޗާޖު ދިވެހި ރުފިޔާއަށް ބަދަލުކުރުން ހުއްޓާލުމަށް ވެސް ޓީމް އިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ޑޮލަރު މާރުކުރުމުގެ ސިޔާސަތަށް ސަރުކާރުން ގެނައި ބަދަލާ އެކު، 2027 ވަނަ އަހަރު އާންމު ރޭޓުގައި ޑޮލަރު ލިބެން ފަށާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.