އިސްރާއީލާ ދެކޮޅަށް އީރާނުން ހިންގާ އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3 ގެ ސަބަބުން އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުން އެމީހުން ހީކުރިވަރަށް ވުރެ "މާ ބޮޑު" ކަމަށް އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ އިސް ކޮމާންޑަރަކާ ހަވާލާ ދީ އީރާނުގެ ޕްރެސް ޓީވީ އިން ރިޕޯޓު ކޮށްފިއެވެ. .
"ދުޝްމަނުންގެ ފުރަތަމަ ހަމަލާ އަށް ގާތްގަނޑަކަށް 20 ގަޑިއިރު ފަހުން، އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3 ހިންގުނީ ޒަޔަނިސްޓް ވެރިކަމުގެ ދިފާއީ ތައްޔާރީތައް އޭގެ އެންމެ މަތީގައި ހުރި ވަގުތެއްގައެވެ. އީރާނުން ދީފާނެ ޖަވާބަކަށް އެމީހުން ތައްޔާރުވެ، އެމީހުންގެ ހުރިހާ ވައިގެ ދިފާއީ ނިޒާމުތައް އެކްޓިވޭޓްކޮށް، އަދި އަވައްޓެރި ޤައުމުތަކުގެ މައްޗަށްވެސް ވައިގެ ބާރު ހޯދާފައި ތިބި ވަގުތެއްގައެވެ،" ޑެޕިއުޓީ ކޮމާންޑަރ ފޮރ ޕޮލިޓިކަލް އެފެއާޒް ބްރިގޭޑިއަރ ޖެނެރަލް ޔާދުﷲ ޖަވާނީ ހޯމަ ދުވަހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގޮތުން ޑިޕްލޮމެޓިކް ރޮނގުން މަސައްކަތްތައް ކުރިއަށް ދަނިކޮށް އިސްރާއީލުން ބާރުގެ ބޭނުން ކުރަން ނިންމާ ޓެރަރިސްޓް އަމަލުތައް އިޚްތިޔާރު ކުރި ކަމަށް ވިދާޅުވެ، އޭނާ ފާހަގަ ކުރެއްވީ "އީރާނުގެ އަސްކަރީ އަދި މިސައިލް އުފައްދާ ތަންތަނަށް އެމީހުން ދިން ހަމަލާތަކުން އިސްލާމިކް ރިޕަބްލިކްގެ ދިފާއީ އަދި ހަމަލާދޭ ޤާބިލުކަން މުޅިން ނައްތާލެވުނު ކަމަށް އެމީހުން ޤަބޫލުކުރި،" ކަމަށެވެ.
އިސްރާއީލަށް ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކުގައި ބޭނުންކުރި މިސައިލްތަކުގެ ތަފާތު ބާވަތްތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން، ޖަވާނީ ވިދާޅުވީ، "ރަސްމީ ރިޕޯޓުތަކުން ކަށަވަރުވާ ގޮތުގައި ދުރު ރާސްތާ އަށް ދަތުރުކުރާ ބެލިސްޓިކް މިސައިލްތަކުގެ އިތުރުން، އީރާނުން 'އަރާޝް' ފަދަ އައު ޑްރޯންތައް އިސްރާއީލުން ހިފާފައިވާ ސަރަޙައްދުތަކުގެ ވައިގެ ސަރަޙައްދަށް ކާމިޔާބުކަމާއެކު ފޮނުވުނު،" ކަމަށެވެ.
މިހާތަނަށް މިފަދަ ޔަގީން ކަމާއެކު އިސްރާއީލުން ހިސާރު ކޮށްގެން އުޅޭ ބިންތަކުގެ ސަރަޙައްދުތަކަށް ހަމަލަތައް ފޮނުވިފައި ނުވުމާއެކު މިފަހަރުގެ ހަމަލާތައް އަމާޒުވުމުން ދުޝްމަނުންނަށް ލިބުނީ ބޮޑު ޝޮކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިތުރަށް ވިދާޅުވީ އޮޕަރޭޝަން އެހާ ބާރުގަދަވުމުގެ ސަބަބުން އިސްރާއީލުގެ އިސްވެރިންނާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ވެސް ހައިރާންކަން ލިބިގެން ދިޔަ ކަމަށެވެ.
އިސްރާއީލުގެ ހަމަލާތަކުގައި މަރުވާ މީހުންނާއި ޒަޚަމްވި މީހުންގެ ފޮޓޯތަކާއި ޚަބަރުތައް ހާމަކަމާ އެކު ހިއްސާކުރާ އިރު، ޒަޔަނިސްޓް ވެރިކަމުން އެކަން އެހެން ކުރުމުގެ ބަދަލުގައި ހަމަ ޖައްސާލަނީ އަސްކަރީ ބަޔާންތަކާއި، އިންޓެލިޖެންސް އޭޖެންސީތަކުގެ ބުލެޓިންތަކުން ކަމަށާއި، އަދި ހަމަލާތަކާ ބެހޭ ކަންކަން ޑޮކިއުމެންޓް ކޮށް ހަދާ އާންމު ފަރާތްތަކަށް ބިރު ދައްކަމުން ގެންދާ ކަަމަށާއި އެ ކަންކަމުގެ ބޭނުމަކީ ހަމަލާތަކުން އިސްރާއީލަށް ލިބޭ ގެއްލުމުގެ ހަގީގަތް ފޮރުވުމަށް ކަމަށް އޭނާ ހާމަ ކުރެއްވިއެވެ.
އައިއާރުޖީސީގެ ކޮމާންޑަރު ވިދާޅުވީ، އިސްރާއީލުން ހާމަ ކުރާ މައުލޫމާތު އެ ހާމަކުރަނީ މަޖުބޫރު ވެގެން ކަމަށާއި އެކަން ކުރަނީ ކޮންމެހެން ހާމަ ކުރަން ޖެހޭ އެންމެ މަދު މިންވަރުގެ މައުލޫމާތުގެ މައްޗަށް ބިނާކޮށްގެން ކަމުގައެވެ.