ކ. މާލެ
|
16 ޖޫން 2025 | ހޯމަ 01:16
އީރާނުގެ ހަމަލާ އެއްގެ ސަބަބުން އިސްރާއީލުގެ ބަތު ޔާމް ގައި ހުރި އިމާރާތަކަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައި
އީރާނުގެ ހަމަލާ އެއްގެ ސަބަބުން އިސްރާއީލުގެ ބަތު ޔާމް ގައި ހުރި އިމާރާތަކަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައި
ޝަޓާ ސްޓޮކް
އިސްރާއީލް-އީރާން ހަނގުރާމަ
އީރާނުގެ ހަމަލާތަކުން ލިބުނު ގެއްލުންތަކާ މެދު އިސްރާއީލުގެ އާންމު ހައިރާންވެފައި
ބަތު ޔާމުގެ ރަށްވެހިން ބީބީސީ އަށް ބުނެފައި ވަނީ އަޔަން ޑޯމް މިސައިލް ދިފާއީ ނިޒާމު ހުރުމާއެކު، އީރާނަށް މިފަދަ ގެއްލުމެއް ދެވުނީތީ އެމީހުން ތިބީ ހައިރާން ވެފައި ކަމަށް

ހޯމަ ވިލޭރޭ އިތުރު މިސައިލް ހަމަލާތަކެއް އީރާނުން އިސްރާއީލަށް ވަނީ ދީފައެވެ.

މި ހަމަލާތަކުގައި ހައިފާ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަނެއްކޮޅުން އޭގެ ކުރީ ރޭ އީރާނުގެ މިސައިލަކުން ބަތު ޔާމް ކިޔާ އައްސޭރިފަށުގެ އިސްރާއީލުގެ ސިޓީއެއްގައި ހުރި އެތައް ބުރީގެ އިމާރާތެއް ވަނީ ފުނޑުފުނޑުވެފައެވެ. މި ހަމަލާގައި ދެ ކުޑަކުދިން ހިމެނޭ ގޮތަށް 7 މީހުން މަރުވެފައިވެއެވެ.

ބަތު ޔާމުގެ ރަށްވެހިން ބީބީސީ އަށް ބުނެފައި ވަނީ އަޔަން ޑޯމް މިސައިލް ދިފާއީ ނިޒާމު ހުރުމާއެކު، އީރާނަށް މިފަދަ ގެއްލުމެއް ދެވުނީތީ އެމީހުން ތިބީ ހައިރާން ވެފައި ކަމަށެވެ.

އިސްރާއީލާއި އީރާން ވަނީ އާދީއްތަ ދުވަހު އެއްބަޔަކު އަނެއް ބަޔަކަށް ނުރައްކާތެރި އިތުރު ހަމަލާތައް ދީފައެވެ. މީގެ ސަބަބުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން މަރުވެ، ހަނގުރާމަ އިތުރަށް ފުޅާވެދާނެ ކަމުގެ ބިރުވެރިކަން އުފެދިފައި ވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ މިކަން ފަސޭހައިން ނިންމާލެވިދާނެ ކަމަށާއި، އެއާއެކު އެމެރިކާގެ އެއްވެސް ތަނަކަށް ހަމަލާ ނުދިނުމަށް އީރާނަށް އިންޒާރު ދެއްވާ ކަމަށެވެ.

އަނެއް ކޮޅުން އެމެރިކާގެ ދެ އޮފިޝަލަކު ރޮއިޓަރސް އަށް ބުނެފައިވަނީ އީރާނުގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަ ކޮށްލުމަށް އިސްރާއީލުން ފާއިތުވި ދުވަސްތަކުގައި ހުށަހެޅި ޕްލޭނަކަށް ޓްރަމްޕް ނޫނެކޭ ވިދާޅުވި ކަމަށެވެ.

"އީރާނުން އަދި އެމެރިކާގެ މީހަކު މަރާލައިފިތަ؟ ނޫން. އެކަން ކުރަންދެން، އަހަރެމެން ސިޔާސީ ލީޑަރޝިޕްއަށް ހަމަލާދިނުމާ ބެހޭގޮތުން ވާހަކަ ދައްކާކަށް ނުވެސް ޖެހޭނެ،" އެމެރިކާގެ އިސް އިދާރީ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވެއެވެ.

އިސްރާއީލުގައި ސަލާމަތީ ޓީމުތަކުން އީރާނުގެ މިސައިލްތަކުން ހަލާކުވެފައިވާ އިމާރާތްތަކުގެ ތެރެއިން މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އާދީއްތަ ދުވަހު ހަވީރު 4 ޖެހިއިރު، ފުރަތަމަ ފަހަރަށް ދުވާލުގެ ވަގުތެއްގައި އިސްރާއީލުގެ އެކި ކަންކޮޅުތަކުގައި ސައިރަން އަޑު އިވުނެވެ. އަދި ތެލް އަވީވްގައި އަލުން ގޮވުމުގެ އަޑުތައް އިވުނެިވުނެވެ.

އީރާނުގެ ވެރިރަށުގައި އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ރޭގަނޑުގެ އުޑުމަތި އަލިވެފައިވާ މަންޒަރުތައް ފެނިފައިވެއެވެ. މިއީ އިސްރާއީލުން އީރާނުގެ ތެލާއި ގޭސް ސެކްޓަރަށް ހަމަލާ ދޭން ފެށުމާ ގުޅިގެން ތެޔޮ ރައްކާކުރާ ތަނެއްގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގެ ސަބަބުންނެވެ. މިކަމުން ދުނިޔޭގެ އިޤްތިޞާދަށާއި އީރާނުގެ ދައުލަތް ހިންގުމަށް ނުރައްކާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އީރާނުން އަދި ފުރިހަމަ އަށް މަރުވި މީހުންގެ އަދަދެއް ހާމަކޮށްފަ އެއް ނުވެއެވެ. ނަމަވެސް ހުކުރު ދުވަހު 78 މީހުން މަރުވި ކަމަށާއި، އޭގެ ފަހުން އިތުރު ގިނަ އަދަދެއްގެ މީހުން މަރުވެފައިވާ ކަމަށް ބުނެފައިވެއެވެ. މީގެ ތެރޭގައި ހޮނިހިރު ދުވަހު ހިނގި ހަމަލާއެއް ގައި 60 މީހުން މަރުވެފައިވާ ކަމަށް ބުނެއެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ކުޑަކުދިންނެވެ. މި ހަމަލާގައި ތެހެރާންގައި ހުރި 14 ބުރީގެ އެޕާޓްމަންޓް އިމާރާތެއް ވަނީ ފަޅައިގެން ގޮސްފައެވެ.

ޚާމަނާއި އަވަހާރަ ކޮށްލުމުގެ ޕްލޭނާ ބެހޭ ރޯއިޓަރސް ގެ ރިޕޯޓާ ގުޅޭގޮތުން އާދީއްތަ ދުވަހު ފޮކްސް ނިއުސް އަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވެފައިވަނީ އިސްރާއީލުން ކުރަން ޖެހޭ ކަންކަން ކުރަމުން ގެންދާ ކަމަށެވެ.

އިސްރާއީލުން އީރާނަށް ދޭ އަސްކަރީ ހަމަލާތަކުގެ ސަބަބުން އީރާނުގެ ވެރިކަން ބަދަލުވެދާނެ ކަމަށް ނަތަންޔާހޫ އެ އިންޓަވިއު ގައި ވިދާޅުވިއެވެ.

- ކޮމެންޓް