ކ. މާލެ
|
16 ޖޫން 2025 | ހޯމަ 00:26
2025 ޖޫން 13 ގައި އީރާނުގެ ވެރިރަށް ތެހެރާނަށް އިސްރާއީލުން ދިން ހަމަލާ އެއްގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިމާރާތެއްގެ ބޭރުގައި ރެސްކިއު ޓީމުތައް މަސައްކަތް ކުރަނީ
2025 ޖޫން 13 ގައި އީރާނުގެ ވެރިރަށް ތެހެރާނަށް އިސްރާއީލުން ދިން ހަމަލާ އެއްގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިމާރާތެއްގެ ބޭރުގައި ރެސްކިއު ޓީމުތައް މަސައްކަތް ކުރަނީ
އޭއެފްޕީ
އިސްރާއީލް-އީރާން ހަނގުރާމަ
އިސްރާއީލުގެ އަދާވާތްތެރިކަމާ ކުރިމަތިލުމަށް މުސްލިމް ގައުމުތައް އެއްބައިވަންތަ ވުމަށް އީރާނުން ގޮވާލައިފި
އިރާނުގެ ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ، އަދާވާތްތެރިކަން ހުއްޓެންދެން ޤައުމު ދިފާޢުކުރުމަށް އެ ޤައުމުގެ އަސްކަރީ ބާރުތައް ފުރިހަމަ އަށް ތައްޔާރަށް ތިބިކަމަށް

އިސްރާއީލުން ހިންގަމުންދާ ޣައިރު ގާނޫނީ ޢަމަލުތަކާއި، ސަރަޙައްދުގެ ޤައުމުތަކާ ދެކޮޅަށް ހިންގާ އަދާވާތްތެރި ޢަމަލުތަކާ ކުރިމަތިލުމުގައި މުސްލިމް ޤައުމުތަކުން އެއްބައިވަންތަ ވުމަށް އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ގޮވާލައްވައިފި އެވެ.

އަރަޤްޗީ މިހެން ގޮވާލެއްވީ ހޮނިހިރު ދުވަހު އިސްލާމީ އެއްބައިވަންތަކަމުގެ ޖަމްޢިއްޔާ (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލް ޙުސައިން އިބްރާހީމް ޠާާހާ އާ ފޯނުން ވާހަކަ ދައްކަވަމުން ނެވެ.

ދެ ބޭފުޅުން ވަނީ ފަހަކަށް އައިސް އިރާނާ ދެކޮޅަށް އިސްރާއީލުން ހިންގާފައިވާ އުދުވާނީ އަމަލުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައި ކަމަށް އީރާނުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

"ބައިނަލްއަޤްވާމީ ޤާނޫނާއި އދ. ގެ ޗާޓަރާއި ފާޅުގައި ޚިލާފުވުމާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ސުލްޙަ އާއި ހަމަޖެހުމަށް ސާފުކޮށް ނުރައްކާ ކުރުމާއި، އަދި ޢާންމު ރައްޔިތުންނާއި، ޔުނިވަރސިޓީ ޕްރޮފެސަރުންނާއި، ނިއުކްލިއަރ ވަސީލަތްތަކަށް ގަސްދުގައި ހަމަލާ ދިނުމުން އަނެއްކާ ވެސް ސާބިތުވީ، ޣައިރު ޤާނޫނީ އިސްރާއީލުގެ ސަރުކާރަށް އަދަބު ނުލިބުމުން އިތުރު ކުށްތަކާއި އަދާވާތްތެރި ޢަމަލުތައް ހިންގުމަށް ހިތްވަރު ލިބޭކަމެވެ،" އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

އިރާނުގެ ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ، އަދާވާތްތެރިކަން ހުއްޓެންދެން ޤައުމު ދިފާޢުކުރުމަށް އެ ޤައުމުގެ އަސްކަރީ ބާރުތައް ފުރިހަމަ އަށް ތައްޔާރަށް ތިބިކަމަށެވެ.

އިރާނާ ދެކޮޅަށް އިސްރާއީލުން ހިންގި އަދާވާތްތެރި ޢަމަލުތައް ހަރުކަށި ގޮތެއްގައި ކުށްވެރި ކުރައްވައި، މި ހަމަލާތަކާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން އޯއައިސީގެ ވެރިޔާ ތާހާ ފާޅު ކުރެއްވި ކަމަށް އީރާނުގެ ރަސްމީ މީީޑިއާ އިން ބުނެފައިވެއެވެ.

އޯއައިސީގެ ވެރިޔާ އީރާނާ އެއްބައިވަންތަކަން ފާޅުކުރައްވައި، "ޒަޔަނިސްޓް ސަރުކާރުގެ ޢަމަލުތައް" ކުށްވެރި ކުރެއްވި ކަމަށްޓަކައި އަރަޤްޗީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އޯއައިސީ މެދުވެރިކޮށް އދ. އާ ގުޅިގެން މަސައްކަތް ކުރާނީ ބައިނަލްއަޤްވާމީ ގާނޫނުތަކާ ޚިލާފަށް އިސްރާއީލުން ހިންގި އުދުވާނަށް ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމަށާއި، ސަރަޙައްދުގެ ހަަމަނުޖެހުމާއި ނާމާންކަން އިތުރަށް ގޯސްވިޔަ ނުދިނުމަށް އެހީތެރިވުމަށް ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

އިރާނާ ދެކޮޅަށް އިސްރާއީލުން ހިންގި އަދާވާތްތެރި ޢަމަލުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފުޅާ ދާއިރާއެއްގައި ކުށްވެރިކޮށްފައިވެއެވެ.

- ކޮމެންޓް