ކ. މާލެ
|
15 ޖޫން 2025 | އާދީއްތަ 19:52
އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި އީރާނުގެ ވެރިރަށް ތެހެރާނުގައި ހަލާކުވެފައިވާ އުޅަނދުތަކުގެ މަންޒަރެއް - ޖޫން 13، 2025
އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި އީރާނުގެ ވެރިރަށް ތެހެރާނުގައި ހަލާކުވެފައިވާ އުޅަނދުތަކުގެ މަންޒަރެއް - ޖޫން 13، 2025
ގެޓީއިމޭޖަސް
އިސްރާއީލް-އީރާން ހަނގުރާމަ
އީރާނުގެ ވެރިރަށް ތެހެރާނަށް އިސްރާއީލުން ގިނަ ހަމަލާތަކެއް ދީފި
އާދިއްތަ ދުވަހު އިސްރާއީލުގެ ހަމަލާތައް ވެރިރަށުގެ މަދުވެގެން ތިން ސަރަހައްދަކަށް އަމާޒުކުރެވިފައިވޭ

އާދިއްދަ ދުވަހު ދުވާލުގެ ވަގުތުތަކުގައި ތެހެރާން އާއި ވަށައިގެންވާ ސަރަހައްދުތަކަށް ގިނަ އަދަދެއްގެ ހަމަލާތަކެއް އިސްރާއީލުން ދީފި އެވެ.

އަލް ޖަޒީރާގެ ރިޕޯޓަރު ބުނެފައިވަނީ އެއީ މި ހަނގުރާމަ ހުކުރު ދުވަހު ފެށުނު ފަހުން ދިން އެންމެ ގިނަ ހަމަލާތަކެވެ.

އިސްރާއީލުގެ ހަމަލާތައް ވެރިރަށުގެ މަދުވެގެން ތިން ސަރަހައްދަކަށް އަމާޒުކުރެވިފައިވެއެވެ.

އިސްރާއީލުން ހަމަލާ ދިން ސަރަހަައްދުތަކުގެ ތެރޭގައި ސަރުކާރުގެ ރަސްމީ އިމާރާތްތައް ހުންނަ ސަރަހައްދުތައް ހިމެނެއެވެ. އެއާ އެކު އެއީ އާންމު ރައްޔިތުން ވެސް ދިރިއުޅޭ ސަރަހައްދުތައް ކަމަށް ވެސް އަލް ޖަޒީރާގެ ރިޕޯޓަރު ބުނެފައިވެއެވެ. ތެހެރާން އަކީ ވަރަށް ބޮޑު އާބާދީއެއް އުޅޭ ސިޓީއެކެވެ. އެ ސިޓީގައި ގާތްގަނޑަކަށް 15 މިލިއަން މީހުން ދިރިއުޅެއެވެ.

އިސްރާއީލުގެ ހަމަލާތައް އިތުރުވެފައި ވުމާއެކު ގިނަ ބަޔަކު ސިޓީން ފުރައިގެން ދިޔުމަށް ނިންމާފައިވާ ކަމަށް ވެސް އަލްޖަޒީރާ އިން ރިޕޯޓު ކޮށްފައިވެއެވެ. އެހެން ނަމަވެސް ސިޓީގައި ގާއިމުވެ ތިބޭ މީހުންގެ އަދަދު ގިނަ ކަމާއެކު މީހުން ދިރިއުޅޭ ސަރަހައްދުތަކަށް މިފަދަ ހަމަލާތައް ދިނުމަކީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އިސްރާއީލުން އީރާނުގެ ރައްޔިތުންނަށް އަސްކަރީ އިމާރާތްތަކާ ކައިރިނުވުމަށް އިންޒާރުދީފައިވާ ކަމަކީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި މި އިމާރާތްތައް ހުރި ތަންތަން ގިނަ މީހުންނަކަށް ނޭނގޭ ކަމަށް އަލްޖަޒީރާ އިން ބުނެއެވެ. އޭނާ ބުނާ ގޮތުގައި އެފަދަ އިމާރާތްތައް ހުންނަނީ ނިޝާން ޖަހާ ފާހަގަ ކޮށްފައެއް ނޫނެވެ.

މިއީ އިސްރާއީލުން ލުބުނާން އާއި ޣައްޒާގައި ހިންގި ހަނގުރާމަތަކުގައި ވެސް އެމީހުން ގެންގުޅުނު އުކުޅެއް ކަމަށް ބުނެފައިވެއެވެ. އެއީ އާންމު ރައްޔިތުންނަށް ދާނެ ތަނެއް ނެތް ހާލަތެއްގައި މިފަދަ އިންޒާރުތައް ދިނުމެވެ. އީރާނުގައި ބޮންސެލްޓަރުތަކެއް ނުވަތަ ސައިރަންތަކެއް ނުހުރެއެވެ. އެހެންކަމުން މިފަދަ އިންޒާރުތަކުން އިތުރު ބިރުވެރިކަމެއް އުފެދުން ނޫން އިތުރު ކަމެއް ނުވާނެ ކަމަށް އަލްޖަޒީރާގެ ރިޕޯޓަރު ބުނެފައިވެއެވެ.

- ކޮމެންޓް