ކ. މާލެ
|
15 ޖޫން 2025 | އާދީއްތަ 16:55
އީރާނުގެ ޝަރަން އޮއިލް ޑިޕޯޓް އަށް އިސްރާއީލުން ދިން ހަމަލާ ގައި އެ ސަރަހަައްދުގައި ރޯވެފައި - ޖޫން 15، 2025
އީރާނުގެ ޝަރަން އޮއިލް ޑިޕޯޓް އަށް އިސްރާއީލުން ދިން ހަމަލާ ގައި އެ ސަރަހަައްދުގައި ރޯވެފައި - ޖޫން 15، 2025
ރޮއިޓަރސް
އިސްރާއީލް-އީރާން ހަނގުރާމަ
އީރާނުގެ ހަތިޔާރު އުފައްދާ ތަންތަނާ ކައިރީގައި ދިރިއުޅޭ މީހުން އެ ސަރަހައްދު ތަކާ ދުރަށް ދިޔުމަށް އިސްރާއީލުން އިންޒާރު ދީފި
އީރާނުގައި ހުރި ހަތިޔާރު އުފައްދާ ތަންތަނާ ކައިރީގައި ދިރިއުޅޭ އީރާނުގެ ރައްޔިތުންނަށް އިސްރާއީލުން ކުރިން ވެސް އިންޒާރު ދީފައިވޭ

ތެހެރާނުގައި ހުރި ހަތިޔާރު އުފައްދާ ތަންތަނާ ކައިރީގައި ދިރިއުޅޭ އީރާނުގެ ރައްޔިތުން އެ ސަރަހައްދު ތަކާ ދުރަށް ދިއުމަށް އާދިއްތަ ދުވަހުު އިސްރާއީލުން އިންޒާރު ދީފިއެވެ.

މިއީ ހުކުރު ދުވަހު ފެށުނު ދެ ޤައުމުގެ މެދުގައި ހިނގަމުންދާ މިސައިލް ހަމަލާތަކުގެ ތެރެއިން އިސްރާއީލުން ނެރެފައިވާ އިންޒާރެކެވެ.

"އިސްރާއީލުގެ ސިފައިން މި ތަންތަނަށް ހަމަލާދޭނެއެވެ. އަދި ތެހެރާނުގަ އާއި ކޮންމެ ތަނެއްގައި ވިޔަސް އީރާނުގެ ހަރުފައިގެ ދުލި ނައްޓުވަމުން ދާނެއެވެ - ނިއުކްލިއަރ ވަސީލަތްތަކަށާއި ހަތިޔާރު އުފައްދާ ނިޒާމުތަކަށް ހަމަލާ ދޭނެއެވެ،" އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ބަޔާނެއްގައި ބުނެފައިވެއެވެ.

އީރާނުގައި ހުރި ހަތިޔާރު އުފައްދާ ތަންތަނާ ކައިރީގައި ދިރިއުޅޭ އީރާނުގެ ރައްޔިތުންނަށް ކުރިން ވެސް އިންޒާރު ދީ އިސްރާއީލުގެ ސިފައިންގެ ތަރުޖަމާނެއް އެކްސް ގައި ޢަރަބި އަދި ފާރިސީ ބަހުން ޕޯސްޓް ކޮށްފައިވެއެވެ.

ތަރުޖަމާނު ބުނެފައިވާ ގޮތުގައި، މި އިންޒާރުގައި ހުރިހާ ހަތިޔާރު އުފައްދާ ފެކްޓަރީތަކާއި އެއާ ގުޅުންހުރި ފެސިލިޓީތައް ހިމެނެއެވެ.

ހުކުރު ދުވަހު އިސްރާއީލުން އީރާނަށް ކުއްލި އަކަށް ބޮޑު އަސްކަރީ ހަމަލާ އެއް ވަނީ ދީފައެވެ. އިސްރާއީލުން ބުނެފައިވާ ގޮތުގައި މި ހަމަލާގެ މަޤްޞަދަކީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓުވުމާއި އީރާނުގެ ބެލިސްޓިކް މިސައިލް ޤާބިލިއްޔަތުތައް ނައްތާލުމެވެ.

ނިއުކްލިއަރ ހަތިޔާރު މިހާރު ވެސް ހުރި އިސްރާއީލުން މި ދިން ހަމަލާ އަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވެސް ގެންދަނީ އިސްރާއީލަށް ވަރުގަދަ މިސައިލް ހަމަލާތައް ދެމުންނެވެ.

- ކޮމެންޓް