އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން މަޝްވަރާކޮށް، ވާހަކަ ދައްކަން އީޔޫގެ ބޮޑެތި ޤައުމުތަކުން ތައްޔާރު ކަމަށް ޖަރުމަނުގެ ޚާރިޖީ ވަޒީރު ޖޮހާން ވަޑެފުލް ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި ޖަރުމަނު، ފްރާންސް އަދި އިނގިރޭސިވިލާތް އޮތީ އީރާނާ އެކު ނިއުކްލިއާ ޕްރޮގްރާމާ ގުޅުން ހުރި މަޝްވަރާތައް ކުރިއަށް ގެންދަން ތައްޔާރަށް ކަމަށެވެ.
މީގެ އިތުރުން މެދު އިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަމަ ނުޖެހުންތަކާއި، ހަމަލާތައް ބަދަލު ކުރުން ހުއްޓާލައި، ސުލްޙަވެރިކަމެއް ޤާއިމު ކުރުމަށްޓަކައި އެ މަޝްވަރާތައް ވަރަށް މުހިންމު ކަމަށް ވެސް ޖަރުމަނުގެ ޚާރިޖީ ވަޒީރު ވަނީ ވިދާޅުވެފަ އެވެ.
މިވަގުތު މެދު އިރުމައްޗަށް ދަތުރުފުޅެއް ކުރައްވަމުން އަންނަ ވަޑެފުލް ވިދާޅުވީ، އީރާނާއި އިސްރާއީލާ ދެމެދު އޮތް ހަމަ ނުޖެހުންތައް މަޑު ޖައްސާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެން ނަމަވެސް، މީގެ ކުރިން ވެސް އީރާނުން މަޝްވަރާކޮށް، ވާހަކަ ދެއްކުމުގެ ފުރުސަތު ބޭނުން ނުކުރާ ކަމުގައި އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޖަރުމަނުގެ ޕަބްލިކް ބްރޮޑްކާސްޓާ އޭއާރުޑީ އަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި ވަޑެފުލް ވިދާޅުވީ، އަދިވެސް މަޝްވަރާތައް ކުރިއަށް ގެންދެވިދާނެ ކަމުގެ އުންމީދު އޭނާ އަށް އޮތް ކަމަށެވެ. އަދި ޖަރުމަނުގެ އިތުރުން ފްރާންސް އާއި އިނގިރޭސިވިލާތް ވެސް އޮތީ އެކަމަށް ތައްޔާރަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެ ސަރަހައްދާއި، އިސްރާއީލް އަދި ޔޫރަޕަށް ވެސް އީރާންގެ ފަރާތުން އެއްވެސް ނުރައްކާތެރި ކަމެއް ނެތްކަން ޔަޤީން ކުރުމަކީ، މިހާރު އުފެދިގެން އުޅޭ ހަމަ ނުޖެހުންތައް ޙަައްލު ކުރުމަށް ވަަރަށް މުހިންމު ކަމެއް ކަމަށެވެ.