ކ. މާލެ
|
15 ޖޫން 2025 | އާދީއްތަ 13:24
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ
ރޮއިޓަރސް
އިސްރާއީލް-އީރާން ހަނގުރާމަ
އީރާންގެ ހުރިހާ ދިމާލަކަށް ހަމަލާ ދޭނަން: ނަތަންޔާހޫ
ނަތަންޔާހޫ ވިދާޅުވެފައިވާ ގޮތުގައި އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އަދި ބެލިސްޓިސް މިސައިލްގެ ޤާބިލިއްޔަތަކީ އިސްރާއީލްގެ ދައުލަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދެ ނުރައްކާއެވެ.

އިސްރާއީލާއި އީރާނާ ދެމެދު މިހާރު ހިނގަމުން އަންނަ ހަމަލާތައް ބަދަލު ކުރުމުގައި، އީރާންގެ ހުރިހާ ދިމާލަކަށް ވެސް ހަމަލާ ދޭނެ ކަމަށް އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

މި ހަމަލާތައް ފެށުނީ އިސްރާއީލް އިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އޭގެ ރައެްދުގައި އީރާނުން އަންނަނީ އިސްރާއީލަށް އަމާޒުކޮށް ވަރުގަދަ އެތައް ހަމަލާތަކެއް ދެމުންނެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ރޭ އަދި އާދީއްތަ ދުވަހުގެ ފަތިހު ވެސް ވަނީ އިސްރާއީލަށް ހަމަލާތަކެއް ދީފަ އެވެ.

އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އާންމު ކޮށްފައިވާ ވީޑިއޯ މެސެެޖެއްގައި އޭނާ ވިދާޅުވެފައި ވަނީ، މިހާރު ވެސް އީރާންގެ ނިއުކްލިއާ ޕްރޮގްރާމަށް ބޮޑެތި ގެއްލުންތަކެއް ދެވިފައިވާ ކަމަށެވެ. 

ހޮނިހިރު ދުވަހު ނަތަންޔާހޫ އާންމު ކުރި އެ ވީޑިއޯ ގައި އޭނާ ވިދާޅުވެފައި ވަނީ، އިސްރާއީލްގެ ހަނގުރާމަ މަތީ މަތިންދާ ބޯޓުތައް އީރާންގެ ވެރި ރަށް ތެހެރާންގެ މަތިން ވަރަށް އަވަހަށް ފެންނަން ފަށާނެ ކަމަށެވެ. އޭގެ ފަހުން އިސްރާއީލްގެ އަސްކަރިއްޔާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ތެހެރާންގެ 40 ތަނަކަށް އަމާޒުކޮށް އެ އަަސްކަރިއްޔާ އިން ހަމަލާ ދީފައިވާ ކަމަށެވެ. 

ހުކުރު ދުވަހު އިސްރާއީލް އިން އީރާނަށް ދިން ހަމަލާތަކުގައި އީރާންގެ 200 އަށް ވުރެ ގިނަ އަސްކަރީ އަދި ނިއުކްލިއާ ތަންތަނަކަށް ހަމަލާ ދީފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. އަދި އެ ހަމަލާތަކުގައި އީރާންގެ ސިފައިންގެ އިސް އޮފިސަރުންގެ އިތުރުން، ނިއުކްްލިއާ ސައިންޓިސްޓުން އަދި އެހެނިހެން އިސްވެރިން ވެސް ވަނީ އަވަހާރަކޮށްލައިފ އެވެ. 

އީރާނުން ހާމަކޮށްފައިވާ ގޮތުގައި މި ހަމަލާތަކުގައި 78 މީހަކު މަރުވެފައިވާއިރު، 320 މީހަކަށް ވަނީ އެކި ވަރުގެ ޒަޚަމުތައް ލިބިފަ އެވެ. އިސްރާއީލްގެ ހަމަލާތަކަށް ޖަވާބު ދިނުމުގެ ގޮތުން އީރާނުން ދިން ހަމަލާތަކުގައި ތިން މީހަކު މަރުވެ، 70 އަށް ވުރެ ގިނަ މީހުން ޒަޚަމުވެފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. 

މީގެ އިތުރުން އީރާނުން ދެމުން އަންނަ މި ހަމަލާތަކުގައި އިސްރާއީލްގެ ވެރި ރަށް ތެލް އަވީވްގެ އިތުރުން، އެހެނިހެން ސިޓީ ތަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބެމުން އަންނަ ކަމަށް ބުނެފައިވެ އެވެ. އަދި އިސްރާއީލްގެ ރައްޔިތުންނަށް ސަލާމަތްވުމުގެ އިންޒާރު ވެސް ސަރުކާރުން އަންނަނީ ދެމުންނެވެ.

ނަތަންޔާހޫ ވިދާޅުވެފައިވާ ގޮތުގައި އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އަދި ބެލިސްޓިސް މިސައިލްގެ ޤާބިލިއްޔަތަކީ އިސްރާއީލްގެ ދައުލަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދެ ނުރައްކާ ކަމަށެވެ. އެހެންކަމުން އެ ދެ ނުރައްކާ ނައްތާލުމަށް އިސްރާއީލް އިން ފުރިހަމަ އަށް ބާރުގެ ބޭނުން ކުރަމުން އަންނަ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވެފައިވެ އެވެ. 

- ކޮމެންޓް