އިސްރާއީލް އިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، މިހާރު ކުރިއަށް ދަމުން އަންނަ ހަމަލާތައް ބަދަލު ކުރުންތަކާ ގުޅިގެން ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވައިފި އެވެ.
ޕުޓިން އާއި ޓްރަމްޕް މަޝްވަރާ ކުރައްވާފައި ވަނީ ފޯނުން ގުޅުއްވައިގެން ހޮނިހިރު ދުވަހުގެ ވަގުތެއްގަ އެވެ. ދެ ރައީސުންގެ ދެ މެދުގައި ގިނަ މަޝްވަރާތަކެއް ކުރިއަށް ދިޔަ މި ފޯނު ކޯލު ވަނީ ގާތް ގަނޑަކަށް 50 މިނެޓަށް ދިގު ދެމިގެން ގޮސްފަ އެވެ.
އެ ފޯނު ކޯލުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައި ވަނީ، އިސްރާއީލް އާއި އީރާނާ ދެމެދު އުފެދިފައިވާ ހަނގުރާމައިގެ ޙާލަތާ ގުޅޭ ގޮތުންނެވެ. މި މަޝްވަރާތަކާ ގުޅޭ ގޮތުން ރަޝިޔާގެ ތަރުޖަމާނު ޔޫރީ އުޝަކޮވް ވިދާޅުވެފައި ވަނީ، އިސްރާއީލްގެ އަސްކަރީ ޙަރަކާތްތައް ޕުޓިން ކުށްވެރި ކުރައްވާފައިވާ ކަމަށެވެ. އަދި މިހާރު އުފެދިފައި އޮތް ޙާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ކަންބޮޑުވުން ވެސް ޕުޓިން ފާޅު ކުރައްވާފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
މި މަޝްވަރާތަކުގައި އެމެރިކާގެ ރައީސް ޓްރަމްޕް ވެސް ވަނީ މެދު އިރުމަތީގެ ޙާލަތާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައި އެވެ. އަދި އެ މަޝްވަރާތަކުގައި ޕުޓިން އާއި ޓްރަމްޕް ވަނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވައިފަ އެވެ.
ޕުޓިން އާއި ޓްރަމްޕާ ދެމެދު އޮތް ގުޅުން ކޮންމެ ވެސް ވަރަކަށް ހީނަރުވެފައިވާ ކަމަށް އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައި ޓްރަމްޕާ ގުޅުއްވައި ދެއްކެވި ވާހަކައިގައި ޕުޓިން ވަނީ އިތުރަށް މަޝްވަރާ ކުރަން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ޓްރަމްޕާއި ޕުޓިންގެ ގުޅުން ގޯސްވެފައިވާ ކަމަށް ބެލެވެން ފެށީ ދާދި ފަހުން ޓްރަމްޕް ދައްކަވަން ފެއްޓެވި ވާހަކަތަކުގެ ސަބަބުންނެވެ. އެގޮތުން ރަޝިޔާ ޔުކްރެއިންގެ ހަނގުރާމަ ހުއްޓާލުމުގެ މައްސަލައިގައި ޓްރަމްޕް ވަނީ ޕުޓިން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. ހޮނިހިރު ދުވަހު ކުރެވުނު މަޝްވަރާތަކުގައި ޕުޓިން ވަނީ ޓްރަމްޕްގެ 79 ވަނަ އުފަންދުވަހުގެ ތަޙުނިޔާ ވެސް އަރިސްކޮށްފަ އެވެ.
އީރާނަށް އަމާޒުކޮށް އިސްރާއީލް އިން ދިން ހަމަލާތަކުގެެ ސަބަބުން މިހާރު އުފެދިގެން އުޅޭ ޙާލަތާ ގުޅޭ ގޮތުން ޕުޓިން އިސްރާއީލް ކުށްވެރިކޮށްފައިވާއިރު، އެމެރިކާ އަކީ އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރި ވަމުން އަންނަ ޤައުމެވެ.