އީރާނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަނިޔާވެރިކަމާ ދެކޮޅަށް މުސްލިމު ދުނިޔެ އެއްބައިވުމަށް ޕާކިސްތާނުން ގޮވާލައިފިއެވެ.
ހޮނިހިރު ދުވަހު ބޭއްވުނު ޕާކިސްތާނުގެ ނެޝަނަލް އެސެމްބްލީގެ ޖަލްސާއެއް ގައި ދިފާޢީ ވަޒީރު ޚަވާޖާ އާސިފް ވިދާޅުވި ގޮތުގައި އީރާނާއި ޕާކިސްތާނާ ދެމެދު "އެތައް ސަތޭކަ އަހަރުތަކެއްގެ ގުޅުން" އޮތް ކަމަށާއި އިސްލާމް އާބާދުން "އީރާނުގެ ފަހަތުގައި އޮންނާނެ ކަމަށާއި، އެ ޤައުމުގެ މަސްލަހަތު ހިމާޔަތް ކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން ދޭނެ" ކަމަށެވެ.
މުސްލިމުން އެކުގައި އީރާނާ އެކުގައި ވުމަށް ގޮވާލައްވަމުން، އާސިފް ވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން(އޯއައިސީ) އަށް ވަގުތުން ބައްދަލުވުމެއް ބާއްވައި، އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އެކުގައި ސްޓްރެޓެޖީއެއް އެކުލަވާލުމަށް އެދިވަޑައިގަނެފައެވެ.
އޭނާ ވިދާޅުވި ގޮތުގައި މުސްލިމު ދުނިޔެއިން މިހާރު ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި، އެހެން ނޫނީ މިފަދަ ހަމަލާތަކާ އަދިވެސް ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
"އިސްރާއީލުން ވަނީ އީރާނާއި، ޔަމަނާއި، ފަލަސްޠީނަށް ހަމަލާދީފައި،" އޭނާ ވިދާޅުވިއެވެ. "މުސްލިމު ޤައުމުތައް މިހާރު އެއްބައިނުވާ ނަމަ، ކޮންމެ ޤައުމަކަށް ވެސް މިފަދަ ހާލަތަކާ ކުރިމަތިލާން ޖެހޭނެ."
އާސިފް ވިދާޅުވީ މުސްލިމު ނޫން ފަރާތްތަކުން އިސްރާއީލުގެ ޢަމަލުތަކާ ދެކޮޅަށް ތެދުވެފައި ވާއިރު ވެސް މުސްލިމު ދުނިޔެ ގިނަ ފަހަރަށް ތިބެނީ އަޅާނުލާ ކަމުގައެވެ.
"ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްހާޤް ދާރު ވަނީ ހުކުރު ދުވަހު އީރާނާ ދެކޮޅަށް އިސްރާއީލުން ހިންގި އަދާވާތްތެރި ޢަމަލުތައް "އީރާނުގެ ސިޔާދަތަށް ދެކޮޅަށް ހިންގި ހަޑިމުޑުދާރު އަމަލެއް" ގެ ގޮތުގައި ވިދާޅުވެ އެކަން ކުށްވެރި ކުރައްވައި، "އީރާނުގެ ސަރުކާރާއި ރައްޔިތުންނާއެކު އެއްބައިވަންތަކަން" ފާޅުކުރައްވާފައެވެ.
އޭގެ ކުރިން، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވެސް ވަނީ އީރާނަށް އިސްރާއީލުން ދިން ވައިގެ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފަ އެވެ.
އަދި ހަމައެއާއެކު، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ ވަނީ ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި އީރާނަށް އިސްރާއީލުގެ ސިފައިން ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފަ އެވެ.
އޭނާ ބައިނަލްއަޤްވާމީ މުޖުތަމަޢު އަށާއި އދ. އަށް ގޮވާލެއްވީ ހަމަލާދިން ފަރާތް ޒިންމާދާރު ކުރުވުމަށް ވަގުތުން ފިޔަވަޅު އަޅައި، މި ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށެވެ.