ޔަހޫދީ ދައުލަތް، އިސްރާއިލުން އިރާނުގެ އަސްކަރީ އަދި ނިޔުކްލިއާ މަރުކަޒުތަކަށް ބޮން އަޅާ ހިންގަން ފެށި އުދުވާން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފި އެވެ.
ފަތިހުގެ ވަގުތެއްގައި އިޒްރޭލުން ހަމަލާ ދިން ތަންތަނުގެ ތެރޭގައި އިރާނުގެ އެންމެ ބޮޑު ޔުރޭނިއަމް ފައްކާކުރާ މަރުކަޒާއި ތިބްރީޒުގައި ހުންނަ ނިއުކްލިއާ ރިސާޗް ސެންޓަރު ހިމެނެ އެވެ. އޭގެ އިތުރުން އެ ގައުމުގެ ވެރިރަށް، ތެހެރާނުގެ އެކި ސަރަހައްދުތައް ވެސް ހިމެނެ އެވެ.
އިސްރާއީލްގެ މި ހަމަލާތަކުގައި އިރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ކޮމާންޑާ އިން ޗީފް، ހޮސެއިން ސޮލާމީ އާއި އާމްޑް ފޯސެސްގެ ޗީފް އޮފް ސްޓާފް، މުހައްމަދު ބަޣޭރީ އަދި އެމަޖެންސީ ކޮމާންޑުގެ ކޮމާންޑަރު ވަނީ ޝަހީދުކޮށްލާފަ އެވެ. އަދި އެ ގައުމުގެ ގިނަ އަދަދެއްގެ ނިއުކްލިއާ ސައިންޓިސްޓުން އިސްރާއީލުގެ މި ހަމަލާތަކުގައި ޝަހީދުވެފައިވެ އެވެ.
މިކަމާއި ގުޅުވައި ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލްގެ އެ އުދުވާނަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ސާފުކޮށް ހިލާފު އަމަލެއް ކަމަށާއި އިޒްރޭލްގެ އަމަލުތަކުގެ ސަބަބުން ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ނުރައްކަލަށް ހުށަހެޅިގެން ގޮސްފައިވާ ކަމަށެވެ.
އެމަނިކުފާނު ވަނީ އެ ހަމަނުޖެހުންތައް އިތުރަށް ފުޅާވިޔަނުދިނުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް އިލްތިމާސް ކުރައްވާފައެވެ.
އިޒްރޭލުގެ ހަމަލާތައް ރައީސް ކުށްވެރި ކުރައްވާފައިވާއިރު، ފޮރިން މިނިސްޓްރީން ވެސް ވަނީ ކަމާ ގުޅިގެން ބަޔާނެއް ނެރެފަ އެވެ.
ދިވެހި ސަރުކާރުން އެ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަން ހާމަކޮށް ފޮރިން މިނިސްޓްރީން ބުނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު މި އަމަލީ މެދުއިރުމަތީގެ ސުލްހަ އާއި ސަލާމަތަށް ހުށަހެޅިގެންދާ ނުރައްކަލެއް ކަމަށެވެ. އަދި މި އަމަލަކީ އެ ސަރަހައްދުގެ ސަލާމަތަށް އިތުރަށް ނުރައްކާވާނެ ކަމެއް ކަމުގައި ފާހަގަކުރި އެވެ.
ދިވެހި ސަރުކާރުން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް އިޒްރޭލުން ކުރަމުންދާ ގައިރު ގާނޫނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް އެ ގައުމަށް މަޖުބޫރު ކުރުވުމަށް ވަގުތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށާއި ސަރަހައްދުގެ މަސްލަހަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފަ އެވެ.
އީރާނުގެ ނިއުކްލިއަރ އަދި އަސްކަރީ ތަންތަނަށް އަމާޒުކޮށް އިސްރާއީލުން ހަމަލާ ދީފައިމިވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އަވަސް ސްޕީޑެއްގައި ކުރިއަށްދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލަންޖެހެއެވެ.