Advertisement
ކ. މާލެ
|
14 ނޮވެންބަރ 2025 | ހުކުރު 13:26
ފަލަސުރުހީ ޕްރޮގްރާމްގައި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ވާހަކަ ދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ދައުލަތް ލޫޓުވުން
މި ސަރުކާރުން މިހާރު ދަނީ ފައިސާ ހުރި ކުންފުނިތައް ފެލާލަމުން: ޔައުގޫބް
ސަސްޓެއިން ގޮތެއްގައި ތަރައްގީގެ މަޝްރޫއުތައް ގެނައުމުގެ ރަނގަޅު ސިޔާސަތެއް މި ސަރުކާރުގެ ނެތް
ހަރަދު ކުޑަ ނުކުރާނަމަ އިޔާދަ ނުކުރެވޭވަރުގެ ގެއްލުން ލިބޭނެކަން އެނގޭއިރު ވެސް ހަރަދު އިންތިހާއަށް ދަނީ އިތުރު ކުރަމުން
ރައްޔިތުން ބޭނުންވާ ލުއި ލޯނުތައް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ނުލިބޭނެ

ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުން ދައުލަތް ލޫޓުވުމަށްފަހު މިހާރު ދަނީ ފައިސާ ހުރި ކުންފުނިތައް ފެލާލަމުން ކަަމަށް ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޔައުގޫބް ވިދާޅުވީ، ދައުލަތް އެކުއެކީގައި ލޫޓުވައިފި ކަމަށާއި، މިހާރު މަސައްކަތް ކުރަމުންދަނީ ކުންފުނިތައް ފެލާލުމަށް ކަމަށެވެ. ކުޑަ ވެސް ފައިސާ ކޮޅެއް ހުރި ކުންފުންޏެއް ކަމަށްވަންޏާ އެ ކުންފުންޏަކަށް ނުފޫޒު ފޯރުވާ ކަމަށް ޔައުގޫބް ވިދާޅުވި އެވެ.

ޔައުގޫބް ވިދާޅުވީ، ބޭންކުތަކުގެ އިތުރުން އެމްއޭސީއެލް، ފެންޝަން އަދި ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދަތި ކޮށްފައިވާ ކަމަށެވެ. އަދި މިހާރު ރައްޔިތުންގެ ޕެންޝަން ފަންޑުގެ ފައިސާ ވެސް ސަރުކާރުން ބޭނުން ކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

މީގެ އިތުރުން ޔައުގޫބް ވިދާޅުވީ ސަސްޓެއިން ގޮތެއްގައި ތަރައްގީގެ މަޝްރޫއުތައް ގެނެސް، ރައްޔިތުންގެ ދިރިއުޅުން ތަރައްގީ ކުރުމުގެ އެއްވެސް ރަނގަޅު ވިސްނުމެއް އަދި ރަނގަޅު ސިޔާސަތެއް މި ސަރުކާރުގެ ނެތް ކަމަށެވެ. އަދި ހަރަދު ކުޑަ ނުކުރާނަމަ އިޔާދަނުކުރެވޭ މިންވަރުގެ ގެއްލުން ރާއްޖެއަށް ކުރިމަތިވާނެކަން އެނގޭއިރު ވެސް ހަރަދު އިންތިހާއަށް އިތުރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ އެއްވެސް ވިސްނުންފުޅެއް ނެތް ރާއްޖޭގައި އެއްވެސް ކަމެއް ކުރާކަށް. އެއްވެސް އުމްރާނީ ތަރައްގީއެއް އަދި އެހެނިހެން އެއްވެސް ތަރައްގީއެއް ކުރާކަށް ހަމައެކަނި ވިސްނުން ހުރީ ހަމަ ޖެހުނު ގޮތަކުން ނަގައިގެން ދައުލަތަށް ލިބޭ ދައުލަތުގެ މުއްސަންދިކަން އޭގެން ވައްކަން ކުރެވޭތޯ. ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ. އެހެންވީމަ އެގޮތުގެ މަތިން ފައިސާ ހަރަދު ކުރެވޭނެ މެކޭނިޒަމެއް މި ކްރިއޭޓް މިކުރަނީ. މިސާލަކަށް އެތަނުން 2.7 ބިލިއަން ރުފިޔާ އަމިއްލަ ވިޔަފާރި ވެރިންނަށް ޕްރޮޖެކްޓްތަކެއް ހިތުހުރި ގޮތަކަށް ބޭރު ކުރުމާ އަދި 3000 ފްލެޓް އަޅަން ވެގެންނޭ ކިޔާފަ އެތަނުން ކުންފުޏެއް ހަދާފައި މި ޖަހާ ސަކަރާތް. މިއީ ކަނޑައެޅިގެން ކޮރަޕްޝަން. މިކަމާ މެދު ފިޔަވަޅު އެޅޭނެ. ފިޔަވަޅު އަޅަންޖެހޭނެ.

ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ

ޔައުގޫބް ވިދާޅުވީ ކުރިއަށް އޮތީ ރައްޔިތުންނަށް ބަނަ ދުވަސްތަކެއް ކަމަށާއި، ރައްޔިތުން ބޭނުންވާ ލުއި ލޯނުތައް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ނުލިބޭނެ ކަމަށެވެ.

ޔައުގޫބް ވިދާޅުވީ މުޅި ގައުމުގައި ކޮރަޕްޝަން އާއްމުކޮށް، ހިތުހުރި ގޮތަކަށް ޕްރޮޖެކްޓްތައް ބަހާލައި، މި ހިންގާ ހުރިހާ ކަމެއްގެ މައްސަލަތައް ދެން އަންނަ އެމްޑީޕީގެ ސަރުކާރެއްގައި ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ވިދާޅުވީ އެދުވަހަކު އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ވެސް ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.

- ކޮމެންޓް