ކ. މާލެ
|
13 ޖޫން 2025 | ހުކުރު 07:33
އައިއާރުޖީސީގެ ޗީފް ހުސެއިން ސަލާމީ
އައިއާރުޖީސީގެ ޗީފް ހުސެއިން ސަލާމީ
އޭއެފްޕީ
އިސްރާއީލް-އީރާން ހަމަނުޖެހުން
އިސްރާއީލުގެ ހަމަލާގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް ގެ އެންމެ އިސް ކޮމާންޑަރު އަވަހާރަވެއްޖެ
ހަމަލާގައި ނިއުކްލިއަރ ދެ ސައިންޓިސްޓަކު ވެސް ޝަހީދުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވޭ

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ އެންމެ އިސް ކޮމާންޑަރު ހުސެއިން ސަލާމީ މައިސްރާއީލުގެ ހަމަލާގައި އަވަހާރަވެއްޖެ ކަމަށް އީރާނުގެ ދައުލަތުގެ ޓެލެވިޜަނުން ހުކުރު ދުވަހު ކަށަވަރު ކޮށްދީފިއެވެ.

އިސްލާމިކް ރެވޮލިއުޝަނަރީ ގާޑްސްގެ ކޮމާންޑަރު ޙުސައިން ސަލާމީ އަކީ، އިސްރާއީލުން ހުކުރު ދުވަހު ހެނދުނު ދިން ހަމަލާތަކުގައި އަވަހާރަވި އެންމެ އިސް އީރާނުގެ އޮފިޝަލް ކަމުގައި ވުން އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސަލާމީ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑްސްއާ ގުޅިވަޑައިގަތީ 1980 ގައި އީރާން-އިރާގު ހަނގުރާމަ ފެށުނު ދުވަސްވަރުއެވެ.

އޭނާ ސިފައިންގެ މަޤާމުތަކުގައި ކުރިއަރަމުން ދިޔައިރު، އެމެރިކާ އާއި އެ ޤައުމުގެ އެކުވެރިންނާ ދެކޮޅަށް ހަރުކަށި ބަސްތައް ބުނުމަށް މަޝްހޫރުވިއެވެ.

2000 ގެ އަހަރުތަކުން ފެށިގެން، އީރާނުގެ ނިއުކްލިއަަރ އަދި އަސްކަރީ ޕްރޮގްރާމްތަކުގައި އޭނާގެ ބައިވެރިވުމުގެ ސަބަބުން އދ. ގެ ސެކިއުރިޓީ ކައުންސިލާއި އެމެރިކާ އިން އޭނާގެ މައްޗަށް ފިޔަވަޅުތައް އަޅާފައިވެއެވެ.

2024 ގައި އީރާނުން އިސްރާއީލަށް ފުރަތަމަ ފަހަރަށް ސީދާ އަސްކަރީ ޙަމަލާއެއް ދިނުމުގައި، 300 އަށްވުރެ ގިނަ ޑްރޯންތަކާއި މިސައިލްތައް ބޭނުން ކުރިއިރު، އޭނާ ހުންނެވީ ރިވޮލިއުޝަނަރީ ގާޑްސްގެ އެންމެ އިސް މަޤާމުގައެވެ.

އިސްރާއީލާ ދެމެދު މަސްރަހް ނުތަނަވަސް ވަމުން ދަނިކޮށް، ބުރާސްފަތި ދުވަހު ސަލާމީ ވިދާޅުވެފައިވަނީ އީރާނުން "ކޮންމެ ސިނާރިއޯ އަކަށް، ޙާލަތަކަށް އަދި ވަގުތަކަށް ވެސް ފުރިހަމަ އަށް ތައްޔާރުވެފައި" ވާ ކަމަށެވެ.

"އިސްރާއީލުގެ ބްލޮކޭޑެއްގެ ދަށުގައިވާ ނިކަމެތި ފަލަސްތީނު ރައްޔިތުންނާ ހަނގުރާމަ ކުރާ ފަދައިން އީރާނާ ހަނގުރާމަ ކުރެވޭނެ ކަމަށް ދުޝްމިނުން ހީކުރަނީއެވެ،" އޭނާ ވިދާޅުވިއެވެ. "އަހަރެމެންނަކީ ހަނގުރާމައިގެ ތަޖުރިބާ ލިބިފައިވާ، ތަމްރީނު ލިބިފައިވާ ބައެކެވެ."

ސަލާމީގެ އިތުރުން ދައުލަތުގެ ޓެލެވިޜަނުން އިތުރަށް ކަށަވަރުކޮށްދިން ގޮތުގައި އައިއާރްޖީސީގެ އިސް ކޮމާންޑަރެއް ކަމުގައިވާ ޣުލާމްއަލީ ރަޝީދު އަދި ދެ ނިއުކްލިއަރ ސައިންޓިސްޓުން ކަމުގައިވާ ފަރައިދޫން އައްބާސީ-ދަވާނީ އަދި މުޙައްމަދު މަހްދީ ޓެހްރާންޗީ ހަމަލާގައި ޝަހީދުވެފައިވެއެވެ.

މި ހަމަލާތަކުގެ ޚަބަރު ފުރަތަމަ ލިބުނީ ހުކުރު ދުވަހުގެ ފަތިހު 3:00 ހާއިރު ތެހެރާނުންނެވެ. އޭގެ ފަހުން ޤައުމުގެ އެހެން އެތައް ސަރަޙައްދެއްގައި ގޮވުންތަކެއް އިވުނެވެ.

އިސްރާއީލުން ހުކުރު ދުވަހުގެ ފަތިހު ބުނެފައިވަނީ އެމީހުން ވަނީ އީރާނުގެ ނިއުކްލިއަރ ލަނޑުދަނޑިތަކަށް ހަމަލާދީފައިކަމަށާއި، އެއީ ތެހެރާނުން އެޓޮމިކް ހަތިޔާރު ތަރައްޤީކުރުން ހުއްޓުވުމަށް ކަމަށެވެ.

އީރާނުގެ މީޑިއާ އަދި މަންޒަރު ދުށް ފަރާތްތަކުން ރިޕޯޓު ކޮށްފައިވަނީ އެ ޤައުމުގެ މައި ޔުރޭނިއަމް އެންރިޗްމަންޓް ފެސިލިޓީ ހިމެނޭ ގޮތަށް ގޮވުންތަކެއް އިވިފައިވާކަމަށެވެ.

"ރައިޒިންގ ލަޔަން" ގެ ނަމުގައި މި ހަމަލާ ދީފައިވާކަމަށް ބުނެ، އިސްރާއީލުން ބުނެފައިވަނީ އެމީހުން އަމާޒު ކުރަނީ އީރާނުގެ ކޮމާންޑަރުންނާއި މިސައިލް ފެކްޓަރީތަކަށް ކަމަށެވެ.

ތެހެރާނުން ބަދަލުހިފުމުގެ ގޮތުން މިސައިލް އަދި ޑްރޯން ހަމަލާތައް ދޭނެކަމަށް ލަފާކުރެވޭތީ އިސްރާއީލުގައި ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާނު ކޮށްފައެވެ.

ހަމަލާ އާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ދެއްވި ބަޔާނުގައި އިސްރާއީލުން އަމާޒުކޮށްފައިވަނީ ނިއުކްލިއަރ ބޮމެއް ތައްޔާރުކުރުމުގެ މަސައްކަތުގައި އުޅޭ އީރާނުގެ ސައިންޓިސްޓުންނަށާއި، އެ ޤައުމުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމުގެ އިތުރުން ނަތަންޒް ޔުރޭނިއަމް އެންރިޗްމަންޓް ފެސިލިޓީ އަށް ކަމަށާއި، މި އޮޕަރޭޝަން ދުވަސްތަކެއް ވަންދެން ކުރިއަށްދާނެ ކަމަށެވެ.

ނަތަންޒް ސިޓީގައި ހުރި މަންޒަރު ދުށް މީހަކާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފައިވަނީ އެ ފެސިލިޓީ ކައިރިން ގިނަ ގޮވުންތަކެއް އިވިފައިވާ ކަމަށެވެ.

އީރާނުގެ އިސް އޮފިޝަލެއް ރޮއިޓަރސް އަށް ބުނެފައިވަނީ އެ ޤައުމުގެ ލީޑަރޝިޕުން އެންމެ މަތީ ފެންވަރުގެ ސެކިއުރިޓީ ބައްދަލުވުމެއް ބާއްވަމުންދާ ކަމަށެވެ.

- ކޮމެންޓް