ބުރާސްފަތި ދުވަހު ލަންޑަނަށް ދަތުރުކުރަމުން ދިޔަ 242 މީހުން ތިބި އެއަރ އިންޑިއާ ގެ މަތިންދާބޯޓެއް ވެއްޓުނު ހާދިސާގައި އެކަކު ސަލާމަތްވެއްޖެ ކަމަށް އިންޑިއާގެ މީޑިއާ އިން ރިޕޯޓު ކޮށްފިއެވެ.
އިންޑިއާ ޓުޑޭ އިން ހާމަ ކުރި ގޮތުގައި އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އުރުމުން 38 އަހަރުގެ ރަމޭޝް ވިޝްވާސްކުމާރު ސަލާމަތްވީ އެންމެ ފަހު ވަގުތު ބޯޓުން ފުންމާލުމުގެ ސަބަބުން ކަމަށް ރިޕޯޓް ކޮށްފައިވެއެވެ. އޭނާ އިނީ ބޯޓުގެ އިމަރޖެންސީ އެގްޒިޓް ކައިރިން ސީޓް ނަމްބަރު 11އޭ ގައި ކަމަށް ވެސް މި ޚަބަރުގައި ވެއެވެ.
ބޯޓު ނައްޓާލުމާއެކު ވަރަށް ގަދަފަދަ އެއްޗެއް ގޮވި އަޑުފައްގަނޑެއް އިވުނު ކަމަށާއި މުޅި ބޯޓުތެރޭގައި ދުން ބޯވި ކަމަށް އޭނާ އާ ހަވާލާދީ ބައެއް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.
ސަލާމަތްވި ކަމަށް ބުނާ މީހާ ކޮރު ޖަހަމުން އެހެން ބަޔަކާ އެކު ހިނގާފައިދާ ތަން ފެންނަ ވީޑިއޯ އެއް ވެސް ވަނީ އާންމު ކޮށްފައެވެ.
Ramesh Viswashkumar, The sole survivor of the Air India crash escaped by jumping from the plane. He was on seat number 11A. #AirIndia #AhmedabadNews #Gujarat #PlaneCrash #ITReel pic.twitter.com/NsMBeZOkbX
— IndiaToday (@IndiaToday) June 12, 2025
އަނެއްކޮޅުން އެ ބޯޓުން ދަތުރު ކުރި އެކަކު ވެސް ދިރި ތިބޭނެ ކަމަށް ނުބެލެވޭ ކަމަށް އިންޑިއާގެ އަހްމަދު އާބާދުގެ ސިޓީގެ ފުލުހުން މީގެ ކުރިން ވަނީ ހާމަ ކޮށްފައެވެ.
އަދި މަތިންދާ ބޯޓު ވެއްޓުނު ސަރަހައްދަކީ މީހުން ދިރިއުޅޭ އަދި އޮފީސްތައް ހުރި ސަރަހައްދަކަށް ވާތީ އިތުރު މަރުތަކެއް ވެސް މިހާދިސާގެ ސަބަބުން ހިނގައިފާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.