ދިވެހިރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ފުލުހުންގެ ޚިދުމަތާއި ގައުމީ ދިފާއީބާރުން މަޝްވަރާކޮށްފިއެވެ.
ބުދަ ދުވަހު ފުލުހުން ބުނީ، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ސިފައިންގެ މައި މަރުކަޒުގައި ބައްދަލުކުރައްވާފައިވާ ކަމަށެވެ.
މި ބައްދަލުވުމަކީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމާ އަލަށް ހަވާލުވެ ވަޑައިގެން، ޗީފް އޮފް ޑިފެންސް ފޯސްއަށް ތައާރަފު ވުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެއް ކަމަށް ފުލުހުން ބުނެއެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ. ހާއްސަކޮށް، ފުލުހުންނާއި ސިފައިން ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން، މުޅި ގައުމުގެ މަސްލަހަތާއި ސުލްހަ މަސަލަސްކަން އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓުމަށާއި، ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުންމަތީ ދެމިތިބެ، މި މަގުން ގުޅިގެން އިތުރަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ފުލުހުން ބުނެއެވެ.