އީރާނުން ހޯދި އިސްރާއީލުގެ ސިއްރު ޖާސޫސީ މައުލޫމާތުގެ އެހީގައި ވަރަށް ޔަގީން ކަމާއެކު އިސްރާއީލުގެ ޓާގެޓް ތަކަށް އީރާނުން ހަމަލާ ދެވޭނެ ކަމަށް އެ ގައުމުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރްޖީސީ) ގެ އެންމެ އިސް ކޮމާންޑަރު ވިދާޅުވެއްޖެއެވެ.
އީރާނުން ބުނެފައިވަނީ ލިބުނު ޖާސޫސީ މައުލޫމާތުގެ ތެރޭގައި އިސްރާއީލުގެ ސެންސިޓިވް ނިއުކްލިއަރ ފެސިލިޓީތަކާ ބެހޭ މައުލޫމާތު ހިމެނޭ ކަމަށެވެ.
މޭޖަރ ޖެނެރަލް ހުސައިން ސަލާމީ މިހެން ވިދާޅުވީ، ހޯމަ ދުވަހު، އީރާނުގެ އިންޓެލިޖެންސް މިނިސްޓަރ އިސްމާޢީލް ޚަތީބަށް އެޑްރެސްކޮށް ފޮނުއްވި ސިޓީއެއްގައެވެ. އީރާނުގެ ލޯކަލް މީޑިއާ އިން ބުނާ ގޮތުގައި މި ސިޓީގައި އޭނާ ވަނީ އީރާނުން މި ހިންގި ޖާސޫސީ އޮޕަރޭޝަނުގެ ކާމިޔާބު ފާހަގަ ކޮށް މަރުޙަބާ ދަންނަވާފައެވެ.
ހޮނިހިރު ދުވަހު ފެށިގެން އާންމު ވަމުންދާ ޚަބަރުތަކުގައި، އިރާނުގެ އިންޓެލިޖެންސް އޭޖެންޓުން ވަނީ އިސްރާއީލުގެ ނިއުކްލިއަރ، އަސްކަރީ، ސަލާމަތީ އަދި އިންފްރާސްޓްރަކްޗަރ ފެސިލިޓީތަކާ ބެހޭ ގިނަ އަދަދެއްގެ ސިއްރު ލިޔެކިޔުންތަކެއް ހޯދާފައެވެ.
"ޝައްކެއް ނެތް ގޮތުގައި، މި މުހިންމު ޖާސޫސީ މައުލޫމާތުން، އިސްތިއުމާރީ ޒަޔަނިސްޓް ދައުލަތް ފަނާ ކުރުމަށް އަމާޒުކޮށްފައިވާ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، [ކުރިމަގުގައި] އިރާނުގެ މިސައިލް ހަމަލާތަކުގެ ސީދާކަން އިތުރުވާނެއެވެ،" ސަލާމީ ލިޔުއްވިއެވެ.
ފާއިތުވި އަހަރު، އީރާނުން ވަނީ އިރާނުގެ ބިމަށް އިސްރާއީލުން ދިން އަނިޔާވެރި ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހުރި އިސްރާއީލުގެ ސެންސިޓިވް އަދި ސްޓްރެޓެޖިކް އަމާޒުތަކަކަށް ހަމަލާދީފައެވެ.
އޮޕަރޭޝަން ޓްރޫ ޕްރޮމިސް 1 އަދި 2 ގެ ނަމުގައި ހިންގި އަސްކަރީ މި އޮޕަރޭޝަން ތަކުގައި އީރާނުން ވަނީ އެތައް ސަތޭކަ ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތައް 90 އިންސައްތައިގެ ސީދާކަމާއެކު އިސްރާއީލަށް ފޮނުވާފައެވެ.