ކ. މާލެ
|
10 ޖޫން 2025 | އަންގާރަ 14:48
އޮސްޓްރިއާގެ ގްރާޒް ގައި ހުންނަ ސްކޫލާ ކައިރި މަގެއްގައި އެމްބިއުލާންސްތައް ޖަމާވެފައި
އޮސްޓްރިއާގެ ގްރާޒް ގައި ހުންނަ ސްކޫލާ ކައިރި މަގެއްގައި އެމްބިއުލާންސްތައް ޖަމާވެފައި
ގެޓީއިމޭޖަސް
އޮސްޓްރިއާ
އޮސްޓްރިއާގެ ސްކޫލެއްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު މަރުވެއްޖެ
ހަމަލާ ދިނީ ސްކޫލުގެ ކުރީގެ ދަރިވަރެއް ކަމަށާއި އޭނާ އަމިއްލަ އަށް ބަޑި ޖަހާ މަރުވެފައިވާ ކަމަށް ބެލޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮސްޓްރިއާގެ ގްރާޒް ސިޓީގައި ހުރި ސްކޫލެއްގައި ބަޑިން ދިން ހަމަލާއެއްގައި މަދުވެގެން 10 މީހުން މަރުވެ، އިތުރު ބަޔަކަށް އަނިޔާވެފައިވާ ކަމަށް އޮސްޓްރިއާގެ ފުލުހުން ބުނެފިއެވެ.

އޮސްޓްރިއާގެ އެތެރޭގެ ކަންކަމާބެހޭ ވުޒާރާ އާ ހަވާލާދީ، ހައި ސްކޫލުގައި ހިނގި ހަމަލާގައި، އެތައް ބަޔަކު މަރުވެފައިވާކަމަށް ޕަބްލިކް ބްރޯޑްކާސްޓަރ އޯއާރްއެފް އިން ބުނެފައިވެއެވެ.

މަރުވެފައިވާ މީހުންގެ ތެރޭގައި ދަރިވަރުންނާއި މުދައްރިސުން ހިމެނޭކަމާއި، ހަމަލާ ދިނީ ސްކޫލުގެ ކުރީގެ ދަރިވަރެއް ކަމަށް ބެލޭ ކަމަށާއި އޭނާ ސްކޫލުގެ ފާޚާނާއެއްގައި އަމިއްލައަށް ބަޑިޖަހާ މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިއީ އޮސްޓްރިއާގެ ތާރީޚުގައި ހަނގުރާމައިގެ ހާލަތުން ބޭރުން ހިނގި އެންމެ ގިނަ މީހުން މަރުވި ހާދިސާ އެވެ.

އޮސްޓްރިއާގެ ފުލުހުން ބުނެފައިވާ ގޮތުގައި މި ހަމަލާ ހިނގާފައިވަނީ ގްރާޒް ސިޓީގެ އުތުރު-ހުޅަނގު ސަރަހައްދުގައި ހުންނަ ފެޑެރަލް އަޕަރ ސެކަންޑަރީ ސްކޫލެއްގައެވެ.

އޮސްޓްރިއާގެ ކްރޯނެން ޒައިޓުންގް އައުޓްލެޓުން ބުނެފައިވާ ގޮތުގައި އަނިޔާވެފައިވާ ދަރިވަރުންނަށް ފަރުވާދެމުންދަނީ ސްކޫލާ ވަރަށް ކައިރީގައި ހުންނަ އިވެންޓްތައް ބާއްވާ ހޯލެއްގައެވެ.

ގްރާޒް އަކީ އޮސްޓްރިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީއެވެ. މި ސިޓީ އޮންނަނީ ވެރިރަށް ވިއެނާ އިން ގާތްގަނޑަކަށް 200 ކިލޯމީޓަރު ދުރުގައެވެ.

- ކޮމެންޓް