އޮސްޓްރިއާގެ ޗާންސެލަރު އިސްތިއުފާ ދެއްވަން ނިންމެވިކަން އިއުލާނު ކުރައްވައިފިއެވެ.
އޭނާ އޮސްޓްރިއާގެ ވެރިކަމުން އިސްތިއުފާ ދެއްވަން ނިންމެވީ އައު ސަރުކާރު އެކުލަވާލުމުގައި އެހެން ޕާޓީތަކާއެކު، އެއްބަސްވުމަކަށް ނާދެވި ކޯލިޝަން މަޝްވަރާތައް ނިމުމަކަށް އައުމާ ގުޅިގެންނެވެ.
ޗާންސެލަރު ކާރލް ނީހަމާ ވިދާޅުވެފައިވަނީ، އޭނާ ކުރިއަށް އޮތް ދުވަސްތަކުގައި ޗާންސެލަރު ކަމުންނާއި ޕާޓީ ގެ ލީޑަރުކަމުން އިސްތިއުފާދެއްވާނެ ކަމަށެވެ. މިއީ ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް ކުރެވުނު މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޗާންސެލަރު ވިދާޅުވެފައިވަނީ އޭނާގެ ޕާޓީ - ކޮންޒަވޭޓިވް ޕީޕަލްސް ޕާޓީ (އޯވީޕީ) - އާއި ސޯޝަލް ޑެމޮކްރެޓުންނަށް މުހިންމު މައްސަލަތަކުގައި އެއްބަސްވުމަކަށް ނާދެވުނު ކަމަށެވެ.
މަޝްވަރާތަކުގައި ބައިވެރިވި އަނެއް ޕާޓީ ކަމަށްވާ ލިބަރަލް ނިއޯސް ވެސް ހުކުރު ދުވަހު މަޝްވަރާތަކުން ވަނީ ވަކިވެފައެވެ.
ސެޕްޓެމްބަރު މަހު އޮސްޓްރިއާގެ އާންމު އިންތިޚާބުގައި ކަނާތުފިޔައިގެ ފްރީޑަމް ޕާޓީ (އެފްޕީއޯ) އަށް މިހާތަނަށް ނުލިބޭ ވަރުގެ ކާމިޔާބީއެއް ލިބުނު ނަމަވެސް، އެހެން ޕާޓީތަކުން އެފްޕީއޯ އާއެކު ކޯލިޝަނެއް ހެދުމަށް ވަނީ އެއްބަސް ނުވެފައެވެ.
މަޝްވަރާތައް ނާކާމިޔާބުވުމުގެ ސަބަބުން ކޮންޒަވޭޓިވުން ކަނާތުފިޔައިގެ ޕާޓީތަކާ އެކު މަޝްވަރާކުރުމަށް މަގުފަހިވެދާނެ ކަމަށް ނުވަތަ އަލުން އިންތިޚާބެއް ބާއްވަން ޖެހިދާނެ ކަމަށް ވެސް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވެއެވެ.
ރަޝިއާ އާ ގާތް ގުޅުއް އޮންނަ އެފްޕީއޯ އިން މީގެ ކުރިންވެސް ވެރިކަން ކުރި ކޯލިޝަން އެއްގައި ބައިވެރިވެފައިވެއެވެ. އެ ޕާޓީން އަލުން އިންތިޚާބެއް ބޭއްވުމަށް މަރުޙަބާ ކިޔާނެ ކަމަށް ބެލެވެއެވެ. އެއީ ސެޕްޓެމްބަރު މަހުގެ ފަހުން އޮޕީނިއަން ޕޯލްތަކުން ދައްކާގޮތުގައި އެ ޕާޓީގެ މަޤުބޫލުކަން އިތުރުވެފައިވާތީއެވެ.
އެފްޕީއޯ އިން އެކްސް (ކުރީގެ ޓްވިޓަރ) ގައި ޝާއިޢުކުރި ބަޔާނެއްގައި ބުނެފައިވަނީ ކޯލިޝަން މަޝްވަރާތަކުގެ ސަބަބުން ތިން މަސްދުވަސް ގެއްލިފައިވާ ކަމަށާއި "ހަމަޖެހުމުގެ ބަދަލުގައި މިހާރު އޮތީ ހަމަނުޖެހުން" ކަމަށެވެ.
އެ ޕާޓީން ގޮވާލާފައިވަނީ ސޯޝަލް ޑެމޮކްރެޓް ލީޑަރު އަންޑްރިއަސް ބަބްލަރ ވެސް އިސްތިއުފާ ދިނުމަށެވެ. އަދި ރައީސް އެލެކްސެންޑަރ ވެން ޑަރ ބެލެން ކޯލިޝަން އުފެއްދުމުގެ މަޝްވަރާތަކަށް "ގެއްލުނު ވަގުތަށާއި މިހާރު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ބޮޑު ޒިންމާ އެއް ނަންގަވަން ޖެހޭނެ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.