އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވެފައިވަނީ އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އަދި ރަހީނުން ދޫކޮށްލުމަށް އެއްބަސްވުމަކަށް އާދެވޭތޯ ކުރެވޭ މަޝްވަރާތަކުގައި އީރާން ބައިވެރިވާ ކަމަށެވެ.
"މިހާރު ޣައްޒާގައި އަޅުގަނޑުމެންނާއި ހަމާސް އާއި އިސްރާއީލާ ދެމެދު ބޮޑު މަޝްވަރާއެއް ކުރިއަށް ދަނީ، އަދި ހަގީގަތުގައި އީރާންވެސް މީގައި ބައިވެރިވޭ. އަޅުގަނޑުމެން ބަލާނަން ޣައްޒާ އަށް ވާނެ ގޮތް. އަޅުގަނޑުމެން ބޭނުންވަނީ ރަހީނުން އަނބުރާ ގެނައުމަށް،" ޓްރަމްޕް ވައިޓް ހައުސްގެ ސްޓޭޓް ޑައިނިންގ ރޫމްގައި ބޭއްވުނު ހަފްލާއެއްގައި ނޫސްވެރިންނަށް ވިދާޅުވިއެވެ.
ޓްރަމްޕް އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ. އަދި އީރާންގެ ބައިވެރިވުމާ ގުޅޭ އިތުރު މައުލޫމާތަކަށް އެދުމުން ވައިޓް ހައުސްއިން ވަގުތުން ޖަވާބެއް ދީފައެއް ނުވެއެވެ. ނިއު ޔޯކްގައި ހުންނަ އދ. އަށް އީރާންގެ މިޝަނުންވެސް ވަގުތުން މިކަމާ ގުޅޭ ގޮތުން އެއްވެސް ކޮމެންޓެއް ދީފައެއް ނުވާ ކަމަށް ރޮއިޓާސް އިން ބުނެފައިވެއެވެ.
އެމެރިކާއިން އެންމެ ފަހުން ހުށަހަޅާފައިވަނީ އިސްރާއީލާއި ހަމާސްއާ ދެމެދު 60 ދުވަހުގެ ހަނގުރާމަ ހުއްޓާލުމަކަށެވެ. އިސްރާއީލުން ބުނެފައިވަނީ މި ޝަރުތުތަކަށް އެއްބަސްވާނެ ކަމަށެވެ. ނަމަވެސް އަސާސީ ކަންކަން ވެސް ހާސިލު ނުވާ ހުށަހެޅުމެއް ކަމަށް ބުނެ މިހާތަނަށް ހަމާސްއިން މި ޕްލޭން ބަލައިގަނެފައެއް ނުވެއެވެ.
މި ހުށަހެޅުމުގެ ދަށުން ފުރަތަމަ ހަފްތާގައި ދިރިތިބި އަދި މަރުވެފައިވާ ރަހީނުން ހިމެނޭ ގޮތުން 28 ފަރާތެއް ދޫކޮށްލަން ޖެހެއެވެ. މީގެ ބަދަލުގައި 1،236 ފަލަސްތީނު ގައިދީން އަދި 180 މަރުވެފައިވާ ފަލަސްޠީނުންގެ ހަށިގަނޑު ދޫކޮށްލެވޭނެއެވެ.
އެމެރިކާ އާއި އީރާން ވަކިން ތެހެރާންގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ އެއްބަސްވުމަކަށް ވާސިލުވުމަށްވެސް މަސައްކަތް ކުރަމުންދެއެވެ.