އެމެރިކާ އަށް ދަތުރު ކުރުން މަނާ ގައުމުތަކުގެ ލިސްޓަކީ މުސްލިމުންނާ ދޭތެރޭ އެމެރިކާ ގައި އަށަގެންފައިވާ ފުން ރުޅިވެރިކަމުގެ ނިޝާނެއް ކަމުގައި އީރާނުން ބުނެފިއެވެ.
އިރާނުން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިއުލާނު ކުރެއްވި ޓްރެވެލް ބޭން އަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެއީ ނަސްލީ އަދި ދީނީ ތަފާތު ކުރުން ކަމަށް ބުނެފައެވެ.
ޓްރަމްޕް މި ހަފްތާގެ ކުރީކޮޅު ސޮއިކުރެއްވި އަމުރަކުން، އެފްރިކާ އަދި މެދު އިރުމަތީގެ ބައެއް ޤައުމުތައް ހިމެނޭ ގޮތަށް 19 ޤައުމެއްގެ މީހުން އެމެރިކާ އަށް ދަތުރު ކުރުން މަނާކޮށް އަދި އިތުރު ހަތް ގައުމަކުން އެމެރިކާ އަށް ދަތުރު ކުރުން ހަނިކޮށްފައިވެއެވެ.
ހޯމަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާ މި ސިޔާސަތަކީ 2017-2021 އަށް އޮތް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ތަޢާރަފު ކުރެވުނު ފިޔަވަޅުތަކާ އެއްގޮތް ފިޔަވަޅުތަކެކެވެ. މި އެގްޒެކެޓިވް އޯޑަރުގައި ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާ "އެމެރިކާގެ ޤައުމީ ސަލާމަތް ރައްކާތެރި ކުރުމަށްޓަކައި ޢަމަލު ކުރަންޖެހޭ" ކަމަށެވެ.
އިރާނުގެ ޚާރިޖީ ވުޒާރާގެ އޮފިޝަލެއް ކަމަށް ވާ އަލީރެޒާ ހާޝިމީ-ރާޖާ ހޮނިހިރު ދުވަހު ވިދާޅުވެފައިވަނީ މި ނިންމުމުން ހާމަވަނީ "އެމެރިކާގެ ސިޔާސަތު އެކުލަވާލާ ފަރާތްތަކުގެ ހިތުގައި ނަސްލީ ތަފާތު ކުރުމުގެ ވިސްނުމަށް އިސްކަން ދިނުން އޮތް ކަމުގަ" އެވެ.
"މި ފިޔަވަޅުން ދައްކުވައިދެނީ އެމެރިކާގެ ނިންމުންތައް ނިންމާ ފަރާތްތަކުން އިރާނުގެ ރައްޔިތުންނާއި އަދި މުސްލިމުންނާ ދޭތެރޭ އޮތް ފުން ރުޅިވެރިކަން" ކަމަށް އޭނާ ބަޔާނުގައި އިތުރަށް ވިދާޅުވިއެވެ.
އެންމެ ފަހުން އިއުލާނު ކުރެވުނު އެމެރިކާ އަށް ދަތުރު ކުރުން މަނާ ކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ އިރާން، އަފްޣާނިސްތާން، މިޔަންމާ، ޗާޑު، ކޮންގޯ ޖުމްހޫރިއްޔާ، އިކުއެޓޯރިއަލް ގިނީ، އެރިޓްރިއާ، ހައިޓީ، ލީބިޔާ، ސޯމާލިޔާ، ސޫދާން، އަދި ޔަމަނުގެ ރައްޔިތުންނެވެ. އަދި އިތުރު 7 ޤައުމެއްގެ ދަތުރުވެރިންގެ މައްޗަށް ވެސް ވަނީ މަޙްދޫދު މަނާކުރުމެއް ގެނެސްފައެވެ.
ހާޝިމީ-ރާޖާ ވިދާޅުވި ގޮތުގައި މި ސިޔާސަތަކީ ބައިނަލްއަޤްވާމީ ޤާނޫނީ މިންގަނޑުތަކާ މުޅިން ޚިލާފު އަދި ހަމައެކަނި ޤައުމިއްޔަތާއި ދީނުގެ މައްޗަށް ބިނާކޮށް އެތައް މިލިއަން ބައެއްގެ އަސާސީ ދަތުރުފަތުރުގެ ޙައްޤު ނިގުޅައިގަންނަ ކަމެކެވެ."
1980 ގައި ހިނގި އިސްލާމީ އިންޤިލާބު އާ ހަމައިން، އެމެރިކާ އާއި އިރާނުގެ ދެމެދުގައި ރަސްމީ ޑިޕްލޮމެޓިކް ގުޅުމެއް ނެތްތާ ވަނީ 43 އަހަރު ވެފައެވެ.
އެތައް އަހަރެއްގެ ގުޅުން ހީނަރުވެފައިވީ ނަމަވެސް، އެމެރިކާ އަކީ ގައުމުން ބޭރުގައި އެންމެ ގިނައިން އީރާނުގެ ރައްޔިތުން ދިރިއުޅޭ ގައުމެވެ. ތެހެރާންގެ ޚާރިޖީ ވުޒާރާގެ ތަފާސް ހިސާބުން ހާމަވާ ގޮތުގައި 2020 ގައި އެމެރިކާގައި ގާތްގަނޑަކަށް 1.5 މިލިއަން އިރާން ރައްޔިތުން ދިރިއުޅެމުން ދެއެވެ.