އަޟުހާ އީދު ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭ އަދި ވިލިމާލޭގެ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި ދުއްވައިގެން 11 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ، ވެހިކަލް ދުއްވުން މަނާ ވަގުތުތަކުގައި ވެހިކަލް ދުއްވައިގެން 141 މީހަކަށް ނަސޭހަތް ދެވިފައިވާ ކަމަށާއި، 11 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
ތިން ވެހިކަލެއް ޓޯ ކޮށްފައިވާއިރު، އެ ވެހިކަލްތައް ޓޯ ކޮށްފައިވަނީ ނުރައްކާތެރިކޮށް ދުއްވުމާއި، ލައިސެންސް މުއްދަތު ހަމަވެފައި އޮއްވާ ދުއްވުން އަދި އެއްގޮތަކަށް ވެސް ލައިސެންސް ނެތި ދުއްވައިގެން ކަަމަށް ފުލުހުން ބުނެއެވެ.
1446 ވަނަ އަހަރުގެ އަޟްހާ އީދު ދުވަހު މާލެ އަދި ވިލިމާލޭ ގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވަނީ ހަވީރު 4:00ން 6:00ށެވެ.
އަޟްހާ އީދާ ގުޅިގެން މާލެސިޓީގައި ވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން އީދު ދުވަހުގެ ހަވީރު ވަގުތުގައި ޖުމްހޫރީ މައިދާން، ސަލްޓަން ޕާކުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި، ހުޅުމާލޭ ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގައި ކުޑަކުދިންނަށް ޚާއްސަ ހަވީރުތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއެކު ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ އީދުގެ ހަރަކާތްތަކަށް ބޮޑު ތަރުހީބެއް ވެސް ވަނީ ލިބިގެން ގޮސްފައެވެ.
އީދު ދުވަހާ ގުޅިގެން ހަވީރުގެ ވަގުތު ވެހިކަލް ދުއްވުން މަނާ ކުރަނީ ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭހެން ގިނަ ބަޔަކު މަގުމައްޗަށް ނުކުމެ އުޅޭތީ، އަމާން ރައްކާތެރި މާހައުލެއް ގާއިމް ކޮށްދިނުމުގެ މަގުސަދުގަ އެވެ. އީދުގައި ތަފާތު އެކިއެކި ހަރަކާތްތައް މާލެސިޓީގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދެ އެވެ. އަދި ވެހިކަލްތައް ދުއްވުން މަނާ ކުރުމުން މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފަސޭހަވެ، ގިނަ ބަޔަކަށް ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދެ އެވެ.