12 ޤައުމެއްގެ މީހުން އެމެރިކާ އަށް ދަތުރު ކުރުން މަނާ ކުރުމުގެ އަމުރެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ސޮއި ކުރައްވައިފި އެވެ.
މިއީ ކޮލޮރާޑޯގައި ޔަހޫދީންނަށް ތާއީދު ކޮށް ބޭއްވި މުޒާހަރާ އަކަށް ހަމަލާދިން މީހަކީ އެމެރިކާގައި ޤާނޫނާ ޚިލާފަށް ހުރި މީހެއް ކަމަށާ، އަދި އެފަދަ މީހުންގެ ސަބަބުން އެމެރިކާ އަށް ނުރައްކާ ވަމުންދާތީ ނެރުއްވި އަމުރެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މި އަމުރަކީ ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ވެސް ނެރުއްވި ފަދަ އަމުރެކެވެ.
މި ފަހަރުގެ އަމުރު ޓާގެޓް ކޮށްފައިވަނީ އަފްޣާނިސްތާން، ބަރުމާ، ޗާޑު، ކޮންގޯ ޖުމްހޫރިއްޔާ، އިކުއެޓޯރިއަލް ގިނީ، އެރިތްރިއާ، ހައިޓީ، އީރާން، ލީބިޔާ، ސޯމާލިޔާ، ސޫދާން، އަދި ޔަމަނުގެ ރައްޔިތުންނަށެވެ.
ވައިޓް ހައުސް އިން ބުނެފައިވާ ގޮތުގައި މި އަމުރަށް ޢަމަލު ކުރަން ފަށާނީ ޖޫން 9 ވަނަ ދުވަހުއެވެ.
ކޮލަރާޑޯގެ ބޯލްޑަރ ގައި ހިނގި ހާދިސާ އިން، ރަނގަޅަށް ނުބަލާ އެމެރިކާ އަށް މީހުން އެތެރެވުމުގެ ފުރުސަތު އޮތުމުން ކުރިމަތިވާ ބޮޑެތި ނުރައްކާ ހާމަވެގެން ހިނގައްޖެ ކަމަށް އޯވަލް އޮފީހުން އެކްސްގައި ޕޯސްޓްކުރި ވީޑިއޯ މެސެޖެއްގައި ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވަނީ މި އައު ފިޔަވަޅުތައް އޭނާގެ ފުރަތަމަ ދައުރުގައި މުސްލިމް މެޖޯރިޓީ އޮންނަ ޤައުމުތަކުގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާ ކުރުމަށް އެޅުއްވި ފިޔަވަޅުތަކާ އަޅާ ކިޔުއްވާފައެވެ. ޓްރަމަޕް ވިދާޅުވީ އެ ފިޔަވަޅު ތަކުގެ ސަބަބުން ޔޫރަޕުގައި ފެނުނު ފަދަ ހަމަލާތަކުން އެމެރިކާ ސަލާމަތް ވެފައިވާ ކަމަށެވެ.
"ޔޫރަޕުގައި ހިނގާފައިވާ ކަންތައްތައް އެމެރިކާގައި ހިނގާކަށް އަޅުގަނޑުމެން ނޭދެން،" ޓްރަމްޕް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ރައްކާތެރިކަމާއެކު އަދި އިތުބާރުހުރި ގޮތެއްގައި ވެޓްކޮށް ސްކްރީން ކުރެވެން ނެތް އެއްވެސް ޤައުމަކުން ހުޅުވާލެވިފައިވާ ގޮތެއްގައި އެމެރިކާ އަށް އާދެވެން އޮވެގެން ނުވާނެއެވެ. އެހެންވެ މިއަދު އަޅުގަނޑު މި ސޮއި ކުރަނީ ޔަމަން، ސޯމާލިޔާ، ހައިޓީ، ލީބިޔާ، އަދި އެހެން އެތައް ޤައުމެއްގެ ރައްޔިތުން އެމެރިކާ އަށް ދަތުރުކުރުން ހަނިކުރާ އަމުރެއްގައެވެ."
ކޮލޮރާޑޯގައި ހިނގި ހަމަލާއާ ގުޅިގެން ޓްރަމްޕްގެ އިދާރާއިން އެމެރިކާގައި ވިސާ ގައި ދިރިއުޅޭ "ޓެރަރިސްޓުން" ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ބުނުމާއެކު، ބައެއް ގައުމުތަކުން އެމެރިކާ އަށް ދަތުރު ކުރުން މަނާ ކުރާނެ ކަމުގެ އަޑުތައް ވެސް އޮތީ ފެތުރިފައެވެ.
ހަމާސްއިން ހިފަހައްޓާފައިވާ އިސްރާއީލުގެ ރަހީނުންނަށް ތާއީދުކޮށް ކޮލަރާޑޯ ގައި ބޭއްވި މުޒާހަރާ އަކަށް އަމާޒު ކޮށް އަލިފާން ބޮންތަކެއް އުކައި ހަމަލާދިން ކަމަށް ޝައްކުކުރެވޭ މީހަކީ މުޙައްމަދު ޞަބްރީ ސުލައިމާން ނަމަކަށް ކިޔާ މީހެއް ކަމަށް އޮފިޝަލުން ވަނީ ހާމަ ކޮށްފައެވެ.
އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އޮފިޝަލުން ބުނެފައިވާ ގޮތުގައި ސުލައިމާން އަކީ ޓޫރިސްޓް ވިސާ ގައި އެތެރެވުމަށް ފަހު ވިސާގެ މުއްދަތު ހަމަވުމުން ވެސް އެމެރިކާގައި ޤާނޫނާ ޚިލާފަށް ހުރި މީހެކެވެ. ނަމަވެސް އޭނާ ވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އަސައިލަމް އަށް އެދިފައެވެ.