އިސްރާއީލްގެ އަސްކަރިއްޔާ އިން ދިން ހަމަލާތަކުގއި ޣައްޒާ އިން ދިހަ މީހަކު ޝަހީދު ވެފައިވާ ކަމަށް ސިވިލް ޑިފެންސް އެޖެންސީ އިން ހާމަކޮށްފި އެވެ.
ސިވިލް ޑިފެންސް އިން ހާމަކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހު އިސްރާއީލް އިން ހަމަލާތަކުގައި 10 މީހަކު ޝަހީދުވެފައިވާ ކމަށެވެ. ސިވިލް ޑިފެންސްގެ ތަރުޖަމާނު މަޙުމޫދު ބައްސާލް އޭއެފްޕީ އަށް ވިދާޅުވި ގޮތުގައި، އިސްރާއީލްގެ އަސްކަރިއްޔާ އިން އެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ޚާން ޔުނިސްގެ ދެކުނުގައި ހިޖުރަކޮށްފައިވާ މީހުން ތިބި ސަރަހައްދަކަށެވެ.
މި ހަމަލާތަކާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާ އިން މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނެތެވެ. ނަމަވެސް، ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް އިތުރު ކުރުމަށް ފަހު، އިސްރާއީލް އިން ބުނަމުން އަންނަނީ އެ ހަމަލާތައް އިތުރު ކޮށްފައި ވަނީ ހަމާސް ޖަމާއަތް ބަލި ކުރުމުގެ ގޮތުން ކަމަށެވެ.
އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި މިހާތަނަށް ވަނީ އެ ޤައުމުން 54،607 މީހަކު ޝަހީދުވެފަ އެވެ. މީގެ އިތުރުން އެތައް ހާސް ބަޔަކަށް ޒަޚަމުވެފައިވާއިރު، މުޅި ޣައްޒާ ވަނީ ވީރާނާވެފަ އެވެ.
އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ކުރި މަޝްވަރާތަކުގެ ތެރެއިން ވަނީ، ޖަނަވަރީ މަހު ހަނގުރާމަ ހުއްޓާލައިފަ އެވެ. ނަމަވެސް، އެ އެއްބަސްވުމާ ޚިލާފަށް މާޗު މަހުގެ ތެރޭގައި އިސްރާއީލް އިން ވަނީ އަނެއްކާ ވެސް ޣައްޒާ އަށް ހަމަލާތައް ދޭން ފަށައިފަ އެވެ.
މާޗު މަހު އަލުން ހަމަލާތައް ދޭން ފެށި ފަހުން ވެސް މިހާތަނަށް ޣައްޒާ އިން ވަނީ 4335 މީހަކު ޝަހީދު ކޮށްލައިފަ އެވެ. މީގެ އިތުރުން އިސްރާއީލް އިން އަންނަނީ ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ އެތެރެ ކުރުމަށް ވެސް ހުރަސް އަޅަމުންނެވެ. އެހީގެ މަދު މިންވަރެއް އެތެރެ ކުރުމުގެ ހުއްދަ މިދިޔަ މަހު ދިން ނަމަވެސް، އިސްރާއީލް އިން އަންނަނީ އެހީ ބަހާ މަރުކަޒުތަކަށް އަމާޒުކޮށް ވެސް ހަމަލާތައް ދެމުންނެވެ.