ކ. މާލެ
|
5 ޖޫން 2025 | ބުރާސްފަތި 09:59
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސް އޮފީސް
އަރަފާތު ދުވަސް
ދުއާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން ކަމުގައި ރައީސް ވިދާޅުވެއްޖެ
ކޮންމެ މުސްލިމެއްގެ ދުއާ އިޖާބަ ކުރެއްވުން އެދި ރައީސް ދުއާ ދަންނަވާފައިވޭ

ދުއާއަކީ ދިވެހިރާއްޖެއާއި ދިވެހި ކޮންމެ ރައްޔިތަކަށް ﷲގެ އޯގާވަންތަކަމާއި، ރަޙްމަތާއި، ނިއުމަތް ގިނަގުނަ ކޮށްދެއްވައި، އަމާންކަމާއި، ދުޅަހެޔޮކަމާއި، ވިޔަވަތިކަން ތާއަބަދުމެ ދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ 1446 ވަނަ އަހަރުގެ ބަރަކާތްތެރި އަރަފާތު ދުވަހު، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓްގައި ބުރާސްފަތި ދުވަހު ހެނދުނު ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން އެދިވަޑައިގެން ދުއާދަންނަވައި ހިއްސާކުރެއްވި މި ޕޯސްޓުގައި، ކޮންމެ ހައްޖުވެރިއަކަށް މަބްރޫރު ހައްޖެއް މިންވަރު ކުރައްވައި، ކޮންމެ މުސްލިމެއްގެ ދުއާ އިޖާބަ ކުރެއްވުން އެދި ރައީސް ދުއާ ދަންނަވާފައިވެއެވެ. އަދި އަޅަމެންގެ ހެޔޮ އަމަލުތައް ގަބޫލު ކުރައްވައި، ދުނިޔެއާއި އާޚިރަތުގައި، ﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލެހެއްޓެވުމަށް އެދިވަޑައިގެން ދުއާ ދަންނަވާފައިވެއެވެ.

ރައީސްއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު މިވަގުތު ތިއްބެވީ މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައޫދީ އަރަބިއްޔާގައެވެ. ރައީސްގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއި، އެ ވަފުދުގެ ބައެއް މެންބަރުންގެ އަނބިއަނބިކަނބަލުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސްގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ އެންމެހައި ކަންކަން ބަލަހައްޓަވަމުން ގެންދަވަނީ ސައޫދީ އަރަބިއްޔާގެ ސަރުކާރުންނެވެ. މިއީ ކޮންމެ ޤައުމެއްގެ ވެރިޔަކު ވެސް ހައްޖުގެ އަޅުކަން ފުރިހަމަ ކުރެއްވުމަށް ވަޑައިގަތުމުން ސައުދީ ރަސްގެފާނު ދެއްވާ ޚާއްސަ މެހެމާންދާރި ޚިދުމަތެވެ. މީގެ ކުރިން ވެސް ރާއްޖޭ ގެ ވެރިކަމުގައި ހުންވާ ރައީސަކު ހައްޖުގެ އަޅުކަމަށް ވަޑައިގެން އިރު ހަމަ މި ޚާއްސަ މެހެމާންދާރި ލިބިވަޑައިގެންފައިވެއެވެ. ހަމަ އެހެންމެ ދަތުރު ކުރައްވަނީވެސް ސައުދީ ސަރުކާރުން ފޮނުއްވާ ޚާއްސަ ޖެޓް ގައެވެ.

- ކޮމެންޓް