މަޝްހޫރު ގާނޫނީ ވަކީލު މަހުފޫޒު ސައީދުގެ ގަޔަށް ވަޅި ޖަހަނެ ކަމަށް ބުނެ ދިން އިންޒާރުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
މަހުފޫޒަށް އިންޒާރު ދީފައި ވަނީ ޖާނަލިސްޓް ގާސިމް ކިޔާ އެކައުންޓަކުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. ނަމަވެސް މިހާރު އެ ޕޯސްޓް ވަނީ ޑިލީޓް ކޮށްލާފައެވެ.
ސްކްރީން ޝޮޓެއް ހިއްސާކޮށް މަހުފޫޒު ވިދާޅުވީ އެފަދަ ކަމެއްގައި އޭނާގެ މަޝްވަރާއަކަށް ދުރާލައި އެދުނީތީ އުފާކުރާ ކަމަށެވެ. ނަމަވެސް އޭނާ ގަޔަށް ވަޅި ޖަހަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އެހެންކަމުން އެ ފަދަ އެއްވެސް ކަމެއް އެއްގޮތަކަށް ވެސް ނުކުރުމަށް ވަނީ އެދިލައްވައިފައެވެ.
ތިޔަފަދަ މުހިންމު ކަމެއްގައި އަޅުގަނޑުގެ މަޝްވަރާއަކަށް ދުރާލާ އެދިވަޑައިގެންނެވީތީ ވަރަށް އުފާވެއްޖެ. ތިޔަ ބާވަތުގެ ކަމެއް ކުރައްވަންޖެހޭ ޖާއިޒް އެއްވެސް ސަބަބެއްވެސް ނެތުމާއެކު އަޅުގަނޑަށް ފެންނަނީ އަދި އެދެނީވެސް ތިކަހަލަ އެއްވެސް ކަމެއް ހަމަ އެއްގޮތަކަށްވެސް ނުކުރެއްވުން! https://t.co/kqD84aINkV pic.twitter.com/O0ny4iuMZu
— Mahfooz Saeed (@MahfuzSayd) June 3, 2025
މި މައްސަލައާ ގުޅިގެން ރާއްޖެއެމްވީއަށް ފުލުހުން ބުނީ، މި މައްސަލަ އަންގާރަ ދުވަހު ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މަރުގެ އިންޒާރު ފަދަ އިންޒާރުތަކަކީ ޚާއްސަ ސަމާލުކަމެއްދީގެން ތަހުގީގު ކުރާ މައްސަލަތައް ކަމަށް ފުލުހުން ބުނެއެވެ.
މަހުފޫޒަށް އިންޒާރު ދިނުމާއި ގުޅިގެން އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ވެސް ވަނީ މިމައްސަލަ ކުށްވެރިކޮށް، ސިރީއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރުމަށް ގޮވާލާފައެވެ.
އެގޮތުން އެމްޑީޕީގެ ރައީސް އަބްދުއްﷲ ޝާހިދު ވިދާޅުވީ މީހުންގެ ނަފްސަށް ގެއްލުން ދޭނެކަމަށް، އޮންލައިންކޮށް ނުވަތަ އެ ނޫން ގޮތަކުންވެސް ގޮވައި، އިންޒާރުދީ ހަދައިގެން ނުވާނެ ކަމަށާއި، ކަމާބެހޭ މުވައްސަސާތަކުން މި މައްސަލަ ބަލައި، އަވަހަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ، މިފަދަ އިންޒާރު ތަކަކީ ލުއިކޮށް ދޫކޮށްލަންވާނެ ކަންކަމެއް ނޫން ކަމަށާއި، ފުލުހުން މުޒާހަރާ ކުރާ މީހުންގެ މައްސަލަ ބަލާ ވަރަށްވުރެ މުހިންމުކަން ދީގެން މި މައްސަލަތައް ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
ގާނޫނީ ވަކީލު މަހުފޫޒަށް ވަޅިން ހަމަލާ ދޭނެ ކަމަށް ބުނެ އިންޒާރު ދީފައިވައިރު، 4 ސެޕްޓެންބަރު 2015 ގައި މަގުމަތިން އޭނާގެ ބޮލަށް ވަޅިހަރައި ޒަހަމް ކޮށްލާފައިވެއެވެ. އެ ވަޅި އޭނާ ބޮލުގެ ދެ އިންޗި ފުންމިނަށް ވަދެފައިވެއެވެ. އަދި ވަޅި ހެރުމުގެ ސަބަބުން ލިބުނު ސީރިއަސް ޒަޚަމްތަކަށް އައިޖީއެމްއެޗާއި ސްރީލަންކާގެ ހޮސްޕިޓަލުން ފަރުވާ ހޯއްދަވާފައިވެއެވެ.
އޭރު މަހުފޫޒަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލެކެވެ.
އެ މައްސަލައިގައި ދައުވާކުރީ ރ. އިނގުރައިދޫ ކަރަންކާގޭ ހުސައިން ޝަފްރާޒް އިބްރާހިމާއި ހުޅުމާލެ 11270 އަހުމަދު ރާއިދާއި ހ. ސެނާ ޚާލިދު ނަފީއުގެ އިތުރުން ދަފްތަރު ނަމްބަރު 6201، ފިރާޒް ޖައުފަރުގެ މައްޗަށެވެ.
ހުސެއިން ޝަފްރާޒާއި އަހުމަދު ރާއިދުގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ އުފުލުއިރު، ޚާލިދު ނަފީއު އަދި ފިރާޒް ޖައުފަރުގެ މައްޗަށް ކުރީ މަހްފޫޒަށް އެދުވަހު ފާރަލި ކަމަށް ބުނެ ގަސްދުގައި މީހަކު މަރާލަން އުޅުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ނަމަވެސް މިއިން އެއްވެސް މީހެއް މައްޗަށް ދައުވާ ސާބިތުނުވެ މިހާރު ތިބީ މިނިވަންވެފައެވެ.
8 ޑިސެންބަރު 2022 ގައި ކްރިމިނަލް ކޯޓުންކުރި ހުކުމްގައި ބުނެފައިވަނީ މަހުފޫޒަށް ހަމަލާދިނީ ކޮންބައެއްކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.