އ.ދ.ގެ 80 ވަނަ ޖެނެރަލް އެސެމްބްލީގެ ނައިބު ރައީސެއްގެ މަގާމަށް ދިވެހި ރާއްޖެ އިންތިހާބުވެއްޖެއެވެ.
ސެޕްޓެމްބަރު 2025ގައި ފަށާ އ.ދ.ގެ 80ވަނަ ޖެނެރަލް އެސެމްބްލީގެ ނައިބު ރައީސްކަން ކުރަން ލިބޭ 21 ގައުމުގެ ތެރޭގައި ދިވެހި ރާއްޖެ ވަނީ ހިމެނިފައެވެ.
އދ ގެ އާންމު ޖަލްސާގައި ނައިބު ރައީސްކަން ކުރުމުގެ ފުރުސަތު ލިބޭ ގައުމުތަކުގެ ދައުރަކީ އެއްވެސް ސަބަބަކާ ލައިގެން އާންމު ޖަލްސާގެ ރައީސްކަން ކުރައްވާ ބޭފުޅާއަށް ހާޒިރު ނުވެވޭ ހާލަތުގައި ޖަލްސާ ކުރިއަށް ގެންދިޔުމެވެ. އެ ހާލަތުގައި ރައީސްއަށް ލިބިގެންވާ އެންމެހައި ބާރުތައް ނައިބުރައީސްކަން ކުރައްވާ ބޭފުޅަކަށް ވެސް ލިބޭނެ އެވެ.
މިއަހަރު އ.ދ.ގެ މެންބަރުކަން ރާއްޖެއަށް ލިބުނުތާ 60 އަހަރު ވާއިރު، ނިއުޔޯކްގައި މިއަދު ބޭއްވި އިންތިހާބުގައި އޭޝިއާ ޕެސިފިކް ގްރޫޕަށް މި ސެޝަނަށް ލިބެން ހުރި ފަސް ގޮނޑި ފުރުމަށް ރާއްޖެ، ބަންގްލަދޭޝް، ލުބްނާން، ސައުދީ އަރަބިއްޔާ އަދި ޓިމޯރު ލެސްޓޭ ވަނީ އިންތިހާބުކޮށްފައެވެ.
މީގެ ކުރިން އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކު ހޮވުމުގެ އިންތިހާބު ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ކާމިޔާބު ކުރަށްވާފައެވެ.