1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު، މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި ކުރާތަންތަނުގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން 24 މިސްކިތެއްގައި ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަހަކީ، މި އަހަރުގެ ޖޫން މަހުގެ 06 ވާ ހުކުރު ދުވަހެވެ.
މާލޭ ސަރަޙައްދުގައި، އަޟްޙާ ޢީދު ނަމާދު ކުރުމަށްޓަކައި، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިނިސްޓްރީންވަނީ ވަކި މިސްކިތްތަކާއި މައިދާންތަކެއް ކަނޑައަޅާފައެވެ. އެގޮތުން މާލޭ ސަރަޙައްދުގައި އަޟްޙާ ޢީދު ބޮޑު ޖަމާޢަތް ހެދުމަށްޓަކައި ހަތަރު މައިދާނެއް ހަމަޖައްސާފައިވެއެވެ.
އެއީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލޭ ފުޓްބޯޅަދަނޑު އަދި ހުޅުމާލޭގެ ސްޓޭޑިއަމް އަދި ހުޅުމާލެ ފޭސް ދޭއްގެ ކުރިކެޓް ސްޓޭޑިއަމް ސަރަޙައްދެވެ. މީގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން ތިރީގައި އެވާ ހުރިހާ މިސްކިތްތަކެއްގައިވެސް ޢީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބޮޑު ޖަމާޢަތް ހެދުމަށް ހަމަޖެހިފައިވާ މައިދާންތަކުގެ އިތުރުން މަތީގައި ބަޔާންކުރެވިފައިވާ މިސްކިތްތަކުގައި ޢީދު ނަމާދުކުރުން ކުރިއަށް ދާނެކަމަށް މިނިސްޓްރީން ބުނެއެވެ.
ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ޢީދުގެ ބޮޑު ޖަމާޢަތް ހެދުމަށް ކަނޑައެޅިފައިވާ 4 ސަރަޙައްދުގައި، ޢީދުގެ ބޮޑު ޖަމާޢަތް ނުބޭއްވޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޢާންމު ގޮތެއްގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި ޢީދު ނަމާދުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ޢީދު ނަމާދު ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ.