ކ. މާލެ
|
1 ޖޫން 2025 | އާދީއްތަ 12:40
ޔުމްނު ރަޝީދުގެ މައްސަލަ ބަލާ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޑރ.  މުނައްވަރު ވާހަކަދައްކަވަނީ
ޔުމްނު ރަޝީދުގެ މައްސަލަ ބަލާ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޑރ. މުނައްވަރު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ޔުމްނު ވެއްޓުނު މައްސަލާގެ ތަހުގީގު
ޔުމްނު މައްސަލައިގެ ތަހުގީގު ރިޕޯޓު ގާތްގަނޑަކަށް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިންމައި ހަވާލު ކުރާނަން: ކޮމިޝަން
އެ ކޮމިޝަނުގެ މަސައްކަތް ނިމެން ވަނީ ގާތްވެފައި
ފުލުހުން އާއްމުކުރާ މައުލޫމާތާއި، އާއިލާއިން ދޭ މައުލޫމާތު ދިމާނުވޭ
މި ކޮމިޝަނަށް އިތުބާރު ނެތް ކަމަށް ޔުމްނުގެ އާއިލާގެ އިތުރުން އާއްމު ރައްޔިތުން ދަނީ ބުނަމުން

އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގެއިން ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގު ރިޕޯޓު ގާތްގަނޑަކަށް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިންމައި ހަވާލު ކުރާނެ ކަމަށް ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.

އިންސާފުވެރިކަމާއެކު ތަހުގީގު ކުރިއަށް ގެންދާނެ ކަމަށް ބުނެ އުފެއްދި ރިޔާސީ ކޮމިޝަނުން އާދިއްތަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ކޮމިޝަނުގެ މަސައްކަތް ނިމެން ގާތްވެފައިވާ ކަމަށާއި ކޮމިޝަނުގެ ތަހުގީގު ރިޕޯޓު ގާތްގަނޑަކަށް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމައި، ރައީސް ޑރ.މުހައްމަދު މުއިއްޒާ ހަވާލުކުރާނެ ކަަމަށެވެ.

އެ ކޮމިޝަނުން ވަނީ މައްސަލަ ތަހުގީގު ކުރުމަށް ޔުމްނުއާއި ގުޅުންހުރި ތަންތަނަށް ގޮސް މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ވެސް ކޮށްފައެވެ. އަދި ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކޮށް ސުވާލުކޮށްފައިވެއެވެ.

މި ތަހުގީގު ކުރިއަށް ގެންދާ ގޮތާއި މެދު ހިތްހަމަ ނުޖެހި ގިނަ އަދަދެއްގެ ޒުވާނުން މަގުމައްޗަށް ނުކުމެ، އިންސާފު ހޯދައިދިނުމަށް ގޮވާލާ މުޒާހަރާ ކުރަން ފެށުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ 27 އޭޕްރީލް 2025 ގައި ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. ނަމަވެސް މި ކޮމިޝަނަށް އިތުބާރު ނެތް ކަމަށް ޔުމްނުގެ އާއިލާގެ އިތުރުން އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ.

ރިޔާސީ ކޮމިޝަނުގެ ރައީސްއަކީ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރެވެ.

ރިޔާސީ ކޮމިޝަންގެ އިތުރުން ފުލުހުންގެ ޚިދުމަތުން ވެސް މިމައްސަލަ ޚާއްސަ އިސްކަމެއްދީގެން ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ފުލުހުން އާއްމުކުރާ މައުލޫމާތާއި، އާއިލާއިން ދޭ މައުލޫމާތު ދިމާނުވާކަން ފާހަގަކުރެވެއެވެ. 22 މެއި 2025 ގައި އާއިލާއިން ބުނެފައިވަނީ ޔުމްނު ވައްޓާލިތާ މަސް ދުވަސްވީ އިރު ތަހުގީގަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ އާއިލާގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ. އަދި މެލޭޝިއާގެ ފުލުހުން މެދުވެރިކޮށް ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އާއިލާއިން ފުލުހުންގެ އެ ތުހުމަތުކޮށް ދޮގުކޮށް ބުނެފައިވަނީ ފުލުހުން ޔުމްނުއާ ރަސްމީކޮށް ބައްދަލުކުރާކަށް ނޭދޭ ކަމަށާއި، އެދިފައިވަނީ އަމިއްލަ ގޮތުން ބައްދަލުކުރަން ކަމަށެވެ. އަދި ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށް ފުލުހުން ބުނި ނަމަވެސް، އެފަދަ މައުލޫމާތެއް ހޯދަން ފުލުހުން އެދިފައި ނުވާ ކަމަށް ވެސް ޔުމްނުގެ އާއިލާ އިން ވަނީ ބުނެފައިވެއެވެ.

މިމައްސަލައާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް ފުލުހުންނަށް އަމާޒުވި ނަމަވެސް ޔުމްނު ވެއްޓުނު މައްސަލައިގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތުގައި އެއްވެސް ގޯހެއް ފާހަގަނުވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިމައްސަލާގައި ފުލުހުން ދޮގު ހަދާފައިވާ ކަމަށާއި، ތަހުގީގު ވަރަށް ބޮޑަށް ހުރަސްއަޅާފައިވާ ކަމަށް ވެސް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.

ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި އެހެން އެއްވެސް މީހެއްގެ ބައިވެރިވުމެއް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް 8 މެއި 2025 ގައި ޔުމްނުއާ ހަވާލާދީ އާއިލާއިން ބުނެފައިވަނީ ޔުމްނު އަމިއްލައަށް ފުންމާނުލާ ކަމަށެވެ. އަދި އެ ހާދިސާ ހިނގިރޭ ރައުދު އަހުމަދު ޒިލާލުގެ އިތުރުން އިތުރު 4 މީހަކު އެގޭގައި ތިބި ކަމަށް ޔުމްނު ބުނެފައިވެއެވެ. އަދި އޭނާ ވެއްޓުމުން އޭނާ އެތަނަށް ދޫކޮށްލީ ބަޔަކު ކަމަށް ޔުމްނު ވަނީ ބުނެފައެވެ.

މީގެ އިތުރުން އެގެއަށް ދިޔައީ ޔޫސުފް ޔައްސާރު އަބްދުއްޣަފޫރުގެ ދިން ދައުވަތަކަށް ކަމަށް ވެސް ޔުމްނު ބުނެފައިވެއެވެ. ޔައްސާރު އަކީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ގޭގައި މަސްތުވާތަކެއްޗާއެކު ޕާޓީކުރި މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ފުލުހުން ބުނާ އެކަކެވެ.

- ކޮމެންޓް