Advertisement
ކ. މާލެ
|
4 ޖުލައި 2025 | ހުކުރު 13:14
ދައުލަތުން މަހުޒޫމްއައި ޝިމަންއާއި އެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދަން ބޭނުންވާކަމަށް ބުނިނަމަވެސް އޭގައި ހުރި ޝަރުތުތަކެއް ހާމައެއް ނުކުރޭ
ދައުލަތުން މަހުޒޫމްއައި ޝިމަންއާއި އެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދަން ބޭނުންވާކަމަށް ބުނިނަމަވެސް އޭގައި ހުރި ޝަރުތުތަކެއް ހާމައެއް ނުކުރޭ
ރާއްޖެއެމްވީ
މަހުޒޫމުއާއި ޝިމަންއަށް ދައުވާކުރުން
ސަރުކާރުން ބޭނުންވަނީ ބިރު ދައްކައިގެން މަހުޒޫމްއާއި ޝިމަން ނަސޭހަތުގެ އެއްބަސްވުމެއްގައި ސޮއިކުރުވަން!
ނަސޭހަތުގެ އެއްބަސްވުމުގެ ތަފްސީލެއް ޕީޖީ އޮފީހުން ދޭން ދެކޮޅު
މަޙްޒޫމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ފުލުހެއްގެ ގައިގައި އަތްލުން ނުވަތަ އަނިޔާއެއް ކުރުމުގެ ކުށުގެ ދައުވާއާއި ޝިމަންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ
އެމީހުންގެ މައްޗަށް ދައުވާ އުފުލާފައިވާއިރު ޕީޖީ އޮފީހުން ބުނެފައިވަނީ އެމީހުންނަށް ވެސް ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ކުރިން ވެސް ދިން ކަމަށް
f

އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އަށް އިންސާފު ހޯދައިދޭން ގޮވާލައި ސިލްސިލާކޮށް ކުރަމުންދިޔަ މުޒާހަރާއިން ހައްޔަރުކުރި އައިޝަތު ޝިމަން އަހުމަަދާއި އަބްދުﷲ މަހްޒޫމް މާޖިދުގެ މައްޗަށް ދައުވާ އުފުލީ ނަސޭހަތުގެ އެއްބަސްވުމުގައި ސޮއިނުކުރުމުންކަން ހާމަވެއްޖެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް މަޙްޒޫމް އެއިރު ގެންދިޔައީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. ޝިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަހުޒޫމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ފުލުހެއްގެ ގައިގައި އަތްލުން ނުވަތަ އަނިޔާއެއް ކުރުމުގެ ކުށުގެ ދައުވާ އެވެ. ޝިމަންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ. މަހުޒޫމްއަށް ފޮނުވި ދައުވާ ފޯމުގައި ވަނީ އޭނާގެ މައްޗަށްދައުވާ އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާ (ހ) ގެ 1 ވަނަ ނަންބަރާއި ހަވާލާދީ އެ މާއްދާ (ށ)ގެ 3 ވަނަ ނަންބަރުގެ ދަށުންނެވެ.

މި ކުށުގެ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ކުށަށް ދެވޭ އެންމެ ބޮޑު އަދަބަކީ 4 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

ޝިމަންއަށް ފޮނުވި ފޯމުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ދައުވާ އުފުލަނީ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ކަމަށެވެ.

އެމާއްދާގައި ބުނަނީ މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހަކު، ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ކުރުން ޤަޞްދުގައި ހުއްޓުވުން، ނުވަތަ އެކަމަށް ހުރަސްއެޅުން ނުވަތަ އެކަމެއް ކުރިއަނުދިނުމެވެ. (2) ވަނަ ނަންބަރުގައި ބުނަނީ އެއީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްކަން ނުވަތަ މީހުން ބަންދުގައި ބައިތިއްބާ ތަނެއް ބަލަހައްޓާ މުވައްޒަފެއްކަން އޭނާއަށް އެނގުމެވެ.

މި ކުށުގެ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އެންމެ ބޮޑު އަދަބަކީ 1 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

ޝިމަން އަދި މަޙްޒޫމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެމީހުން ސުލްހަވެރިކަމާއި އެކު މުޒާހަރާކުރަމުން ދަނިކޮށް ފުލުހުން އެމީހުންނާއި ދިމާލަށް އައިސް ހަމަނުޖެހުން އުފައްދަން މަސައްކަތް އެހަމަނުޖެހުމުގެ ތެރޭގައެވެ.

ނަމަވެސް އެއްވެސް މަންޒަރަކުންވެސް މި ދެމީހުންވެސް ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ނުކިޔަންމަންތެރިކަން ދެއްކި މަންޒަރެއް ފެނިފައެއް ނުވެއެވެ. ނަމަވެސް މަޙްޒޫމް ހައްޔަރަށް ގެންދިޔަ ވަގުތު ބިންމައްޗަށް ވައްޓާލާ ގަމީސްވެސް ވީދާލާ މަންޒަރު ފެނެއެވެ. ޝިމަން އަދި މަޙްޒޫމް ހައްޔަރުކޮށްފައިވަނީ އެއްވެސް ސަބަބަކާއި ނުލައިކަން މަންޒަރުތަކުން ފެނެ އެވެ. މަޙްޒޫމްއަކީ ޔުމްނުއަށް އިންސާފު ހޯދުމަށް ކުރިއަށް މިގެންދާ ދުލެއް ނުކުރާނަން ހަރަކާތުގެ އިސްކޮށް އުޅުއްވާ ޤާނޫނީ ވަކީލެކެވެ. އޭނާ ހައްޔަރަށް ގެންދިޔައީ ބިންމައްޗަށް ވައްޓާލުމަށްފަހު ބިޑި އަޅުވައިގެންނެ އެވެ.

މަހުޒޫމްއާއި ޝިމަންގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، ޕީޖީ އޮފީހުން ބުނެފައިވަނީ މަހްޒޫމާއި ޝިމަންއަށް ވެސް ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ކުރިން ވެސް ދިން ކަމަށެވެ. އަދި އެ ހުށަހެޅުމަށް އިންކާރުކޮށްފައިވާ ކަމަށާއި ނަމަވެސް އަދިވެސް އެ ފުރުސަތު އެބައޮތް ކަމަށެވެ. މި އެއްބަސްވުމަކީ އިތުރު ކުށެއް ނުކުރަން ޝަރުތުކޮށް ދައުވާ ނުކޮށް ދޫކޮށްލަން ހަދާ އެއްބަސްވުމެކެވެ. ނަމަވެސް ދައުލަތުން ޝަރުތުކުރަނީ ކޮންކަމަކަށް ކަމެއް ހާމަކޮށްފައި ނުވެއެވެ.

މިކަމާއި ގުޅިގެން މަހުޒޫމް ވިދާޅުވެފައިވަނީ ވީ ހުރިހާ ކަމެއް ޓީވީން ލައިވްކޮށް ގެނެސްދިން ކަމަށެވެ. ކޮންމެ ފުލުހަކު ވެސް ހުރީ ބޮޑީ ކެމެރާ ހަރުކޮށްގެން ނަމަވެސް އެއްވެސް ވީޑިއޯއެއް ނުލިބޭ ކަމަށެވެ. އަދި މައިކްރޯފޯން ނަގަމުން ދަނިކޮށް މީހަކު ކޮށްޕާލިތަން ފެނުނު ކަމަށް ބުނެ ދޮގު ވާހަކަތައް ދައްކަނީ އެންމެ ތިން އޮފިސަރުން ކަމަށެވެ. މަހުޒޫމް ވިދާޅުވީ އޭނާ އެކަން ކުރިކަމަށް ބުނި އިރު އޭނާ ހުރީ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައި ކަމަށެވެ.

މިކަމާއި ގުޅިގެން ޝިމަން އެކަސްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ އެއްބަސްވުމަށް ދެކޮޅެއް ނަހަދާ ކަމަށެވެ. އަދި އެ ހުށަހެޅުން ގަބޫލުކޮށްގެން ނޫނީ އެއްބަސްވުމުގެ ތަފްސީލެއް ދިނުމަށް ޕީޖީ އޮފީހުން ދެކޮޅު ހަދާ ކަމަށެވެ. ޕީޖީއޯއަށް އެކަށީގެންވާ ޝަރުތުތަކަކާއެކު އެއްބަސްވުމެއް ހުށަނޭޅޭ ކަމަށާއި، އެއްބަސްވުމަށް އެދޭއިރު، އެއްބަސްވުމުގެ އިތުރު ޝަރުތުތައް ބުނެ ނުދެވުމަކީ ހުށަހެޅުމެއްތޯ ސުވާލު އުފައްދާ އޭނާގެ ނަންމަތީގައި ދޮގު ނުހެދުމަށް ޕީޖީއަށް ގޮވާލާފައެވެ.

- ކޮމެންޓް