ކ. މާލެ
|
18 ޖޫން 2025 | ބުދަ 00:47
ރިޔާސީ ކޮމިޝަން
ރިޔާސީ ކޮމިޝަން
ސޯޝަލް މީޑިއާ
ރިޔާސީ ކޮމިޝަނުގެ ރިޕޯޓު
ޔުމްނު ވެއްޓުމުގައި ރައުދުގެ އިހުމާލު އޮތްކަމަށް ބުރަވެވޭ: ކޮމިޝަން
ކޮމިޝަނުން ބެލި ބެލުމުގެ ހާދިސާ ހިނގި ރޭ ރައުދާއި ޔުމްނު ފިޔަވައި އިތުރު މީހަކު ފެންނަން ނެތްކަން ސީސީޓީވީ ފުޓޭޖުން ދައްކާ

ހ.ފެންޓޯނިއާ 9 ވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަދޮރުން ޔުމްނު ވެއްޓުމުގައި ރައުދު އަޙްމަދުގެ އިހުމާލު އޮތްކަމަށް ބުރަވެވޭ ކަމަށް ރިޔާސީ ކޮމިޝަނުން ބުނެފި އެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރިޔާސީ ކޮމިޝަނުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެރުވި ރިޕޯޓުގައި ބުނީ ހާދިސާ ހިނގި ރޭ މއ.މާންދޫގެދެކުނުގެއިން ނުކުތް ފަހުން ހ.މާއިރާއަށް ދިޔުމާއި ދޭތެރޭ ހިނގާދިޔަ އެއްވެސް ކަމެއް ހަނދާން ނެތްކަމަށް ރައުދު އަހުމަދު ބުނެފައިވާތީ ސިޑިގޮޅީގައިވާ ކުޑަދޮރުން ޔުމްނު ވެއްޓުމުގައި ރައުދުގެ އިހުމާލު އޮތްކަމަށް އެކޮމިޝަނަށް ބުރަވެވޭކަމަށެވެ.

އަދި އެ ކޮމިޝަނުން ބެލި ބެލުމުގެ ހާދިސާ ހިނގި ރޭ ރައުދާއި ޔުމްނު ފިޔަވައި އިތުރު މީހަކު ފެންނަން ނެތްކަން ސީސީޓީވީ ފުޓެޖުން ދައްކާ ކަމަށެވެ. އަދި ހެކިންގެ ހެކިބަހާއި ފޮރެންސިކް ރިޕޯޓުތަކަށް ބަލާއިރު ވެސް ތިން ވަނަ ފަރާތެއް ހާދިސާ ހިނގި ތަނުގައި އެ ވަގުތު ހަރަކާތްތެރިވިކަން އެނގެން ނެތުމުން، ފެންޓޯނިއާގެ ނުވަ ވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަ ދޮރުން ޔުމްނު ވައްޓާލުމުގައި ނުވަތަ ފުންމާލުމުގައި ނުވަތަ ވެއްޓުމުގައި ރައުދު ފިޔަވައި އެހެން ފަރާތެއްގެ ބައިވެރިވުމެއް އަމަލީ ގޮތުން އޮވެދާނެ ކަމަށް ކޮމިޝަނަށް ނުފެންނަ ކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ވެއެވެ.

މީގެ އިތުރުން ޔުމްނު ވެއްޓިގެން ލިބުނު އަނިޔާތައް ފިޔަވައި އިތުރު އެހެން އަނިޔާއެއް އޭނާއަށް ލިބިފައި ނުވާ ކަމަށާއި އަދި މީހަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން ނެތްކަން މެޑިކަލް ރިޕޯޓުތަކާއި ހެކިންގެ ހެކިބަހުން ލިބުނު ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޔާސީ ކޮމިޝަނުން ވަނީ، ހާދިސާ ހިނގީ ރޭ ރައުދާއި ޔުމްނުގެ އަމަލުތައް ހުރި ގޮތުންނާއި ކުޑަކަމުދާ ތަކެތީގެ ތަހުލީލުން އެނގެން އޮތް ކަމަށާއި، އެރޭ އެ މީހުންނާއެކު އުޅުނު މީހުންގެ ބަޔާނުން ވެސް އެކަން އެނގެން އޮތް ކަމަށެވެ. އަދި ރައުދާއި ޔުމްނު މަސްތުގެ ހާލަތަށް އައީ އަމިއްލަ އިޚުތިޔާރުގައި ކަމަށްވާތީ އޭގެ ސަބަބުން ދިމާވާ ކަންކަމުގެ ޒިންމާ އެ ދެ މީހުން އުފުލަން ޖެހޭނެ ކަމަށް ރިޕޯޓުގައިވެއެވެ.

މި މައްސަލާގައި ރައުދު ހައްޔަރުކުރީ ހާދިސާ ހިނގިތާ ހަފުތާއެއްހާ ދުވަސް ފަހުން އޭޕްރިލް 24ގައެވެ. އެއަށްފަހު އޭނާގެ ބަންދު އިތުރުކުރަމުން ދަނިކޮށް، މިދިޔަ މަހުގެ 26ގައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިރުޝާދުގެ ދަށުން އޭނާ ވަނީ ދޫކޮށްލައިފައެވެ.

- ކޮމެންޓް