އައިނު ވިއްކުމުގައި އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް ކަމަށް ބުނެ މި ސަރުކާރުން އައިނުގެ ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޮނިހިރު ދުވަހު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ހޮނިހިރު ދުވަހު ދެއްވި ބަސްދީގަތުމެއްގަ އެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ހަފުލާއެއްގައި، ބުރާސްފަތި ދުވަހުގެ ރޭ ރައީސް ވަނީ ޖޫން އެއްވަނަ ދުވަހުން ފެށިގެން، އައިނު ހައްދަން އާސަންދައިން ދޭ ރުފިޔާ 2،000 ރުފިޔާއަށް ބޮޑުކުރުމަށް ނިންމާފައިވާކަން އިއުލާންކުރައްވައިފަ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވީ ބަސްދީގަތުމުގައި ރައީސް ވިދާޅުވީ، ސަރުކާރުން މި ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމެވީ ރައްޔިތުންގެ ފަރާތުން އެކަމަށް އެދިވަޑައިގަންނަވާފައިވާތީ، އެއާއިގުޅިގެން ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހުކަމަށެވެ. އަދި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލު (އައި.ޖީ.އެމް.އެޗް) އަދި ސަރުކާރު ހޮސްޕިޓަލްތަކުން އައިނު ވިޔަފާރި ފެށުމަށް ނިންމެވީ އައިނަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކުރުމުން، އެއަގުގައި ދަށް ފެންވަރުގެ އައިނު ރައްޔިތުންނަށް ފޯރުކޮށްދީ، އެކަމުން އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒް ފައިދާ ނެގުމަށް ފުރުސަތު ނުދިނުމުގެ ގޮތުންކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން އައިނުގެ ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމާފައިވާކަން އިއުލާނު ކުރެއްވި އިރު އަމިއްލަ ކުންފުނިތަކުން ކުރަމުންދާ ބައެއް ވިޔަފާރިތައް ހުއްޓާލުމަށް ވެސް ރައީސް މުއިއްޒު ގޮވާލައްވާފައި ވެއެވެ. އެގޮތުން، ކުއްލި ގޮތަކަށް ގާނޫނާއި ގަވާއިދުތައް ވުޖޫދުކޮށް ބައެއް ވިޔަފާރިތައް ހުއްޓުމަކަށް ގެންނަން މަޖުބޫރުކޮށްފައިވާކަން ވިޔަފާރިވެރިންދަނީ ބުނަމުންނެވެ.
މީގެ އިތުރުން، ދިވެހިންނަށް ފެންވަރު ރަނގަޅު ބޭސް ގެނެސްދޭނެކަމަށް ބުނެ، ޔޫރަޕުން ބޭސް ގެނައުމަށް އިއުލާންކުރުމަށްފަހު، ބޭސް ގެނައުމަށް އިންޑިއާގައި ބޭސް އުފައްދާ ބަޔަކާ ވަނީ ހަވާލުކޮށްފައެވެ. ރާއްޖެ ބޭހަށް ޖެހުމުން އެކަމުގެ ޒިންމާ ވެސް ރައީސް މަތިކުރެއްވީ އަމިއްލަ ވިޔަފާރިތަކާ އެވެ.
އައިނު ހައްދަން އާސަންދައިން ދޭ ރުފިޔާ 2،000 ރުފިޔާއަށް ބޮޑުކުރުމަށް ނިންމާފައިވާކަން އިއުލާންކުރައްވައި ރައީސް ވިދާޅުވީ ދެން ޕްރައިވެޓް ސެކްޓަރ ގައި އައިނު ވިޔަފާރި ކުރާ މީހުން ކިތަންމެ ނުރުހުނަސް މައްސަލައެއް ނެތް ކަމަށެވެ.