ކ. މާލެ
|
30 މެއި 2025 | ހުކުރު 14:04
ކަމަދޫ އީދު އުފާ 1446 ވަނަ އަހަރުގެ ރަސްމީ ލަވަ ހުކުރު ދުވަހު ވަނީ ލޯންޗްކޮށްފައި
ކަމަދޫ އީދު އުފާ 1446 ވަނަ އަހަރުގެ ރަސްމީ ލަވަ ހުކުރު ދުވަހު ވަނީ ލޯންޗްކޮށްފައި
ރާއްޖެއެމްވީ
ކަމަދޫ އީދު ލަވަ
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
ކަމަދޫ އީދު އުފާގެ ރަސްމީ ލަވައިގެ މިއުޒިކު ހަދާފައިވަނީ ސޮނިކް ސްޓޫޑިއޯއިން މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ)
ލަވައިގެ ޅެން ހަދާފައިވަނީ ބ. ކަމަދޫ ދަރިއެއް ކަމަށްވާ މުހައްމަދު ޝަމީމު، ލަވައިގެ ޑައިރެކްޝަން ހެއްދެވީ ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު
ކަމަދޫގައި އީދުގައި ފެނިގެންދާނެ ކުޅިވަރުތަކާއި ކަމަދޫ ރައްޔިތުންގެ މެހެމާންދާރީ ލަވައިގެން ފެނިގެންދާނެ

1446 ވަނަ އަހަރުގެ ކަމަދޫ އީދު އުފާގެ ރަސްމީ ލަވަ ރިލީސްކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ރާއްޖެޓީވީއާއި ވާހަކަ ދައްކަވަމުން ވިދާޅުވީ އަޟްހާ އީދަށް މިފަހަރު ކަމަދޫއިން ނެރޭ ލަވައަކީ އަމިއްލަ ރާގަކަށް ހަދާފައިވާ ލަވައެއް ކަމަށެވެ. އޭނާ ވިދާޅުވީ ލަވައިގެ މިއުޒިކު ހަދާފައިވަނީ ސޮނިކް ސްޓޫޑިއޯއިން މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) އެވެ. އަދި ލަވައިގެ ޅެން ހަދާފައިވަނީ ބ. ކަމަދޫ ދަރިއެއް ކަމަށްވާ މުހައްމަދު ޝަމީމުއެވެ.

ޒަރީރު ވިދާޅުވީ ލަވައިގެ ޑައިރެކްޝަން ހެއްދެވީ އޭނާ އަމިއްލައަށް ކަމަށާއި، ކެމެރާކޮށްފައިވަނީ ނެނީ ފޮޓޯގަރަފީއިން ފާތިހު ކަމަށެވެ. މީގެ އިތުރުން ލަވައިގެ ކޮރެއޯގްރަފީ ހަދާފައިވަނީ އެ ރަށު އީލާފް ކަމަށެވެ.

މި ލަވައިގައި ދައްކައިދޭނީ ކަމަދޫއަށް އަންނަ މެހެމާނުން ތަކަކަށް ކަމަދޫގެ ރައްޔިތުންގެ އޮންނަ އިހުތިރާމާއި މެހެމާންދާރީއާއި މަރުހާބާކިޔުމާއި އަދި މެހެމާނުންނަށް އޮންނަ ލޯބި ފެނިގެންދާނެ. އަދި ކަމަދޫއަށް އަންނަންވީ ކީއްވެގެންކަން، ކޮން ކުޅިވަރުތަކެއް ހުރެގެންކަން އަދި ކަމަދޫ އީދު ޕްރޮމޯޓް ކުރުމުގެ ގޮތުން ރައްޔިތުން ދޭ ދައުވަތެއްގެ ގޮތުގައި ހަދާފައި އިން ލަވައެއް މިއީ.

ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު

ޒަރީރު ވިދާޅުވީ ލަވައިން ފެނިގެންދާނީ ކަމަދޫގެ މަންޒަރުތަކާއި ކަމަދޫ ރައްޔިތުން ކަމަށެވެ. އަދި މުޅި ލަވައިގެ ހުރިހާކަމެއްވެސް ކޮށްފައިވަނީ ކަމަދޫއިން ކަމަށާއި، އެއީ އެރަށުގެ ފަހުރުވެރި އުފެއްދުމެއް ކަމަށެވެ.

ކަމަދޫ އީދު ލަވަ ކިޔާފައިވަނީ ކުޑަ އިއްބެގެ އިތުރުން ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާއެވެ. ޒަރީރު ވިދާޅުވީ ލަވަ ކިއުމާއި މިއުޒިކު ފިޔަވައި ދެން މުޅި ލަވައިގައި ފެނިގެންދާނީ ކަމަދޫގެ އަމިއްލަވަންތަކަން ކަމަށެވެ.

އަޅުގަނޑު މި ގަބޫލުކުރަނީ މިދިޔަ އަހަރު އަޅުގަނޑުމެންގެ އަމިއްލަ ރާގެއް ނޫން، އެކަމަކު މިފަހަރު އަޅުގަނޑުމެންގެ އަމިއްލަ ރާގަކަށް މިހެދީ ލަވަ. އެހެންވީމަ މިދިޔަ އަހަރުގެ ލަވައަށް ވަކި ދުލެއްނުދީ މިދިޔަ އަހަރުގެ ލަވަޔަށްވުރެ ކޮލިޓީ ވާނެ ލަވަ. އަދި މާފުރިހަމަވެސް ވާނެ.

ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު

ޒަރީރު ވިދާޅުވީ ލަވައިގައި މަދު ކުޅިވަރެއް ފިޔައި ހުރިހާ ކުޅިވަރެއް ފެނިގެންދާނެ ކަމަށެވެ. ކަމަދޫ ބޮޑު އީދު ލަވަ ރިލީސްކޮށްފައިވަނީ ހުކުރު ދުވަހުގެ މެންދުރު 2 ޖެހި އިރުއެވެ. މި ލަވަ ކަމަދޫ ކައުންސިލާއި އީދުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ އިތުރުން ޔޫޓިއުބުން ފެންނާނެއެވެ.

ޒަރީރު ވިދާޅުވީ އީދަށް ތައްޔާރުުވުމަށް ކުރަންޖެހޭ މަސައްކަތުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޕްރެކްޓިސްއާއި އީދަށް ހަދަންޖެހޭ ތަންތަން ހެދުމުގެ ކަންކަން ނިމިފައިވާ އިރު، ބޭނުންވަނީ ވީހާވެސް ގިނަ ބަޔަކު އީދަށް އެރަށަށް އައުން ކަމަށް ޒަރީރު ވިދާޅުވިއެވެ.

އަޅުގަނޑުމެން ހާއްސަކޮށް އިންނާނެ މެހެމާނުންނަށް މަރުހަމާ ދެންނެވުވުމުގެ ގޮތުން ހައްޖު ދުވަހުގެރޭ ވަރަށް ބޮޑު އިވެންޓެއް، 100 އެއްހާ މީހުން ބޭނުންކޮށްގެން ކަމަދޫ ބަނދަރުމަތީގައި ކުޅޭ ކުޅިވަރެއް. އެ ކުޅިވަރުގައި އަޅުގަނޑުމެން މެހެމާނުންނަށް މަރުހަބާ ދެންނެވުން ކުރިއަށްދާނެ. އެއީ މެހެމާނުންނަށް ހާއްސަކޮށްފައިވަ އިވެންޓެއް. ރޭގަނޑު 8:45 ގައި ކުރިއަށްދާނެ ބަނދަރުގައި

ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު

ޒަރީރު ވިދާޅުވީ މިފަހަރުވެސް ހައްޖު ދުވަހުގެ ރެއިން ފެށިގެން ގޮސް ޖޫން 9 ވަނަ ދުވަހާ ހަމައަށް ކުޅިވަރުތައް މެދުނުކެނޑި ނަމާދު ވަގުތު ފިޔަވައި އެހެން ހުރިހާ ވަގުތަކުވެސް ކުޅިވަރުތައް ކުރިއަށްދާނެ ކަމަށެވެ. އަދި މިދިޔަ އަހަރަށްވުރެ މިއަހަރުގެ އީދު ފޯރިގަދަވާނެ ކަމަށާއި، ކުޅިވަރުތައް ވެސް އިތުރުވާނެ ކަމަށް ޒަރީރު ވިދާޅުވިއެވެ.

1446 ވަނަ އަހަރުގެ ޢަޟްޙާ އީދުގައި ކަމަދޫގައި ކުރިއަށްގެންދާ އީދު ކުޅިވަރުގެ ހުރިހާ ހަރަކާތެއް ރާއްޖެޓީވީން ލައިވްކުރުމާއި ގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. 5 ޖޫން 2025 އިން ފެށިގެން 9 ޖޫން 2025 އާއި ހަމައަށް ކަމަދޫގެ އީދު ހަރަކާތްތައް ލައިވް ކުރާނެއެވެ.

ނިމިދިޔަ އަޟްހާ އީދުގައި އެންމެ ވިދާލި ރަށަކީ ކަމަދޫއެވެ. ކަމަދޫގެ ޢީދުން ފާހަގަކޮށްލެވުނު ކަންކަމަށް ބަލާއިރު ޢީދު ކުޅިވަރު ފެށުމަށް ބޭއްވި ސްޓޭޖް ޝޯ އިން ރަށުގެ އިސް ރަށްވެހިންނާއި ރަށަށް ޚިދުމަތް ކުރާ މީހުންނާއި މެދު ބަހައްޓާ ގާތްކަން ހާމަވެގެން ދިޔައެވެ.

- ކޮމެންޓް