އިސްރާއީލުން ޔަމަނުގެ ވެރިރަށް ސަނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ހަމަލާދީފި އެވެ.
ހަމަލާއާ ގުޅިގެން އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވިދާޅުވެފައިވަނީ ބުދަ ދުވަހު ފައިޓަރ ޖެޓްތަކުން ޔަމަނުގެ ވެރިރަށް ސަނާގެ އެއަރޕޯޓުގައި ހުރި ހޫތީންގެ "ޓެރަރިސްޓް ލަނޑުދަނޑިތަކަށް" ހަމަލާދީފައިވާ ކަމަށެވެ.
އިސްރާއިލުން މި ހަމަލާ ދިނުމުގެ ކުރީ ދުވަހު ހޫތީން ވަނީ އިސްރާއީލަށް ހަމަލާ ދީފައެވެ.
"އެއަރ ފޯސްގެ ޖެޓްތަކުން ދެންމެ ސަނާގެ އެއަރޕޯޓުގައި ހުރި ހޫތީ ޓެރަރިސްޓް ޖަމާއަތުގެ ޓެރަރިސްޓް ލަނޑުދަނޑިތަކަށް ހަމަލާދީ، އެތަނުގައި ބާކީ އޮތް އެންމެ ފަހު މަތިންދާބޯޓު ވެސް ހަލާކުކޮށްލައިފިން،" ކަޓްޒް ބަޔާނެއްގައި ވިދާޅުވިއެވެ.
"މިއީ ސާފު މެސެޖެއް..... އިސްރާއީލް ދައުލަތަށް ހަމަލާދޭ ކޮންމެ ފަރާތަކުން ބޮޑު އަގެއް ދައްކަން ޖެހޭނެ،" އޭނާ އިތުރު ކުރެއްވިއެވެ.
މި ހަމަލާތަކުގެ ކުޑައިރުކޮޅެއްގެ ފަހުން ހޫތީ މީޑިއާ އިން އިސްރާއީލުން ސަނާގެ އެއަރޕޯޓަށް ހަމަލާދީފައިވާ ކަމަށް ބުނެފައިވެއެވެ.
މި ހަމަލާތައް އައީ އިރާނުގެ އެހީތެރިކަން ލިބޭ ހޫތީ ޖަމާއަތުން ދޫކޮށްލި ދެ މިސައިލެއް އިސްރާއީލަށް އަމާޒުވި ކަމަށް އިސްރާއީލުން ހާމަ ކޮށްފައި ވަނިކޮށްނެވެ.
ޔަމަނުގެ ބޮޑު ބައެއް ކޮންޓްރޯލްކުރާ ހޫތީން ވެސް އިސްރާއީލާ ދިމާއަށް ދެ "ބެލިސްޓިކް މިސައިލް" ފޮނުވާލި ކަމަށް ބުނެފައެވެ.
އިސްރާއީލުން ބުނީ އެ ދެ މިސައިލް މަތަ ކުރި ކަމަށެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ކުރަމުންދާ ޣައްޒާގެ ހަނގުރާމައިގައި ފަލަސްތީނު ރައްޔިތުންނާ އެއްބައިވުމުގެ ގޮތުން ހޫތީންގެ ފަރާތުން އިސްރާއީލަށް އަމާޒުކާޒުކޮށް ތަކުރާރުކޮށް މިސައިލްތަކާއި ޑްރޯންތައް ފޮނުވާފައިވެއެވެ.
ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ފާޅުކުރުމުގެ ގޮތުން ދެމުންދާ ހަމަލާތައް ހުތީން އަލުން ފެށީ، ދެ މަސް ދުވަހުގެ މުއްދަތަކަށް ހަނގުރާމަ މެދުކަނޑާލާފައި އޮތުމަށް ފަހު މާރޗް މަހު އިސްރާއީލުން އަލުން ޣައްޒާގައި އަސްކަރީ ޙަރަކާތްތައް ފެށުމާ ގުޅިގެންނެވެ.
ހޫތީންގެ ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ބެން ގުރިއޮން އެއަރޕޯޓުގެ އޮޕަރޭޝަން ތަކަށް ބޮޑެތި ލޮޅުންތައް އަރާފައިވާކަން ފާހަގަ ކުރެވެއެވެ.
ފާއިތުވި މަސްތަކުގައި އިސްރާއީލުން ވަނީ މި ހަމަލާތަކަށް ޖަވާބު ދިނުމުގެ ގޮތުން ޔަމަނުގައި އެކި ފަހަރު މަތިން ހަމަލާތައް ދީފައެވެ. މީގެ ތެރޭގައި ސަނާގެ އެއަރޕޯޓާއި ބަނދަރުތަކަށް ދިން ހަމަލާތައް ހިމެނެއެވެ.
އިސްރާއީލުގެ ސިފައިންގެ ފަރާތުން ބުނެފައިވަނީ ބުދަ ދުވަހު ދިން ހަމަލާތަކުން މި ޖަމާއަތަށް ނިސްބަތްވާ މަތިންދާބޯޓު ތަކެއް ހަލާކުކޮށްލެވުނު ކަމަށެވެ.
ހަމަލާ ދެވުނު މަތިންދާބޯޓުތަކަކީ ހޫތީ ޖަމާއަތުން އިސްރާއީލް ދައުލަތާ ދެކޮޅަށް ހަމަލާ ދިނުމުގައި މީހުން އުފުލުމަށް ބޭނުން ކުރި ބޯޓު ތަކެއް ކަމަށް ވެސް ބުނެފައިވެއެވެ.
ފާއިތުވި ހަފްތާގައި ޔަމަނުގެ ހުދައިދާ އަދި ސަލީފް ބަނދަރުތަކަށް ވެސް އިސްރާއީލުން ހަމަލާ ދީފައިވެއެވެ.