ކ. މާލެ
|
26 މެއި 2025 | ހޯމަ 09:22
ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ
ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ
ރާއްޖެއެމްވީ
ވ. އަތޮޅު ކުޑަފިނޮޅު
"ކައުންސިލަށް އެންގުމަކާ ނުލާ ވ. އަތޮޅު ކުޑަފިނޮޅަށް ބަޔަކު އަރާ މަސައްކަތްތަކެއް ކުރަމުން ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް"
އެ ފަޅުގެ މަސައްކަތް ކުރަމުންދަނީ ކޮން ބައެއްކަން އަދިވެސް ކައުންސިލް އަށް ސާފު ނުވޭ
އެ ފަޅަކީ ކައުންސިލްގެ އިޙްތިޞާސްގައި ހިމެނޭ ތަނެއް

ކައުންސިލަށް އެންގުމަކާ ނުލާ ވ. އަތޮޅު ކުޑަފިނޮޅަށް ބަޔަކު އަރާ މަސައްކަތްތަކެއް ކުރަމުން ދިއުމަކީ އެއީ ލާމަރުކަޒީ ޤާނޫނު އޮތްގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން ރާއްޖެޓީވީ އަށް ދެއްވި ބަސްތީގަތުމެއްގައެވެ. އެ ފަޅުގައި ބަޔަކު މަސައްކަތް ކުރާކަން ކައުންސިލަށް އެނގިފައި ވަނީ ހޮނިހިރު ދުވަހު ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އެ ފަޅުގެ މަސައްކަތް ކުރިއަށް ދާކަން އެނގުނީ ރައްޔިތުންގެ ފަރާތުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެ ފަޅުގެ މަސައްކަތްތައް ކުރިއަށް ދާނެކަން އެއްވެސް ފަރާތަކުން އެއްވެސް ވަރަކަށް ރަސްމީ ސިފައެއްގައި އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ އެ މަސައްކަތަކީ އެ ފަޅު ހަލާކުކޮށް ނައްތާލަން ބަޔަކު ގަސްތުގައި ކުރާ ކަމެއް ކަމަށް ސިފަކުރައްވާފައެވެ.

މިއީ އަބަދުވެސް ވ.އަތޮޅުގައި ހުރި ގުދުރަތީ ވަސީލަތްތައް ރައްޔިތުންނަށް ފައިދާ ވާ ގޮތަށް ކުރުމަށް އަޅުގަނޑުމެން ވަކާލާތުކުރަމުން ދަނިކޮށް އެއްވެސް އެހުމެއް ކެހުމެއް ނެތި ކުރަމުންދާ ކަމެއް. ޚާއްސަކޮށް މި ސަރަހައްދަކީ ވ.އަތޮޅަށް މުހިންމު ސަރަހައްދެއް، ފަޅެއް.

ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ

އޭނާ ވަނީ އެތަނަކީ ކައުންސިލްގެ އިހުތިޞާސްގެ ތެރޭގައި އޮތް ތަނެއް ކަމަށާއި ދައުލަތުގެ ބޭނުމަށް އެތަން ކައުންސިލްގެ ބަހެއް ނުހޯދާ ބޭނުން ނުކުރެވޭނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ރައްޔިތުން ބޭނުން ކުރަމުންދާ ތަންތަން ނޫން ތަންތަން ރިސޯޓް ހެދުމާއި އެހެން ބޭނުމަށް ބޭނުން ކުރުމަށް ވެސް އޭނާ ވަނީ އެދިލައްވާފައެވެ.

އެ ފަޅުގެ މަސައްކަތް ކުރަމުންދަނީ ކޮން ބައެއްކަން އަދިވެސް ކައުންސިލް އަށް ސާފު ނުވާ ކަމަށާއި މިއީ ވ.އަތޮޅުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވަނީ ވިދާޅުފައެވެ.

- ކޮމެންޓް