ކައުންސިލަރުން އިސްތިއުފާ ދިނުމުން އަލުން އިންތިޚާބު ބާއްވަން ސަރުކާރަށް ބޮޑު ކަމަކަށް ވުމަކީ މައްސަލަ އެއް ކަމަށާއި އެއީ ޒިންމާދާރު ގޮތެއް ނޫން ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ ޕީއެންސީގެ މެންބަރު އަލީ މޫސާއެވެ. އެ ބިލުގައި ވަނީ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ މެންބަރުންގެ ދައުރުގައި ބާކީ 548 ދުވަސް އޮންނަ ހާލަތުގައި ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް އިސްލާހެއް ހުށަހަޅާފައެވެ.
އެކަމާއި ގުޅިގެން އަމީން ވިދާޅުވީ މިއީ ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން 20 ވަނަ މަޖިލީހުގައި އިސްލާހު ގެންނަ ތިންވަނަ ފަހަރުކަމަށެވެ. އަދި ސަރުކާރުން ޚަރަދު ކުޑަކުރުމަށް ކުރާ ހަމައެކަނި ކަމަކީ މިއީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑު ހަނދާން ވާ ގޮތުން މިއީ މި ބިލަށް އިސްލާހު ގެންނަ ތިން ވަނަ ފަހަރު. މި މަޖިލީހުގައި. ހަމަހުން، އެއް އަހަރުން މިހާރު މިއޮތީ ދޮޅު އަހަރަށް ބަދަލުވެފައި. އެހެންވީމަ 6 މަހުން، 6 މަހުން ބަދަލުވަމުން މިދަނީ.
ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް![]()
އަމީން ވަނީ ސަރުކާރުން ޚަރަދު ކުޑަކުރުމަށް މިފަދަ ފިޔަވަޅުތައް އަޅާ އިރު އޭނާގެ ދާއިރާގައި ވެސް ޕްރޮޖެކްޓްތައް ނުހިނގާ ކަމަށް ފާހަގަކުރައްވާ އެކަމަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ކަނޑިތީމު ދާއިރާގައި 95 ޕަސެންޓު ނިމިފައި ހުރި އިންޖީނުގެ ރީލޮކޭޓް ކުރެވޭނެ ހާލަތެއް ވެސް ސަރުކާރަށް ހޯދާ ދެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަރަދު ކުޑަކުރަން ކައުންސިލްތަކުގެ އިންތިޚާބު ނުބޭއްވޭނެ ހާލަތުތައް ހޯދާ އިރު ގިނަ އަދަަކަށް އަދިވެސް މީހުން ވަޒީފާތަކަށް ނަގަމުންދާތީ އެކަމަށް ވެސް އޭނާ ވަނީ ފާޑު ވިދާޅުވެފައެވެ. އަމީން ވަނީ މި ސަރުކާރުން ރަށްރަށުގެ މަސައްކަތްތައް ކުރިއަށް ނުގެންދާތީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.