ކުއްލި ގޮތަކަށް ސަސްޕެންޑްކޮށްފައިވާ ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިއާ މަޤާމުން ވަކިކޮށްފިއެވެ.
20 މެއި 2025 ވީ އަންގާރަ ދުވަހު އެސްޖީ ޒީނިއާ ސަސްޕެންޑްކޮށްފައިވަނީ ތިން ދުވަހުގެ މުއްދަތަށެވެ. އިތުބާރު ހުރި މަސްދަރަކުން ޒީނިއާ ވަކިކުރިކަން ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ އިރު ޒީނިއާ ސަސްޕެންޑް ކުރީ އިންޒާރެއް ދިނުމަކާއި ނުލާ ވަރަށް ބޮޑަށް ސުވާލު އުފެދޭ ގޮތަށެވެ.
އެގޮތުން ޒީނިއާ ސަސްޕެންޑް ކުރި މައްސަލައާ ގުޅޭގޮތުން މީގެ ކުރިން ރާއްޖެއެމްވީއަށް ޒީނިއާ ވިދާޅުވެފައި ވަނީ މިމަހުގެ 20 ވީ އަންގާރަ ދުވަހު ހެނދުނު ކޮމިޝަންގެ މެންބަރުން ބޭއްވި ބައްދަލުވުމުގައި އޭނާގެ ސުލޫކީ މައްސަލަތަކެއް ހުރި ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެކަމާއި މެދުޖަވާބުދާރީވުމަށް އަންގާފައިވަނީ ކުއްލި ގޮތަކަށް ކަމަށެވެ. އަދި އޭނާ އާއި ސުލޫކީ މައްސަލައާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒީނިއާ މަޤާމުން ވަކިކުރި މައްސަލަ އާއި މެދު ސުވާލުކުރުމަށް ބްރޯޑްކޮމްގެ ރައީސާ ސޮފާ ޝަފީގާއި ޒީނިއާ އާއި ދެ ބޭފުޅުންނަށް ރާއްޖެ އެމްވީން ކުރި މަސައްކަތް ވަނީ އަދި ކާމިޔާބުވާ ގޮތް ނުވެފައެވެ.
އެހެންނަމަވެސް ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބްރޯޑްކޮމްގެ ބައެއް މެމްބަރުން ވިދާޅުވެފައި ވަނީ ޒީނިއާ ސަސްޕެންޑް ކުރީ އޭނާ ބްރޯޑްކޮމްގެ ޒިންމާތައް އަދާ ނުކުރާތީ އާއި މެމްބަރުންގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް އަމަލުކުރާތީ ކަމަށެވެ.
މިފަދަ މައްސަލަ އެއް ފެންމަތިވެފައިވާ އިރު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންގެ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ތަކުރާރުކޮށް ދިމާވަމުންދާ ގޮންޖެހުންތަކާއި ގުޅިގެން ރަައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވަނީ ހުށަހަޅާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް އެޑްރެސްކޮށް ފޮނުއްވާފައިވާ ޕެޓިޝަންގައި ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައިވެއެވެ.
އެ ޕެޓިޝަންގައި ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް އާއި ޑިރެކްޓަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އެޅޭގޮތަށް ކޮމިޝަނުގެ ރައީސްގެ ފަރާތުންނާއި ބައެއް ކޮމިޝަން މެންބަރުންގެ ފަރާތުން އިދާރީ ހިންގުމުގެ އެންމެހާ ކަންކަމާއި ވަކި ޙައްދެއް ޙުދޫދެއް ނެތި، އިދާރީ އޮނިގަނޑަށް އިހްތިރާމް ކުރުމެއް ނެތި، ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އަޅަމުންގެންދާ ކަމަށް ފާހަގަކޮށްފައިވެއެވެ.
މި ޕެޓިޝަން ހުށަހެޅުމާއި އެކު މުވައްޒަފުންނަށް އިތުރަށް ބިރު ދައްކަމުންދާ ކަމަށް މީގެ ކުރިން ރާއްޖެ އެމްވީ އާއި ވާހަކަދެއްކި ބްރޯޑްކޮމްގެ ސްޓާފުން ވަނީ ބުނެފައެވެ. މީގެ އިތުރުން ބްރޯޑްކޮމްގެ އައިޓީ އޮފިސަރ ފަަޒީލް ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.