މީޑިއާތައް ނައްތާލާ ނޫސްވެރިންނަށް އަދަބު ދެވޭގޮތަށް ހުށަހެޅި މީޑިއާ ބިލާއި ގުޅިގެން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާރނަލިސްޓްސް އެސޯސިއޭޝަން (އައިއެފްޖޭ) އިން ވަނީ އެ ބިލު ކުށްވެރިކޮށް، އެ ބިލު ވަގުތުން އަނބުރާ ގެންދިއުމަށް ގޮވާލައިފި އެވެ.
އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާރނަލިސްޓްސް އެސޯސިއޭޝަން (އައިއެފްޖޭ) އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލުގައި، މިހާރުގެ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އުވާލައި، މި ދެ މުއައްސަސާގެ ބަދަލުގައި އިތުރު ބާރުތަކާއި ކޮންޓްރޯލްތަކެއް ލިބިގެންވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން" އެއް އުފެއްދުމަށް ހުށަހަޅާފައިވާތީ އެކަމާއި ކަންބޮޑުވާ ކަމަށެވެ.
އަދި ހުށަހެޅިފައިވާ ބިލުގެ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި، އަދި ޑްރާފްޓް ނުކުރެވި ހުރި ކޮމިޝަންގެ ގަވާއިދުތަކާ ޚިލާފުވާ ނޫސްވެރިންނަށް 5،000 އާއި 25،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއި، މީޑިއާ ވަސީލަތްތަކަށް 100،000 ރުފިޔާ އިން ޖޫރިމަނާ ކުރުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން، ތަޙުޤީޤުތަކުގެ ތެރޭގައި މީޑިއާގެ ރަޖިސްޓްރޭޝަން ހިފެހެއްޓުމާއި، ނޫސްތަކުގެ ވެބްސައިޓްތައް ބްލޮކްކުރުމާއި، ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ކޮމިޝަނަށް ލިބިގެންދާ ކަމަށެވެ.
މިހާރު ހުށަހެޅިފައިވާ މި ބިލާ އެއްގޮތް ބިލެއް ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 2024 ގެ ނޮވެމްބަރުގައި ހަމަ މި ސިޔާސީ ފަރާތުން ކަން އައިއެފްޖޭއިން ފާހަގަކޮށްފައިވެއެވެ. އަދި މީޑިއާތައް ދެކޮޅު ހެދުމާއި ގުޅިގެން އެ ބިލު އަނބުރާ ގެންދިޔަ އެވެ. އަދި މި ފަހުން ހުށަހެޅި ބިލުގައި ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ އައު ކޮމިޝަނެއް އުފެއްދުމަށް ހުށަހަޅާފައިވާ އިރު، މީގެ ތެރެއިން ތިން މެންބަރުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ ގޮތަށާއި، ހަތަރު މެންބަރުން މީޑިއާ ދާއިރާއިން ނޮމިނޭޓްކުރާ ގޮތަށް ހިމަނާފައިވެއެވެ. އަދި ކުރީގެ މޮޑެލްއާ ޚިލާފަށް، މުހިންމު ބާރުތަކެއް ލިބިގެންވާ ކޮމިޝަންގެ ރައީސް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ހުށަހަޅާފައިވެއެވެ.
އައިއެފްޖޭއިން ބުނެފައިވަނީ މި ބިލު އެކުލަވާލެވިފައިވަނީ ނޫސްވެރިންނާއި، އެމީހުންގެ ޔޫނިއަންތަކާއި، މީޑިއާ ވަސީލަތްތަކާ މަޝްވަރާ ނުކޮށް ކަމަށާއި، މިކަމުން ބިލުގެ އަސްލު މަޤްޞަދާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ހުށަހެޅިފައިވާ ބިލުން މިނިވަން ނޫސްވެރިކަން ހަނިކޮށް، ނޫސްވެރިންގެ މެދުގައި ބިރުވެރިކަމާއި ނުރައްކާތެރިކަމުގެ މާހައުލެއް އުފެދިގެންދާނެ ކަމަށެވެ. މީޑިއާތަކުން އިންތިޚާބުކުރާ މެންބަރުން، މަޖިލީހުގެ އިތުބާރު ނެތްކަމުގެ ވޯޓަކުން ވަކިކުރެވޭ ގޮތަށް އޮތުމަކީވެސް އޭގެ މިނިވަންކަމާއި އޮޓޮނޮމީއަށް އުނިކަމެއް ގެނުވާނެ ކަމެއް ކަމަށް އައިއެފްޖޭ އިން ބުނެ އެވެ.
އައިއެފްޖޭ އިން ބުނީ މީޑިއާ ރެގިއުލޭޓް ކުރުމަށް ހަގީގީ މަޝްވަރާއާއި އިންޑަސްޓްރީގެ ބައިވެރިވުން ބޭނުންވާ ކަމަށެވެ. ނޫސްވެރިންނާއި އެފަރާތްތަކުގެ ޔޫނިއަންތަކާ ގުޅުން ބަދަހިކުރުމުގެ ބޭނުންތެރިކަމަށް އިހުމާލުވުމަކީ ނޫސްވެރިކަން ހަރުދަނާކޮށް ޑިމޮކްރަސީ އާއި ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމުގެ ހަގީގީ އަމާޒަށް އޮތް އަސާސީ އޮޅުމެއް ކަމަށް އައިއެފްޖޭއިން ބުނެފައިވެއެވެ.