މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ބަންގްލަދޭޝްގެ ތިން މީހުން ހައްޔަރުކޮށްފިއެވެ.
އާދިއްތަ ދުވަހު ފުލުހުން ބުނީ، މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން މި މެއި މަހުގެ 22 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ގަލޮޅު ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 350.92 ގުރާމް ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ އެމްޑީ މެހެދި ހަސަން (29އ) އާއި، އަބު ތަލެބް (47އ) އާއި، އެމްޑީ ސަލާމް މިއާ (41އ) އެވެ.
މީގެ އިތުރުން މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.