ކ. މާލެ
|
24 މެއި 2025 | ހޮނިހިރު 12:58
 މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް މާލޭ ސިޓީގެ އަހަރީ އާއްމު ކޮންފަރެންސްގައި ވާހަކަދައްކަވަނީ - 24.05.2025
މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް މާލޭ ސިޓީގެ އަހަރީ އާއްމު ކޮންފަރެންސްގައި ވާހަކަދައްކަވަނީ - 24.05.2025
ރާއްޖެއެމްވީ
މާލެ ސިޓީ ކައުންސިލްގެ އަހަރީ އާއްމު ކޮންފަރެންސް
ކައުންސިލް ނިޒާމަކީ އެކަހެރިވެފައި އޮންނަން ޖެހޭ ނިޒާމެއް ނޫން : އާޒިމް
އާޒިމް ވަނީ ލާމަރުކަޒީ ނިޒާމްގެ މުސްތަގްބަލް ރަނގަޅު ކަމަށާއި އެ މަގްސަދު ހާސިލް ކުރެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށް ވިދާޅުވެފަ
އަހަރީ އާއްމު ކޮންފަރެންސަކީ ރަށްފުށުގެ ފައިދާ އާއި ލާބަ އަށް ކުރަން ޖެހޭ މަސައްކަތްތައް ހަރުދަނާކުރުމަށް ލިބޭ ފުރުސަތެއް ކަމަށް އާޒިމް ވަނީ ފާހަގަކުރައްވާފަ
ވަކިވެގަތުމާއި ބައިބައިވެގަތުމަކީ ލާމަރުކަޒީ ނިޒާމް ދަންނަ ކަމެއް ނޫން ކަމަށް އާޒިމް ވިދާޅުވި

ކައުންސިލް ނިޒާމަކީ އެކަހެރިވެފައި އޮންނަން ޖެހޭ ނިޒާމެއް ނޫން ކަމަށާއި، ވަކިވެގަތުމާއި ބައިބައިވެގަތުމަކީ ލާމަރުކަޒީ ނިޒާމް ދަންނަ ކަމެއް ނޫން ކަމަށް މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ އަހަރީ އާއްމު ކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ.

ލާމަރުކަޒީ ނިޒާމަކީ ވަކި ވަކި އަތޮޅާއި ރަށްތަކުގައި އެބަ އެއްގެ ކަންކަން އެބަޔަކު އަމިއްލަ އަށް ނިންމުމުގައި އެންމެ ބޮޑު ބާރެއް ލިބޭ ނިޒާމް ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. ސަރުކާރެއްގެ އެންމެ ބޮޑު ޒިންމާ އަކީ ކައުންސިލްތަކާއި ގުޅިގެން އާއްމުން ބޭނުންވާ ޚިދުމަތްތައް ދެވޭނެ ވެއްޓެއް ޤާއިމްކުރުން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށް ގައުމީ ތަަރައްޤީ ރަނގަޅަށް ލިބޭނީ ވެސް ކައުންސިލްތަކާއި ސަރުކާރާއި މެދު އިޚުތިރާމް ކުރެވޭ ފަދަ ގުޅުމެއް އުފެދިގެން ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ލާމަރުކަޒީ ނިޒާމް ފުރިހަމަ ގޮތުގައި ތަރައްޤީ ކުރެވޭނީ މައިސަރުކާރާއި، ރަށްފުށުގައި ސަރުކާރުގެ ތަފާތު އިދާރާތަކުން ޤާއިމްކޮށްފައިވާ އެކިއެކި ވަސީލަތްތައް ފުރިހަމަގޮތުގައި ހިއްސާކުރެވިގެން ކަމަށް އޭނާ ވިދާޅުވިއެވެ. ލާމަރުކަޒީ ނިޒާމް ރޭވިފައިވާ ގޮތަކީ ވެސް އެއީ ކަމަށް އާޒިމް ވިދާޅުވިއެވެ.

ގުދުރަތީ ކާރިސާތަކުން ސަލާމަތްވުމަށް ފުރުސަތު ލިބި، ސަލާމަތާއި ރައްކާތެރިކަން ލިބި ކަންކަން އަވަހަށް ނިންމިގެން ދާނެ. ރައްޔިތުންގެ ބޭނުންތައް އެންމެ ފަސޭހައިން ދެނެގަނެވޭނެ ނިޒާމަކީ ލާމަރުކަޒީ ނިޒާމް. ލިބިފަވާ ކުޑަ ބަޖެޓުން ކައުންސިލްތަކުން ވަނީ ނަމޫނާ މަސައްކަތްތަކެއް ކޮށްފައި.

މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް

އާޒިމް ވަނީ މި ނިޒާމްގެ ފައިދާ އެކަށީގެންވާ ގޮތެއްގައި ކުރާނީ ކައުންސިލްތަކުގެ ބައިވެރިވުމާއި އެކު މައި ސަރުކާރުން މަސައްކަތްކޮށްގެން ކަމަށް ވިދާޅުވެފައެވެ. ކައުންސިލްތަކުގެ މަގްސަދު ހާސިލްކުރުމަށާއި ލާމަރުކަޒީ ނިޒާމަށްޓަކާ އަހަރީ އާއްމު ކޮންފަރެންސްގެ މުހިންމު ކަމަށް އާޒިމް ވަނީ އަލިއަޅުވާލައްވާފައެވެ.

އެގޮތުން އެ ކޮންފަރެންސަކީ ރަށްފުށުގެ ފައިދާ އާއި ލާބަ އަށް ކުރަން ޖެހޭ މަސައްކަތްތައް ހަރުދަނާކުރުމަށް ލިބޭ ފުރުސަތެއް ކަމަށް އާޒިމް ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ލޯކަލް ކައުންސިލްތައް ބާރުވެރިކުރުވުމާއި މެދު އެ ކޮންފަރެންސް މެދުވެރިކޮށް ކައުންސިލްތަކުގެ މެދުގައި މަޝްވަރާކުރައްވާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ލޯކަލް ކައުންސިލްތައް ބާރުވެރިކޮށް، ކައުންސިލްތަކުގެ ދައުރަށް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތައް އަހުލުވެރިކުރުވުމަކީ ވެސް މި ކޮންފަރެންސްގެ މަޤްސަދެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ ލާމަރުކަޒީ ނިޒާމްގެ މުސްތަގްބަލް ރަނގަޅު ކަމަށާއި އެ މަގްސަދު ހާސިލް ކުރެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށް ވެސް ވިދާޅުވެފައެވެ.

- ކޮމެންޓް