ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް ދިވެހިރާއްޖެ ލާމަރުކަޒުކުރުމުގައި ޗެމްޕިއަނަކަށް ވާން އަދި ވަރަށް ގިނަ މަސައްކަތް ކުރަން ޖެހޭ ކަމަށާ ސެމީއާ ހިސާބަށް ވެސް އަދި ނުދެވޭ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަހު ބައެއް ކައުންސިލްތަކުން ބައިވެރިވެ ކުރިއަށް ގެންދިއަ "މަހަލީ ހައްލު ކޮންފަރެންސް" ގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ އަތޮޅުތަކުގެ ރަށްތައް ލާމަރުކަޒު ކޮށްގެން ކައުންސިލްތަކަށް ބާރުދީ ކައުންސިލްތަކުގެ އިހުތިސާސް އިތުރަށް ފުޅާކުރި ނަމަވެސް އާމްދަނީ އިތުރަށް ލިބޭނެ ގޮތްތަކެއް ފަހިކޮށް ނުދޭނަމަ އަތޮޅުތަކާ ރަށްތައް ތަރައްގީ ނުކުރެވޭނެ ކަމަށެވެ.
ނިޒާރު ވިދާޅުވީ އަތޮޅުތެރޭގެ ރަށްތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ރަށެއްގައި ދިރިއުޅެމުންދާ ރައްޔިތުން އެ ރަށަކަށް ކުރާ އިތުބާރު ގާއިމް ކުރެވިފައި ނެތުން ކަމަށެވެ. އަދި އެ އިތުބާރު ދުރުގަ ތިބި ބަޔަކަށް ގާއިމު ނުކުރެވޭނެ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ. އެހެންކަމުން އެކަން ކުރުމަށްޓަކައި ރަށުގައި ތިބޭ މީހުންނަށް އެ ފުރުސަތު ސަރުކާރުން ފަހި ކޮށްދޭން ޖެހޭ ކަމަށް ނިޒާރު ވިދާޅުވިއެވެ.
އެހެންވީމާ އަޅުގަނޑުމެންގެ ރައީސް ޑރ. މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާނީ އެގޮތަށް. އަދިއެއް ނުފެނޭ ޗެމްޕިއަންކަން ލިބޭ ތަނެއް. ރަނަރަޕަކަށް ވެސް އަދިއެއް ނުވޭ. ސެމީއަކަށް ވެސް ނުދެވޭ އަދިއެއް. އެހެންވީމަ ޗެމްޕިއަނަކަށް ވާން އަދި ވަރަށް މަސައްކަތް ކުރަންޖެހޭ އަޅުގަނޑުމެންގެ އިތުބާރު ހޯދަން. ޗެމްޕިއަނަކަށް ވާނީ އަޅުގަނޑުމެން ކައުންސިލްތަކުގެ އިތުބާރު ލިބިގެން،
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު![]()
މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، 18 ވަނަ ދުވަހު އަމަލުކުރަން ފެށި ގާނޫނުގައި މިހާރު އޮންނަ ގޮތުން ނަމަ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެއެވެ.
އަދި ކައުންސިލްތަކަށް އާމްދަނީ ދޫކުރަން ވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެއް ކަން ވެސް މިހާރު އެ ގާނޫނުގައި ވެއެވެ.
އަދި ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކަމަށާއި، އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް އެ މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ ކަމަށް ގާނޫނުގައި މިހާރު ބުނެއެވެ.